ޕޮލިސް އެކަޑެމީ އައްޑު އަތޮޅަށް ބަދަލު ކުރަން ނިންމެވީ ކުރީގެ ހޯމް މިނިސްޓަރު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވުމުން އުމަރު ނަސީރުގެ ފަރާތްޕުޅުން ރައްދު އައިސްފި އެވެ.
ރާއްޖޭގައި ގާއިމުވެ ތިބޭ އިންޑިއާ ސިފައިންގެ މައްސަލަ އާއި އިންޑިއާ ހެލިކޮޕްޓަރުގެ މައްސަލާގައި ހުއްޓާ ނުލައި ފާޑު ވިދާޅުވާ އުމަރު ވިދާޅުވީ އައްޑޫ އަކީ ރާއްޖޭގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު އަތޮޅު ކަމަށް ވެފައި އެ އަތޮޅުގައި ވަޒީފާގެ ފުރުސަތުތައް މަދު ކަމުން، އެ އަތޮޅަށް އިތުރު ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ފުލުހުންގެ ތަމްރީން މަރުކަޒު އައްޑޫގައި ގާއިމް ކުރަން ނިންމީ އޭނާ ކަމަށެވެ. އެހެން އަދި މިހާރު އެ އަތޮޅުގެ ބޮޑު ސަރަހައްދެއްގައި އަޅަމުންދާ މަރުކަޒަކީ އޭނާ ނިންމެވި ގޮތަށް އަޅާ ފުލުހުންގެ މަރުކަޒު ކަމަށް ވެއްޖެ ނަމަ، "އުފަލުގެ ކޮޅެއްވެސް ނެތް" ކަމަށެވެ.
އުމަރު ވިދާޅުވީ އެހެން އޮތް ނަމަވެސް ޑިޒައިން ބަދަލުކޮށް، އިމާރާތްތަކުގައި ކުރެވޭ ބޭނުން ބަދަލު ކުރެވޭ ގޮތަށް އައްޑު އަތޮޅުގައި އެޅެމުންދާ މަރުކަޒެއް ނަމަ "ހިތާމައިގެ ކޮޅެއްނެތް" ކަމަށެވެ.
"އަޅުގަޑު ސޮއިކުރީ ހިލޭ އެހީގައި ތަމްރީން މަރުކަޒެއް އެޅުމަށް. މި ސަރުކާރު އައި ފަހުން އެ އެގްރީމަންޓް އަށް އިތުރު ކުރެވުނު ނުކުތާތައް އެނގިލައްވާނީ މިނިސްޓަރު ޝާހިދަށް ފެންނަނީ އިންޑިޔާގެ ސިފައިންތައް އައިސް ގޮސްވާތަން،" ކުރީގެ ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހެލިކޮޕްޓަރެއް ހަދިޔާ ކުރަން އައި ބަޔަކު އަށް އަހަރުވީއިރު އަދިވެސް އުޅެނީ ހެލިކޮޕްޓަރު ހަވާލު ކޮށްފަ ނުފުރިގެން ކަމަށެވެ. އަދި ވިދާޅުވީ އައްޑު އަތޮޅުގައި ހަދާ މަރުކަޒު ބަލައިލަން މީޑިޔާއަށް ގޮވާލައި އެއްވެސް ސިފައެއްގައި އިންޑިޔާގެ ސިފައިން ނުވަތަ ތަމްރީން ހަދަން ގެންނަ އިންޑިޔާ ސިފައިން އެ މަރުކަޒުގައި ނުތިބޭނެ ކަމުގެ ޔަގީން ކަމެއް ދޭން ސަރުކާރަށް އޭނާ ގޮވާލައްވާ ކަމަށެވެ.
"އަދި އެގްރީމެންޓަށް ބައެއް އިތުރު ކުރެވިފަވާނަމަ އެބައި ހާމަކޮށްލައި ދެއްވުމަށް ވެސް ދަންނަވަން،" އުމަރު ވިދާޅުވި އެވެ. "2023 ވަނަ އަހަރުގެ އިންތިހާބަށް ފަހު އިންޑިޔާގެ ހުރިހާ ސިފައިން އިރާދަކުރެއްވިއްޔާ މި ގާއުމުން ބާލާނަން. އިންޑިޔާގެ އަދި ޗައިނާގެ އުނގަކަށް މި ގައުމު ނުވެއްޓޭނެ. މިއީ އަޅުގަޑުމެން ފަހުރުވެރިވާ މިނިވަން ގައުމެއް."
ފުލުހުންގެ ތަމްރީނުތަކަށް ހާއްސަ ކޮށްގެން އައްޑޫގައި، އިންޑިއާގެ ސަރުކާރުގެ ހިލޭ އެހީގައި އިމާރާތް ކުރާ ޕޮލިސް އެކަޑެމީގެ މަޝްރޫއުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު އިސް ދައުރެއް އަދާކުރައްވާފައިވާ ކަމަށް ވިދާޅުވެ، އެ ދެ ބޭފުޅުންނަށް މިނިސްޓަރު ޝާހިދު މިއަދު ރައްދުގެ ޝުކުރު އަދާކުރައްވާފަ އެވެ.
ދ. ވާނީގައި އިންޑިއާގެ ސަރުކާރުން އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ދެ ވަނަ ފިޔަވަހީގެ ނިމުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ބައިވެރި ވަޑައިގެން ޖުމްލަ 18 މިލިއަން ޑޮލަރު އައްޑޫގައި ޕޮލިސް އެކަޑެމީއާ ބެހޭ ގޮތުން ޝާހިދު ވިދާޅުވީ އައްޑޫގައި ޕޮލިސް އެކަޑަމީގެ ބިންގާ އެޅީ ކުރީގެ ދެ ރައީސުން ކަމަށްވާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދެ ހޯމް މިނިސްޓަރުން ޖަމީލާއި އުމަރުގެ ވެސް މަސައްކަތުން ކަމަށެވެ. އަދި ވިދާޅުވީ އައްޑޫ ޕޮލިސް އެކަޑެމީއަކީ މި ސަރުކާރުގެ ފެށުމެއް ނޫން ކަމަށާއި 2012 ވަނަ އަހަރުން ފެށިގެން ހިނގަމުން އަންނަ މަސައްކަތެއް ކަމަށެވެ.
އެ މަރުކަޒު އަޅަން އިންޑިއާ އާއި ދިވެހި ސަރުކާރާ ދެމެދު ފުރަތަމަ ސޮއިކުރެއްވީ ސެޕްޓެމްބަރު، 29، 2012 ގަ އެވެ. އެތާނގައި އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ހިދުމަތް ދޭނެ ކްލިނިކްތަކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި އެފަދަ އެހެން ވެސް ޓްރެއިނިން ސެންޓަރެއް ހިމަނާފައި ވެއެވެ. އެތާނގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑެވެ.