ދިވެހި ޕްރެމިއާ ލީގު ނިމިގެންދިޔައިރު އެންމެ ފާހަގަ ކުރެވުނީ އަށް ޓީމުގެ ތެރެއިން ތިން ޓީމެއްގައި ބިދޭސީ ކީޕަރުން ތިބުމެވެ. މީގެ ތެރެއިން އީގަލްސްގެ ކީޕަރު ސްރީލަންކާގެ ސުޖަން ޕެރޭރާ އަކީ ފާހަގަކޮށްލަންޖެހޭ މީހެކެވެ. އޭނާއަކީ މިއަދުފަށާ ސާފް ސުޒުކީ ކަޕުގައި ލަންކާގެ ގޯލު ބަލަހައްޓާނެ ކީޕަރެވެ.
ގިނަ ކޯޗުންގެ ނަޒަރުގައި ސުޖަން ރާއްޖޭގައި ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. އީގަލްސް އަށް ކުޅެން އޭނާއައިރަށްވުރެ ރާއްޖެއިން ފުރައިގެންދިޔައީ އެތައްގޮތަކުން މޮޅު ކީޕަރަކަށް ވެހުރެ އެވެ. ރާއްޖޭގެ ލީގުގައި ކުޅެ، ރާއްޖެއާ ދެކޮޅަށް ނުކުންނަން ސުޖަން ތައްޔާރުވުމަކީ ވިސްނާލަންޖެހޭ ކަމެއްކަން އެންމެ ބޮޑަށް ފާހަގަކުރި ކޯޗަކީ ވެސް އީގަލްސްގެ ކޯޗު އިހުސާން އަބުދުލްގަނީ (ސާންތީ) އެވެ.
"ލީގެއް ނިމިގެންދާއިރު އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ ވަރަށް ގިނަ ކަންކަމާމެދު. މިސާލަކަށް ބަލާނަމަ އީގަލްސްގައި މިހުރީ ލަންކާ ކީޕަރެއް. އަޅުގަނޑުމެން ރާއްޖޭގެ ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރޭނަރު އަސްލަމްގެ ޓްރޭނިންތަކުން ސުޖަން އިތުރަށް މޮޅުކޮށްމިދެނީ. ޔަގީނުން ވެސް ސުޖަން ކުޅޭނެ ލަންކާ ޓީމަށް. އޭނާ މާލެ އައިރަށްވުރެ މިހާރު އެތައް ގޮތަކުން މޮޅު ކީޕަރަކަށް ވެފައި އެހުރީ. ލަންކާއަކީ އަޅުގަނޑުމެންނާ ވާދަކުރާ ގައުމެއް. ކުރިއަށް މިއޮތީ ސާފް ޗެމްޕިއަންޝިޕް (ސުޒުކީ ކަޕް). މިއީ އަޅުގަނޑުމެން ކުޅުންތެރިން ވެސް ވިސްނާލަންޖެހޭ ކަމެއް،" ސާންތީ ބުންޏެވެ.
ސުޖަން ވަނީ ލީގުގެ ތިން ވަނަ މަގާމު އީގަލްސް އަށް ހޯދައިދިނުމުގައި ވެސް މުހިންމު ދައުރެއް އަދާކޮށްފަ އެވެ. މިހެންވެ އަންނަ ސީޒަނުގައި ވެސް އޭނާ ގެނައުމަށް އީގަލްސްއިން ވަނީ ނިންމާފަ އެވެ. ނަމަވެސް ރާއްޖެއާ ވާދަވެރި ގައުމެއްގެ ބިދޭސީ ކީޕަރަކު އިތުރަށް މޮޅުކޮށްދެވޭތީވެ ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރޭނަރު އަސްލަމް ވެސް ހުރީ މުޅިން ހިތްހަމަޖެހިފައިނޫނެވެ.
"އަސްލު ބުނެވޭނީ މިއީ އޭނާގެ މަސައްކަތޭ. އޭނާ ކުރިއަރަން ބޭނުންވޭ. އެމަސައްކަތްކުރަން އޭނާ ބޭނުންވާ ވަރުން އެހާ އަވަހަށް ކުރިއަށް އެދަނީ. އަސްލު ރާއްޖޭގައި ހުނަރުވެރި މޮޅުވާނެ ކީޕަރުން އެބަތިބި. އެކަމަކު އެ ކުޅުންތެރިން މޮޅުވާން ނޫޅޭތީވެ ބިދޭސީ ކީޕަރުން ޓްރޭންކުރަން މިޖެހެނީ،" އަސްލަމް ބުންޏެވެ.
ނިއުރޭޑިއަންޓާއި ވެލެންސިއާ އަދި ގައުމީ ޓީމުގެ ކުރީގެ ކީޕަރު އަސްލަމް ކުޅުން ހުއްޓާލުމަށްފަހު މިވީހާތަނަށް ވަނީ ރާއްޖެގައި ތިބި ހުރިހާ ކީޕަރުންނަށްހެން ޓްރޭނިން ދީފަ އެވެ. ނަމަވެސް އަސްލަމް ބުނީ ބައެއް ކީޕަރުންގެ ފަރާތުން ފެންނަނީ ކަންނެތްކަން ކަމަށެވެ.
"މިހާރު އެމީހުން (ދަނޑަށް) އައިސް އަހަންނަށް ފެންނައިރު ވެސް އެނގޭ މިހުރީ މޫޑުގޯސްކޮށްކަން. މޮޅުވާނެ ކީޕަރުން އެބަތިބި މަސައްކަތްކޮށްފިއްޔާ. އެކަމަކު ގިނަ ކީޕަރުން ނޫޅޭ އަސްލު މޮޅުވާން. މަސައްކަތެއް ކޮށްގެން ޓީމުން ޖާގަ ހޯދަންބޭނުންވަނީ މަދު ކީޕަރެއް. ބިދޭސީ ކީޕަރުން ޓްރޭންކުރާކަށް އަސްލު އަހަރެން ވެސް ބޭނުމެއްނޫން. އެކަމަކު ބުނަންޖެހޭނީ އެމީހުންނޭ މޮޅުވާން މަސައްކަތް ކުރަނީ،" ކުރީގެ އެއްވަނަ ކީޕަރު ބުންޏެވެ.
މި އަހަރުގެ ސީޒަނުގައި ނިއުރޭޑިއަންޓްގެ ގޯލު ބެލެހެއްޓީ އުޒުބަކިސްތާނުގެ އަލީޝާ އަހްމެދޯފެވެ. ގައުމީ ކީޕަރު އިމްރާން މުހައްމަދަށް އަނިޔާވުމުން ސީޒަނުގެ ބޮޑުބައެއްގައި މާޒިޔާގެ ގޯލު ބެލެހެއްޓީ ކިރިގިސްތާނުގެ ކީޕަރު ޕަވެލް މަޓިއަޝް އެވެ. އީގަލްސްގައި ހުރީ ސުޖަން އެވެ.
އަނެއް ފަސް ޓީމަށް ބަލާއިރު ވެލެންސިއާގައި ހުރީ ސުޒުކީ ކަޕަށް ނެގި ގައުމީ ސްކޮޑުން ބާކީކުރި އަހުމަތު އާތިފް އެވެ. ވިކްޓަރީގެ ކީޕަރުކަން ކުރީ ތޮލާލް ހަސަން އެވެ. ބީޖީގެ ކީޕަރަކަށް ހުރީ ގައުމީ ޓީމުގެ ރިޒާވް ކީޕަރު އިބްރާހީމް އިފްރާހު އަރީފެވެ. ޓީސީގެ ކީޕަރުކަން ކުރީ އިމްރާނަށް އަނިޔާވުމުން ގައުމީ ޓީމުގެ ގޯލު ބަލެހެއްޓި މުހައްމަދު އިމްރާނެވެ. ރާއްޖޭގައި ދެންތިބި ކީޕަރުންނަށް ބަލާއިރު ސީޒަނުގެ ކުރީކޮޅު ލިބުނު އަނިޔާއެއްގެ ސަބަބުން މުޅި ސީޒަނުގައި ވެސް ނުކުޅެ ހުންނަން ޖެހުނު ކީޕަރަކީ މުހައްމަދު ފައިސަލް އެވެ. އިމްރާނުގެ ފަހަތުން ގައުމީ ޓީމުގެ ރިޒާވް ކީޕަރަކަށް މީގެ ކުރިން ހުރި ފައިސަލް މިހާރު އަންނަ ގައުމީ ސްކޮޑާއެކު ފަރިތަކުރަމުންނެވެ.