ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މި ގައުމުން ބާލާނެ ކަމަށާ އެކަަމަށް ހުރަސްއަަޅާ އެންމެން ފެއިލްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ގައުމީ ހަރަކާތެއް ނޫން ކަމަށާއި އެކަމުގައި އެއްވެސް މީހަކު ބައިވެރި ނުވާން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ގޮވާލި ގޮވާލުމަށް އިޝާރާތް ކުރައްވައެވެ.
އަވަސްގައި ލިޔެފައިވާ ހަބަރަކާއެކު އުމަރު ކުރެެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭން އިންޑިޔާ ސިފައިން ބާލާނެ ކަމަށެވެ. އަދި އެކަމަށް ހުރަސް އަޅާ އެންމެން ފެއިލްވާނެ ކަމަށް ވިދާޅުވިއެވެ. އުމަރު ވިދާޅުވީ ދިވެހިން އަޅުވެތި ކަމާ ދެކޮޅު ހަދާނެ ކަމަށެވެ.
އިރާދަ ކުރެއްވިއްޔާ ދިވެހިރާއްޖޭން އިންޑިޔާ ސިފައިން ބާލާނަން. އެކަމަށް ހުރަސް އަޅާ އެންމެން ފެއިލްވާނެ. ދިވެހިން އަޅުވެތި ކަމާ ދެކޮޅުއުމަރު ނަސީރު | ކުރީގެ ހޯމް މިނިސްޓަރު
އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ "އިންޑިއާ އައުޓް" ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތްތަކަކީ އެ ޕާޓީން ގަބޫލުކުރާ ހަރަކާތްތަކެއް ނޫން ކަމަށެވެ. ނަމަވެސް ރާއްޖޭގައި ބޭރު ގައުމެއްގެ އަސްކަރީ ސިފައިން ތިބުމަކީ ދިވެހި ރައްޔިތުން އެދޭ ކަމަކަށް ނުވާތީ ބޭރުގެ ސިފައިން ރާއްޖޭގައި ތިބުމަށް އެ ޕާޓީން ވެސް ތާއީދު ނުކުރާ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ ކޮރަޕްޝަނާއި ގާނޫނާ ހިލާފު އަމަލުތަކަށް އިޝާރާތް ކުރައްވާ ނާޒިމް ވިދާޅުވީ އެއީ ވަކި ސިޔާސީ ބޭފުޅެއްގެ ވެރިކަމުގައި ހިންގާފައިވާ ކަންތައްތަކެއްގައި މަތިއަޅާ ފޮރުވަން ހިންގާ ކެމްޕޭނެއް ކަމަށެވެ.
"މިއީ ގައުމީ ކެމްޕޭނެއް ނޫން. އެމްޕީން ގަބޫލެއް ނުކުރަން އިންޑިއާ އައުޓް މިއީ ގައުމީ ކެމްޕޭނެއް ކަމަކަށް. އަޅުގަނޑު ހަމަ އިލްތިމާސް ކުރަން ދިވެހި ހުރިހާ ރައްޔިތުންނަށް މި ކެމްޕޭންގައި ބައިވެރި ނުވަން. އެއީ ގައުމަކާ ދޭތެރޭ އެގޮތަށް ކަންކަން ކުރެވިގެން ނުވާނެ. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ގައުމެއްގައި ރައީސުލްޖުމްހޫރިއްޔާ ކަން ކުރައްވާފައި ހުރި ބޭފުޅަކު ގައުމެއްގެ ނަން ޖަހައިގެން ނުކުމެ ހުރެ އެގޮތަށް ނުކުމެ ހުންނެވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން،" ނާޒިމް ވިދާޅުވި އެވެ.