ރާއްޖެ ކުޅިވަރު

ޓްރޭނިން ކޭމްޕުގެ މަގްސަދަކީ ކުޅުންތެރިން ދެނެގަތުން: ގައުމީ ކޯޗު

ސާފް ސުޒުކީ ކަޕަށް ތައްޔާރުވުމުގެ ގޮތުން މެލޭޝިޔާގައި މިއަދު ކޭމްޕް ކުރުމުގެ މަގްސަދަކީ ކުޅުންތެރިން ދެނެގަތުން ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ރިކީ ހާބަޓް ބުނެފި އެވެ.

މާލެއިން ޓީމު ފުރުމުގެ ކުރިން އިއްޔެ މެންދުރު ބޭއްވި އެންމެ ފަހުގެ ފަރިތަކުރުންތަކަށް ފަހު ކޯޗު ބުނީ ކުޅުންތެރިން ވަނީ މިހާތަނަށް ވަރަށް ބުރަކޮށް މަސައްކަތްކޮށްފައި ކަމަށާއި މިހާތަނަށް އޭނާ ބެލީ ފިޓްނަސް ރަނގަޅު ކުރަން ކަމަށެވެ.

"މެޗުތައް ކުޅުން ދެން އޮތީ. ޓީމު އެކިއެކި ތަފާތު ފޯމޭޝަންތަކަށް ކުޅުވާނަން. ކުޅުންތެރިން ވެސް އެކި ޕޮޒިޝަންތަކަށް ކުޅުވާނަން. އަހަރެން ބޭނުންވަނީ ކުޅުންތެރިން ދެނެގަނެ އެންމެ ރަނގަޅު ޓީމު މުބާރާތަށް ގެންދަން،" ކޯޗު ބުންޏެވެ.

މެލޭޝިޔާގައި 29 ކުޅުންތެރިންނާއެކު ކޭމްޕް ކުރި ނަމަވެސް ޑިސެމްބަރު 23 އިން ޖެނުއަރީ ތިނަކަށް އިންޑިޔާގައި ބާއްވާ މުބާރާތަށް ގެންދާނީ 20 ކުޅުންތެރިންނެވެ. މެލޭޝިޔާގައި ގައުމީ ޓީމު ފަސް މެޗެއް ކުޅޭނެ އެވެ. މީގެ ތެރޭގައި ރާއްޖޭގެ ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ކުޅެމުން އަންނަ ޕީޑީއާރުއެމްއާ ދެކޮޅަށް ވެސް މެޗެއް ކުޅޭނެ އެވެ.