(16 ޑިސެމްބަރ 2021 އާ ގުޅޭ)
ދެފަހަރު މަތިން ހަމްދޫނު އަތުވެއްޖެއެވެ. އެއިން އެއްވެސް ފަހަރަކު ހޫރައިންއަށް ފެންނަ ހިސާބަކަށް ހަމްދޫނު ނާދެއެވެ. އޭނާ މިއަދު އެގެއަށް އަންނަން އެއްބަސްވީ ހަސީނާ ބުނީމާބާއެވެ. ގައިމު ސުމައްޔާ ދަޢުވަތު ނުދީ ނުހުންނާނެކަން ހޫރައިންއަށް އެނގެއެވެ. މީގެ ކުރީން އޭނާ އެގޭ އޮޅިގިރާކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ފަދައެވެ. އެހެންވެދާނެއެވެ. މަންމަ އެދުނީމާ ބޮލާލާ ޖަހަން ނުކެރުނީއެވެ. ނޫނީ މާބޮޑަށް ހައިވެފައި ހުރީކަމަށް ވެދާނެއެވެ. ހަމްދޫނު ގެއަށް އަތުވެއްޖެނަމަ ހޫރައިންއަށް ޔަގީންވަނީ އޭނާގެ މަންމަ އުފާވާނެވަރެވެ. ހާއްސަކޮށް ހަސީނާގެ ދަރިއަކަށްވީމައެވެ.
ޔޫކް އުރާލައިގެން ހަސީނާ އިނީ ކާމޭޒުދޮށުގައެވެ. އޭނާގެ ވައަތް ފަރާތުގައި ހަމްދޫނު އިނެވެ. އެ މޭޒުދޮށުގައި ދެން ތިބީ ހޫރައިންއާއި އޭނާގެ މަންމައެވެ. އެ ގޭތެރެއަށް ހަމްދޫނުގެ ނަޒަރު ދަތުރުކޮށްލިއެވެ. ކޮންމެ ދިމާއަކުން އޭނާއަށް ބުނެދިނީ އެ ގޭގައި ދިރިއުޅޭ މީހުންގެ ސާދާކަމެވެ. ސާފުތާހިރުކަމާއި ތަރުތީބުކަމެވެ. ޒީނަތްތެރިކުރުމުގައި ފޮޓޯލޯގަނޑުތަކެއް ނެތެވެ. މާވަށިގަނޑުތަކެއް ނެތެވެ. އަގު ބޮޑު ފަރުނީޗަރުތަކެއް ނުފެނެއެވެ. ސޯފާތަކުގެ މެދުގައި މޮޅު ދޫލައެއް އަޅާފައެއް ނެތެވެ. މާނަވީ ލުއި ހިނިތުންވުމެއް ހަމްދޫނުގެ ތުންފަތަށް ވެރިވިއެވެ. ކިރިޔާ ތުންފަތް ދެމިލާ ވަރެވެ. ދެއްކުންތެރިކަމުގެ ޒަމާނެއްގައި މިފަދަ އާދައިގެ މަންޒަރަކުން އޭނާގެ ދެ ލޮލާއި ހިތަށް ފިނިކަން އިހްސާސް ކުރެވުނެވެ. މަޑުމަޑުން ލަސްގޮތަކަށް ހަމްދޫނުގެ ނަޒަރު ހޫރައިންއަށް ހުއްޓުނެވެ. އާދަޔާ ޚިލާފު މަޑުމައިތިރިކަމަކާ ހިމޭންކަމެއް އެ އަންހެންކުއްޖާގެ ވުޖޫދުގައިވާތީ އޭނާއަށް ފާހަގަވިއެވެ. ހަމްދޫނަށް ދެން ބަލާލެވުނީ އޭނާގެ މަންމަގެ އުނގުގައި އިން ކުޑަ ފިރިހެންކުއްޖާއަށެވެ. ފަށުވިކޮޅެއްހާ ފަން އިސްތަށިގަނޑަކާއެކު ދޮންދޮން އަލި ހަންގަނޑެއް އެކުއްޖާއަށް ލިބިފައިވެއެވެ. އެކުއްޖާގެ މަންމަ ފަދައިން ހިމޭންކަމަށް ލޯބިކުރާ ކުއްޖެކޭ ހަމްދޫނުގެ ހިތަށް އެރިއެވެ.
ޔޫކްގެ ބޮލުގައި ހަމްދޫނުގެ ވައަތްތިލަ ބާއްވާލިއެވެ. އެންމެންގެ ސަމާލުކަން އޭނާގެ އެ ހަރަކާތައް ހުއްޓުނެވެ. ހަސީނާ ކުޑަކޮށް އެނބުރިލިއެވެ. އުނގުގައި އިން ޔޫކްއަށް ހަމްދޫނު ރަނގަޅަށް ފެންނާނޭ ގޮތަށެވެ.
"އެ ބޭބެއާ ސަލާންކޮށްލަބާ. އެއީ ހަސްތަގެ ދަރިފުޅެކޭ." ހަމްދޫނަކީ ކާކުކަން މާމަދަރިފުޅަށް ސުމައްޔާ ބުނެދިނެވެ. ޔޫކް ޔަގީން ކުރާ ފަދައަކުން ހަސީނާއަށް ބަލާލިއެވެ. އެހިނދު ނިކަން އަވަހަށް ހަސީނާ ބޯޖަހާލިއެވެ. ނުކެރިފައި އިން ގޮތަކަށް ހަމްދޫނަށް ޔޫކް ބަލަންފެށިއެވެ. އެއާއެކު ހަމްދޫނު އަތްފުހެލާފައި ސަލާމަށް އަތްދިއްކޮށްލިއެވެ.
"ޔޫކް ދޯ ކިޔަނީ. ބޭބެއާ ފްރެންޑްސް ވާނަންތަ؟." ހަމްދޫނުގެ އަތާ ދިމާއަށް ޔޫކް އަތްދިއްކޮށްލުމުން އެ އަތުގައި ހިފާލުމާއެކު އޭނާ ވާހަކަދެއްކިއެވެ. ހަސީނާއަކީ ޔޫކް ބަލައިގެންފައިވާ މީހެކެވެ. އެކުއްޖާ އިތުބާރުކުރާ މީހެކެވެ. ހަމްދޫނާ ސަލާމްކުރީ ހަސީނާއާ ގުޅުން ހުރި މީހެއްކަން އެނގޭތީއެވެ.
"ބަންދު ދުވަހެއްގަ ޔޫކް އަންނަންވީނު ހަސްތަމެންގެއަށް. މާމައާއި މަންމަ ވެސް ގޮވައިގެން އަންނާނީ." ހަސީނާ ބުންޏެވެ.
"ޔޫކް ބަލާ އަންނަންތަ؟. ބޭބެއާއެކު ސައިކަލުގަ ދާނީ ދޯ." މަންމަގެ ވާހަކައާ ގުޅުވައި ހަމްދޫނު ބުންޏެވެ.
"ސުމައްޔާ... މި ހުކުރުގަ އާދެބަލަ. އަހަރެން އާދޭސްކުރާތާ ކޮންދުވަހެއް." ހަސީނާ ބަލާލީ ސުމައްޔާއަށެވެ.
"ތިޖެހުނީ ދާން." ހިނިއައިސްފަ އިނދެ ސުމައްޔާ ބުނެލިއެވެ.
"އަންނާނެކަމުގެ ޔަގީންކަން ދީ." ހަސީނާ ނިކަން އަވަހަށް ބުންޏެވެ.
"އިންޝާﷲ ދާނަން." ޔަގީންކަން ދިނުމަށް ސުމައްޔާ ބުންޏެވެ. އެވަރުން ހަސީނާ ދުލެއް ނުކުރިއެވެ. ހަނދާންކޮށްދޭން އޭނާ ގުޅާނެކަން ވެސް ބުންޏެވެ. ހޫރައިން ގާތު ކޮންމެހެން ވެސް މަންމައާއެކު އަންނަންވާނެކަން ހަސީނާ ބުންޏެވެ.
ހަސީނާ ގެއަށް ދިޔައީ ހަމްދޫނާއެކުއެވެ. މަންމަގެ މޫނުން މިއިން ދުވަހަކު ފެނިފައިނުވާ އުފާވެރިކަމުގެ އަސަރު ހޫރައިން ދުށްޓެވެ. އެ ހުރިހާ އަސަރެއް ރަމްޒުކޮށްދެމުންދިޔަ ހިނިތުންވުން ފެނި ހޫރައިންގެ ތުންފަތް ދެމިލިއެވެ.
* * * * *
"ނުނިދަންތަ؟" ގެއަށް އައި މިއުނާއަށް ސޯފާގައި ޒެހެން އޮތްތަން ފެނި އަހާލެވުނެވެ. އެއީ ނުފެންނާނެ މަންޒަރެކެވެ. އޭނާ އެންމެ ބޮޑު ތިން ފިހާރައިގެ ކަންކަން ނިންމާފައި ގެއަށް އާދެވޭއިރު ހުންނާނީ އެކެއް ޖަހަން ކައިރިވެފައެވެ. އެހާއިރު ޒެހެން އޮންނާނީ ގަދަ ނިދީގައެވެ. ހާއްސަކޮށް ސަރުކާރު ހުޅުވިފައި އޮންނަ ދުވަހެއްގައި އޭނާ ދަންވަންދެން ހޭލާ ނޫޅޭނެއެވެ.
"ބަނޑުހައިވީތަ؟." ކޮޓަރިއަށް ވަނުމުގެ ކުރީން މިއުނާ އަހާލިއެވެ.
"ހަމަ އޮތީ." ޒެހެން ބުނެލިއެވެ.
ކޮޓަރިއަށް ވަދެފައި މިއުނާ ނުކުތެވެ. އަތްފައި ދޮވެ ހެދުން ބަދަލުކޮށްލައިގެންނެވެ. އޭނާ ފިނި ފެންފުޅިއެއް ނަގައިގެން އައިސް ބަދިގޭ ކައުންޓަރު ކައިރީ ހުއްޓުނެވެ. ބިއްލޫރިތަށްޓެއް ނަގައި އެއަށް ފެންއަޅަމުން ސޯފާގައި އޮތް ޒެހެންއަށް ބެލިއެވެ. ފެންތަށިން ކޯވަރެއް ބޯލުމަށްފަހު މިއުނާ ހިނގައިގަތީ ޒެހެންއާ ދިމާއަށެވެ. އޭނާ އައިސް ވަކިން ހުރި ސޯފާގޮނޑީގަ އިށީނެވެ.
"ކޮންކަމަކާ ތިވިސްނަނީ؟." މިއުނާ އަހާލިއެވެ.
"އަހަރެން މީހަކާ އިންނަންކަމަށް." ޒެހެން ބުނެލިއެވެ. މިއުނާ ކޮށިއެރިއެވެ. ޒެހެން އަވަހަށް ސޯފާއިން ތެދުވެ މަންމައަށް ބަލާލިއެވެ. އަނގަމަތި ފުހެމުން މިއުނާ ބަލާލީ ދެ ލޯ ބޮޑުކޮށްލާފައެވެ.
"އިންނާނެ މީހަކު ހޯދީތަ؟. ކޮންއިރަކު؟ މަންމަ ކައިރީ މިފަހަރު ބުނުމެއްވެސް ނެތްތަ؟." މިއުނާގެ ސުވާލުތައް އަމުނާލިއެވެ. ކުޑަކޮށް ހީނލާފައި ޒެހެން ބޯކަހާލީއެވެ.
"ދޮގެއް ދޯ. މަންމައަށް ވާގޮތް ބަލާލީތަ؟" ޒެހެންގެ މޫނުގައިވި މޮޔަ ހިނިތުންވުން ފެނި މިއުނާ ބުންޏެވެ.
"މެރީ ކުރަން ގަސްދުކުރަން... އެހެންވީމަ ދޮގަކަށް ނުވާނެއެއްނު."
"ކީކޭ ޒެން ކިޔަނީ. މަންމައަކަށް ނުވިސްނުނު. ކާކާ މެރީ ކުރަން ގަސްދުކުރީ؟." މިއުނާއަށް ބުނެވުނެވެ.
"މަންމައަށް އެންމެ ކަމުދާނީ ކޮންކަހަލަ ކުއްޖަކާ އަހަރެން މެރީކޮށްފިއްޔާ." ޒެހެން އަހާލިއެވެ. ފަރުވާތެރިކަމާއެކު ދަރިފުޅުގެ މޫނަށް މިއުނާ ބަލާލިއެވެ. ވާހަކަދެއްކީ ދެނެވެ.
"ޒެހެން ހޮވާނީ ރަނގަޅު ކުއްޖެއް. އެހާ އިތުބާރު މަންމައަށް އޮވޭ." މިއުނާ އަބަދުވެސް ބުނާ ފަދައިން ބުނެލިއެވެ. ޒެހެންގެ ތުންފަތް ލުއި ހިނިތުންވުމަކުން ދެމިލިއެވެ.
"އަހަންނަށް ލޯބިވެވިއްޖެ މަންމާ. އެއީ ރައްޓެހިވެގެން ދުވަސްތަކެއް ބޭކާރުކޮށްލާނޭފަދަ އަންހެންކުއްޖެއްނޫން. އޭނާއާ ކައިވެނި ކުރަން ބޭނުންވަނީ."
"ތި ވާހަކަތައް އޭނާގެ ގާތުގައި ބުނެފިންތަ؟." މިއުނާ އަހާލިއެވެ.
"ގޮތަކަށް ބުނެވިއްޖެ..." ޒެހެން އިސްޖަހާލުމާއެކު ފުންނޭވާއެއް ލިއެވެ. ދެއަތުން މޫނުގައި އަތްއުނގުޅުލާފައި ތިރިކޮށްލަމުން ކައިރީގަ އިން މަންމައަށް ބަލާލިއެވެ.
"އެ ހިތް ރުއްސޭގޮތެއްނުވި." މާޔޫސްކަމާއެކު ޒެހެން ބުނެލިއެވެ. މިއުނާގެ ތުންފަތުގައި ދުވެލީ މާނަވީ ފަނޑު ހިނިތުންވުމެކެވެ. މިފަހަރު އޭނާގެ ދަރިފުޅަށް ލޯބިވެވުނު ގޮތް ތަފާތުވެއްޖޭ މިއުނާ ހިތާހިތުން ކިޔާލިއެވެ. ހަމައެއާއެކު ކައިވެނީގެ ވާހަކަ ޒެހެން ދެއްކި މީ ފުރަތަމަ ފަހަރެވެ.
"ކޮން ނަމެއް ކިޔަނީ؟." މިއުނާ އަހާލިއެވެ.
"ހޫރައިން. މަންމާ... އޭނާގެ... ކުއްޖަކު ހުރޭ. ބައްދަލުވީ ޔުނިވަރސިޓީ ތެރެއިން. މޫނު... މޫނުބުރުގާ އަޅާފަ."
ޒެހެން ވާހަކަދެއްކީ ވިސްނައިގެންނެވެ. މަންމަ ގަޔާނުވެދާނެތީއެވެ. އޭނާގެ ހިތް ބަލައިގެންފައިވާ މިންވަރަށް މަންމަ ހޫރައިން ބަލައިނުގަނެދާނޭ ހީވާތީއެވެ. ފަރުވާތެރިކަމާއެކު މަންމަގެ މޫނަށް ވެރިވާ އަސަރުތަކަށް ޒެހެން ބެލިއެވެ. ހައިރާންކަން ލިބުނީ މަންމަގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީމައެވެ.
"ބައެއްފަހަރު އަންހެނުންނަށް ވާގޮތެއް އެއީ. ދިރިއުޅުން ރޫޅި ދަރިއަކު ހުރީމަ އާ ދިރިއުޅުމެއް ފަށަން ބިރުގަތުން. ކައިވެންޏެއް ކުރަން ޖެހިލުންވުން. ހަޔާތުން ލޯތްބަށް ފުރުސަތުދޭން ބޭނުންނުވުން. ގެއްލިފައިވާ އިތުބާރާއި ލޯތްބާއި ރައްކާތެރިން އަލުން ލިބިދާނޭކަމަށް ގަބޫލުކުރާން ދަތިވަނީ. އަޑިނުފެންނަ ފެންގަނޑަކަށް އެރޭން ކެރޭނީ ވަރަށް ހިތްވަރުގަދަވެގެން. އެ ފެންގަނޑުގެ ފުންމިނާއި އަޑީގައި ފޮރުވިފައިވާ ނުރައްކާތެރިކަން އެނގޭނީ ފެންގަނޑަށް ފުންމާލައިގެން. ފަތަން އެނގުނަސް ސަލާމަތްނުވެދާނޭކަމުގެ ބިރު އަބަދުވެސް އޮންނާނެ. އެކަހަލަ ބިރަކީ ފަސޭހައިން ނެތިގެން ހިނގައިދާނެ ބިރެއްނޫން."
"މަންމައަށް އޯކޭތަ އެކަހަލަ އަންހެނެއް. އައި މީން ދަރިއަކު ހުރި." ޒެހެން އަހާލިއެވެ.
"ޒެހެންއަށް އެފަދަ މަސްއޫލިއްޔަތެއް އުފުލިދާނެތަ. ދަރިއަކު ބެލުމަކީ ކުޑަކަމެއްނޫން. ޒެންއަށް އެކަން ވަންޏާ މަންމަގެ އެއްވެސް މައްސަލައެއްނެތް. ރަނގަޅުކަމެއް..."
"އޭނާއަށް ގަބޫލެއްނުކުރެވޭ. ކިހިނެއް އޭނާއަށް ބުނެދޭނީ." މަންމަގެ ހިޔާލަކަށް އެދޭ ފަދައިން ޒެހެން ބުނެލިއެވެ.
"ތީއޭ ޒެހެން މައްސަލައަކީ. ބޭނުންވާކަމެއް ބޭނުންވާގޮތަށް ހިތަށް އަރުވާލާއިރަކަށް ނުވާނެ... ހިސާބެއްގެ ކެތްތެރިކަމެއް ވެސް ހުންނަންޖެހޭ. ޒެހެން ތިހާ ލޯބިވަންޏާ އޭނާއަށް އިތުބާރު ހޯދާދައިދީ. ވަގުތުދީ ވިސްނަން. އެކަމަކު ހަނދާންކޮށްދީ ޒެހެންގެ ހިތް ބަދަލުނުވާނެކަން. ކައިވެނި ކުރަން ބޭނުންވާކަން. އޭނާއާއި ދަރިފުޅުގެ ޒިންމާ ނަގަން ޒެހެން ތައްޔާރުކަން. ހޫރައިންނާއި ދަރިފުޅު ރައްކާތެރިކޮށްދިނުމުގައި ޒެހެން އަބަދުވެސް އެމީހުންނާއެކު ހުންނާނެކަން."
"މަންމަ ދުޢާކޮށްދީބާ ހޫރް އަހަންނާ ގުޅޭތޯ." ޒެހެން މިހެން ބުނެލުމުން މިއުނާގެ ކައިރިއަށް ނިކަން ހިނިއައެވެ. ހީވީ ކައިރީގަ އިނީ ކުޑަކުއްޖެއް ހެންނެވެ. ޒެހެންގެ މޫނުން އޭނާގެ އިހްސާސްތައް ފާޅުވޭވޭ ހުއްޓެވެ.
"މޫނުބުރުގާ އެޅި އަންހެންކުއްޖެއް ކަމުގޮސްގެންތަ މިހާރު އެހާ ނަމާދަށް ފަރުވާތެރިވަނީ." މިއުނާ އަހާލިއެވެ.
"ފެށުނީ އެހެން. އެކަމަކު އެއީ މީހަކަށްކޮށްދޭން ޖެހޭ ކަމެއްނޫން. އަނެއްކާ ހޫރް ބޭނުމެއްނުވާނެހެން ހީވަނީ އެފަދަ ގޮތަކަށް އަހަރެން ބަދަލުވާން." ޒެހެން ބުންޏެވެ.
"ޒެހެން ތިހާ އެދޭކަމެއް ކޮށްދޭން މަންމަ ވެސް ބޭނުން. މަންމަ ދުޢާކޮށްދޭނަން. އެކަމަކު ހަނދާންކުރަންވާނެ ދަރިފުޅު ކިތަންމެ ބޭނުންވިޔަސް ﷲގެ މިންވަރުފުޅުގައި އޮތްގޮތަށްކަން މިކަންވާނީ. ދެން ނިދި ނަގާނުލާ ދޭ ކޮޓަރިއަށް. ވުޟޫކޮށްލައިގެން އޮށޯވޭ. އޭރުން ތި ބޭކާރު ފިކުރުތަކާ ދުރުވެ ނިދިދާނެ." މިއުނާ ބުންޏެވެ.
* * * * *
ދެ ދުވަސް ފަހެވެ.
ލެކްޗަރާއިންގެ ބައްދަލުވުން ނިމުމާއެކު ޒެހެން ހިނގައިގަތީ ބައްދަލުވުން ކުރިޔައްދިޔަ މާލަމުން ނުކުންނާށެވެ. އަތުކުރީ އޮތް ގަޑިއަށް ބަލަމުން އޭނާ ލިފްޓާ ދިމާއަށް އައެވެ.
"ޒެހެން... މަޑުކޮށްބަލަ."
އުސްބޫޓުގެ ކަށި ތަޅުމުގައި ޖެހޭ އަވަސް އަޑާއެކު އެމީހަކު އެ އަންނަނީ ދުވެލާފަކަން ޒެހެންއަށް އެނގެއެވެ. އަދި ޒެހެންއަށް ގޮވާލި އަޑުން އެއީ ރަހުމާކަން ވެސް އެނގިއްޖެއެވެ. ހިނގުން މަޑުކޮށްލާ ޒެހެން އެނބުރިލިއެވެ. ސަރައްކާލީގެ އެއްފަރާތުން ގޯތިތެރެ ފެންނަ ގޮތަށް ހުރި ތިރިފާރުކައިރިއަށް ޒެހެން ޖެހިލިއެވެ. ރަހުމާ އައިސް އޭނާގެ ކުރިމަތީ މަޑުކޮށްލީ އެވަގުތެވެ.
"ސަޔައްތަ؟. އަހަރެން ވެސް ބްރެކްފަސްޓް އަދި ނުނަގަން. ހިނގާ މިއަދު އަހަރެން ދޭނަން." ރަހުމާ އެދުނެވެ.
"ރަހީމް ނުނިކުމޭތަ؟. މިއަދު އޭނާ ވެސް ދާނެ. ހެލްތްރޫމުގަ އުޅޭ ޑަކްޓަރުން ވެސް ބައިވެރިވާނެ." ޒެހެން ބުންޏެވެ. ރަހުމާ ގަޔާނުވިހެން އޭނާގެ ދެބުމަކައިރިކޮށްލި ގޮތުން ހީވިއެވެ. އެހެންވިޔަސް އޭނާ ނިކަން އަވަހަށް ހިނިތުންވެލައިފިއެވެ. ކޮންމެ ބަޔަކާއެކު ދިޔަޔަސް އޭނާ ގޮވައިގެން ދާން ޒެހެން ކައިރީ ރަހުމާ އެދުނެވެ.
ލިފްޓުން ޒެހެންއާއެކު ރަހުމާ ވެސް ފޭބިއެވެ. ޒެހެން އަޅާ ކޮންމެ ފިޔަވަޅަކަށް އޭނާ ވެސް ފިޔަވަޅެއް އަޅައެވެ. ޒެހެން މަޑުކޮށްލީ ދުރުގައި މަސައްކަތުގައި އުޅޭ ހޫރައިން ފެންނަ ހިސާބުގައެވެ. ކައިރިއަށްދާން އޭނާ ހުރީ ބޭނުންވެފައެވެ. އެކަމަކު އޭނާގެ ހިތުގެ އެދުމަށް ހުރަސް އަޅަނީ ކައިރީގަ ހުރި ރަހުމާއެވެ. މިވަގުތު އޭނާ ދާ ކޮންމެތާކަށް ފަހަތުން ރަހުމާ އަންނާނޭކަން ޒެހެންއަށް އެނގެއެވެ.
"ކީއްވެ މިތާ މި މަޑުކުރަނީ؟" ޒެހެން ޖެހި ބުދެއްހެން ހުންނަން ފެށުމުން ރަހުމާ ސުވާލުކުރިއެވެ.
"އެމީހުން އަންނަންދެން." ޒެހެން ޖަވާބުދިން އިރު ވެސް އޭނާގެ ނަޒަރު ހުރީ ހޫރައިންއަށް ހުއްޓުނު ގޮތަށެވެ.
"އެކޮޅުން ބެންޗެއްގަ އިށީންނަން ހިނގާ." ރަހުމާ ހިޔާލު ފާޅުކުރިއެވެ. ޒެހެންއާ ވާހަކަދައްކާލަން ބޭނުންވެފައި ހުރީމައެވެ.
"މިތަން އޯކޭ... ރަހޫ ފައިވާޅުވަންޏާ ދޭ އިށީނދެލަން." ޒެހެން ބުންޏެވެ.
"އެއީ ކާކު؟." ދުރުގައި ފެންހޮޅިއެއް ހިފައިގެން އުޅޭ މޫނުބުރުގާ އެޅި އަންހެންކުއްޖާއަށް ޒެހެން ބަލާހެން ހީވެ ރަހުމާ އަހާލިއެވެ. އެތަނުގައި އޭނާ ނޫން މީހަކު ހަރަކާތްތެރިވާތަނެއް ނުފެނެއެވެ. (ނުނިމޭ)