އެފްއެސްއެމް

އޮރެންޖް ކުލައާއެކު އެފްއެސްއެމަށް އާ ލޯގޯއެއް

Dec 19, 2021

ރަސްމީ ކުލައެއްގެ ގޮތުގައި ނޫ ކުލަ ބޭނުން ކުރަމުން ގެންދިޔަ، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން އޮރެންޖު ކުލައަށް ބަދަލުކޮށް އާ ލޯގޯއަކާއެކު ރީ ބްރޭންޑްކޮށްފި އެވެ.

އެފްއެސްއެމް އިން ކުރިން ބޭނުންކުރި ލޯގޯ އަށް ބަދަލު ގެނެސްފައި ވަނީ އެ ލޯގޯ ބޭނުން ކުރަމުންދާތާ ގިނަ ދުވަސްތަކަށްފަހު އެވެ. އަލަށް ބޭނުން ކުރަން ފެށި ލޯގޯގެ އިތުރުން އެ ކުންފުނިން ވަނީ ޓެގްލައިނެއްގެ ގޮތުގައި "ފިއުލިން ދަ ނޭޝަން" ބޭނުން ކުރަން ފަށާފަ އެވެ.

ރީބްރޭންޑް ކުރުމާއެކު އެ ކުންފުނީގެ މުވައްޒަފުންގެ ޓީޝާޓާއި ޔުނީފޯމު ވެސް ވަނީ އޮރެންޖް ކުލައަށް ބަދަލުވެފަ އެވެ. ކުރިން ނޫކުލައިގެ ޓީޝާޓް ލަމުން ދިޔަ ކުންފުނީގެ ޔުނީފޯމަށް ގެނައި މި ބަދަލުގެ އިތުރުން ފިއުލް ޝެޓްތަކުގެ ކުލަ ވެސް ވަނީ އޮރެންޖް ކުލައަށް ބަދަލުކޮށްފަ އެވެ. އެހެންވެ މިހާރު އެފްއެސްއެމްގެ ރަސްމީ ކުލައަކީ އޮރެންޖް ކުލަ އެވެ.

މި ބަދަލާ ބެހޭ ގޮތުން އެ ކުންފުނީގެ އެމްޑީ މުހައްމަދު ގަސަމްއަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު ތަފުސީލު ލިބޭގޮތެއް ނުވި އެވެ.

ނަމަވެސް، ރީބްރޭންޑް ކުރުމާ ބެހޭ ގޮތުން ގަސަމް އަވަސް އަށް ކުރިން ވިދާޅުވެފައިވާ ގޮތުގައި މި ބަދަލުގެ މަގުސަދަކީ ކުންފުނީގެ އިމޭޖު ބަދަލު ކޮށްލުމެވެ.

"އެފްއެސްއެމްއޭ ބުނީމަ ނޭނގޭ މިއީ ކިހާވަރެއްގެ ކުންފުންޏެއް ކަމެއް. މި ކުންފުނީގެ ކުލައަކީ ކޮބައި ކަމެއް. މިސާލަކަށް އެމްޓީސީސީ އެބަ އެނގޭ. ނޫނީ އެސްޓީއޯ ވިއްޔާ އެނގޭ ގަދަ ނޫކަން. އެކަމަކު އަޅުގަނޑުމެން މިހާރު ނޭނގެ ކުލައަކީ ހުދު ކަމެއް ނޫ ކަމެއް ނޫނީ ފެހި ކަމެއް،" ގަސަމް ވިދާޅުވި އެވެ.