މަސްވެރިން

މަސްވެރިކަން ތިޔާގި، ދުވާލަކު 500 ޓަނު ކިރަނީ

Dec 19, 2021

މި ދުވަސްވަރު މަސްވެރިކަން އާދަޔާ ހިލާފަށް ތިޔާގިވެފައިވާއިރު މިހާރު ދުވާލަކު 400 ޓަނާއި 500 މެޓްރިކް ޓަނުގެ މަސް މިފްކޯ އަށް ގަންނަން ފަށައިފި އެވެ.

މިފްކޯގެ ޖެނެރަލް މެނޭޖަރު އޮޕަރޭޝަން މުހައްމަދު ޒާހިރު އަވަސް އަށް ވިދާޅުވީ މަސް ގަތުމުގެ ކެޕޭސިޓީ އަށް ގެނެވިފައިވާ ހެޔޮ ބަދަލާއެކު މަސް ގަތުން ވަރުގަދަ ވެފައިވާ ކަމަށެވެ. އަދި މިހާރު ދުވާލަކު 400 ޓަނާއި 500 މެޓްރިކް ޓަނުގެ މަސް ގަންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ މަސްވެރިކަން ރަނގަޅީ ހުވަދު އަތޮޅަށް. އަނެއްހެން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މަސްވެރިކަން މިހާރު ރަނގަޅު،" ޒާހިރު ވިދާޅުވި އެވެ.

54،000 ޓަނު، މިފްކޯއަށް ތާރީހީ ރެކޯޑެއް

މަސްވެރިކަން ރަނގަޅުވެފައިވާއިރު މިފްކޯގެ ތާރީހުގައި މިހާތަނަށް އެންމެ ގިނައިން މަސް ކިރުވި އަހަރަށް މި އަހަރު ވަނީ ވެފަ އެވެ. މިހާތަނަށް އެ ކުންފުނިން މި އަހަރު 54،000 މެޓްރިކް ޓަނަށް ވުރެ ގިނަ މަސް ކިރުވާފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދު އުޅެނީ 49،392 ޓަނުގަ އެވެ.

ޒާހިރު ވިދާޅުވީ މިހާރު މަސްވެރިކަން ކުރިއަށްދާ ގޮތަށް ދާނަމަ މި އަހަރު އިތުރު 3،000 ޓަނުގެ މަސް ގަނެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

"މިފްކޯގެ ފުލް ކެޕޭސިޓީގައި މިހާރު މިވަނީ މަސް ގަންނަން ފަށާފަ. ޖަޒީރާ ރީފާ [މަސް ފިނި ކުރާ ކޮށާރު] ބޯޓުވެސް ފެލިވަރު ބަނދަރުގައި މަސް ގަންނަން ފަށައިފި. އަދި ފަހުން ގެނައި 100 ޓަނުގެ ބޯޓުވެސް ބުދަ ދުވަހު މަސް ގަންނަން ފަށާނެ. މިއާއެކު ކެޕޭސިޓީ އިތުރަށް ވަރުގަދަ ވެގެންދާނެ،" ޒާހިރު ވިދާޅުވި އެވެ.

މަސްވެރިކަން ތިޔާގިވުމާއެކު ތަރައްގީކޮށްފައިވާ މަސް ދޯނި ފަހަރުން ބާނާ މަހުގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. މިފަހުން އެންމެ ގިނައިން ދޯންޏެއް މަސް ބޭނީ 49 ޓަނެވެ. އަދި މިހާރު އެވްރެޖުކޮށް ދޯންޏަކުން ދެ ޓަނުން ފެށިގެން 25 ޓަނާ ދެމެދުގެ އަދަދަކަށް މަސް ބާނަ އެވެ.