އުތުރު ތިލަފަޅު (ޔޫޓީއެފް) ގުޅޭ އެގްރީމެންޓް ކަމަށް ބުނެ ޑޮކިއުމަންޓްތަކެއް ލީކްކޮށްލި މައްސަލައިގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހައްޔަރުކޮށް އޭނާގެ މައްޗަށް މައްޗަށް ފިޔަވަޅު އަޅަން މަޖިލީހުގައި ސަރުކާރަށް ނިސްބަތްވާ ބައެއް މެންބަރުން ގޮވާލައިފި އެވެ. -- އެބައިގައި ހިމަނައި އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީ (ޕީއެންސީ) އިސްވެރިން ހައްޔަރު ކުރަން ވެސް ވަނީ ގޮވާލާފަ އެވެ.
އިންޑިއާގެ އެހީގައި ޔޫޓީއެފްގައި ހަދާ ޑޮކްޔާޑާ ގުޅޭ ގޮތުން ދޮގު މައުލޫމާތުތައް ފަތުރާ ކަމަށް ބުނެ އެކަން ބަލަން މަޖިލީހަށް ކުއްލި މައްސަލައެއް ހުށައެޅީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) އެވެ.
އޭނާގެ މައްސަލަ 38 މެމްބަރަކު ވޯޓާއެކު ބަލައިގަނެ ސަރުކާރު މެންބަރުގެ މައިގަނޑު ވާހަކައަކަށްވީ "ޑޮކިއުމަންޓްތައް ލީކްކޮށްލީ ފިތުނަ ފަސާދަ އުފައްދަން" ކަމަށެވެ.
ކުއްލި އެ މައްސަލައިގެ ބަހުސްގެ ތެރޭގައި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވިދާޅުވީ ފޯޖް ޑޮކިއުމަންޓްތައް ހަދައި ސަރުކާރާމެދު ނަފުރަތު އުފައްދަން މަސައްކަތް ކުރާ ކަމަށާއި އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާ ކަމަށެވެ. އަދި އެކަމުގައި އިސްވެ އުޅޭ ޕީޕީއެމާއި ޕީއެންސީގެ އިސްވެރިން ހައްޔަރު ކުރަން ވެސް އޭނާ މިއަދު ގޮވާލެއްވި އެވެ.
އިންޑިއާގެ ސަރުކާރުގެ އެހީގައި އުތުރު ތިލަފަޅުގައި ޑޮކްޔާޑެއް އެޅުމަށް މިދިޔަ މަހު ސޮއިކުރިއިރު އެއްބަސްވުމުގެ ދަށުން ބޭނުން ވަރަކަށް އިންޑިއާ ސިފައިން ހަތިޔާރާއެކު އުޅެވޭނެކަމަށް އިއްޔެ އުމަރު ލީކްކޮށްލި އެއްބަސްވުމުގެ ޑްރާފްޓްގައި ވެއެވެ. އެ ޑޮކިއުމަންޓަކީ "ފޭކް" އެއްޗެއްް ކަަމަށް ބުންޏަސް އެއީ އަސްލު އެއްޗެއް ކަމަށް އުމަރު ނަސީރު އަދިވެސް ދަނީ ވިދާޅުވަމުން ނެވެ. އެހެންވެ މިއަދު މަޖިލީހުގެ ފުރަރަމަ ދަންފަޅީގައި އެންމެ ބޮޑަށް މެންބަރުންގެ އަމާޒަކަށް ހެއްދެވީ އުމަރެވެ.
ބަހުސްގައި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމު (ދޮންބިލެތް) ވިދާޅުވީ ރާއްޖެއަށް އިންޑިއާގެ އެހީ ބޭނުންވާ ކަމަށާއި ނަމަވެސް ކޮންމެ ކަމެއް ސިޔާސީކޮށްލައި ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދު އުފެއްދުމަކީ ރަނގަޅު ގޮތެއް ނޫން ކަަމަށެވެ. އިންޑިއާއާ ކަންކަން ގުޅުވައި ފަސާދަ އުފައްދަނީ އުމަރު ކަމަށް ވެސް މާނަ ކުރެވޭ ގޮތަށް ދޮންބިލަތް މިއަދު ވަނީ ވާހަކަ ބައްޓަން ކުރައްވާފަ އެވެ.
"އަޅުގަނޑު ގޮވާލަން މަޖިލީހަށް ވެސް ސަރުކާރަަށް ވެސް މިހާރުން މިހާރަށް އުމަރު ނަސީރަށް ފިޔަވަޅު އަޅަން ޖެހޭނެ. އުމަރު ނަސީރަށް މިގޮތަށް އެގްރިމަންޓްގެ ކޮޕީއޭ ކިޔައިގެން ނެރެގެންނެއް ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދަ އުފައްދާކަށް ނޫޅެވޭނެ. އަޅުގަނޑުމެން މިތިބީ ފަހަތަށް ޖެހޭކަށެއް ނޫން. ކުރީގައި އެފާޑުގެ ވާހަކަތައް ދެއްކީމަ ދޫވެފަ އޮތްކަމުގައި ވިޔަސް އަޅުގަނޑުމެން މިހާރު ގަބޫލެއް ނުކުރާނެ." ދޮންބިލަތް ވިދާޅުވި އެވެ.
ދޮންބިލެތްގެ އިތުރުން އިތުރުން ސަރުކާރަށް ނިސްބަތްވާ އެހެން ބައެއް މެމްބަރުންވެސް ވަނީ އުމަރު ނަސީރާ މެދު ފިޔަވަޅު އަޅާށައި އޭނަ ހައްޔަރު ކުރުމަށް ގޮވާލާފަ އެވެ. މަޑަވެލީ ދާއިރާގެ މެމްބަރު މުހައްމަދު ފިރުޝާން ވެސް އެ މޭރުމުން ވާހަކަފުޅު ދެއްކެވި އެވެ.
"އެފަދަ ދޮގު މައުލާމާތުތައް ފަތުރާ ފަރާތްތަކާމެދު ވަގުތުން ވަގުތަށް ފިޔަވަޅު އަޅަން ޖެހޭ. ހާއްސަކޮށް އުމަރު ނަސީރު ފަދަ ބޭފުޅުންނަށް ފިޔަވަޅު އަޅަން ޖެހޭ. އެއީ މިފަދަ ދޮގު މައުލޫމާތުތައް ފަތުރައިގެން އަނެއްކާ ބަގާވާތެއް ރާވަން އުޅުއްވާނެކަމެއް ނެތް. އެކަމެއް ނުވާނެ. އެ ބޭފުޅުންނަށް ފިޔަވަޅުއަޅަން އަޅުގަނޑު ސަރުކާރަށް ގޮވާލަން" ފިރުޝާން ވިދާޅުވި އެވެ.
ހޮޅުދޫ ދާއިރާގެ މެމްބަރު ވެސް ވަނީ އެ ވާހަކަތައް ތަކުރާރުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ދޮގު މައުލޫމާތު ފަތުރާ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދަން ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ވަކި ބޭފުޅެއްގެ ނަން ވިދާޅުނުވެ އޭނާ ވިދާޅުވީ އެފަދަ ވާހަކަތައް މިހާރުވެސް ދައްކަމުންދާ ފަރާތަކީ ކުރިންވެސް ސާބިތު ނުހިފާ ބުހުތާނު ދޮގު ވާހަކަތައް ދައްކާ މީހެއް ކަމަށެވެ. އެހެންކަމުން އެފަދަ ވާހަކަތައް ދައްކާ މީހުން ވަގުތުން ހިފާ ހައްޔަރުކުރަން ވެސް އޭނާ ގޮވާލެއްވި އެވެ.
ޔޫޓީއެފް ތަރައްގީ ކުރަން އިންޑިއާއާއެކު ސޮއި ކުރި އެގްރިމެންޓްގެ ޑްރާފްޓް އެގްރީމަންޓް ކަމަށް ބުނާ ޑޮކިއުމެންޓްތައް ބުނާ ގޮތުން އުތުރު ތިލަފަޅުގައި ދިވެހި ސަރުކާރާއި އަސްކަރިއްޔާގެ ކޮންޓްރޯލެއް ނެތެވެ. އަދި ކޮންޓްރޯލް ގެއްލޭ ގޮތްތަކެއް ހިމަނާފައި ވެއެވެ. ދިވެހި ސިފައިންނާއި އިންޑިއާ ސިފައި ނޫން ބަޔަކަށް އުތުރު ތިލަފަޅުގެ ބޭނުން ހޯދޭނީ، އަމިއްލަ ފަރާތްތަކެވެ. މާނައަކީ އިންޑިއާ ފިޔަވައި އެހެން ގައުމެއްގެ އަސްކަރިއްޔާއަށް ވެސް އުތުރު ތިލަފަޅު ބޭނުމެއް ނުކުރެވޭނެ އެވެ،
އަނެއް ކަމަކީ ބަނދަރަކާއި ޑޮކްޔާޑެއް ހަދާ އިރު، އެ ތާނގައި އިންޑިއާ ސިފައިން ތިބޭނީ ހަތިޔާރާއެކު އެވެ. އަދި ހަތިޔާރު ގެންގުޅެ ބޭނުން ވެސް ކުރާނެ އެވެ. އިންޑިއާ ސިފައިން 30 އަހަރު ވަންދެން ރާއްޖޭގައި ބޭތިއްބުން ރާއްޖެ އަށް މަޖުބޫރު ކޮށްފައިވާއިރު މުއްދަތު ހަމަވުމުން އިތުރު 30 އަހަރު އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބެވޭނެ ގޮތް ހަދަން މަގު ފަހިކޮށްފައި ވެސް ވެއެވެ.
އުތުރު ތިލަފަޅުގެ އޮޕަރޭޝަނަށާއި އެހެނިހެން އިދާރީ ބޭނުންތަކަށް ހަތިޔާރު އެޅި އިންޑިއާ ސިފަައިިންނަށް، އިންޑިއާއިން އެދޭ މިންވަރަކަށް ދިވެހި ރާއްޖެއިން ހުއްދަ ދޭންޖެހޭނެ އެވެ. އުތުރު ތިލަފަޅު ތަރައްގީ ކުރާއިރުވެސް އަދި އެހެން މަރުހަލާތަކާއި މަރާމާތުކުރުމާއި ބެލެހެއްޓުމުގައި ވެސް އިންޑިއާގެ އަސްކަރީ ފަރާތްތަކަށް ފުރުސަތު އޮންނަން ޖެހޭނެ އެވެ. ތަން މެނޭޖްކުރުމާއި ބެލެހެއްޓުމުގެ ޒިންމާ އުފުލާނީ ރާއްޖެ އާއި އިންޑިއާ ގުޅިގެންނެވެ. އެކަމަށްޓަކައި ކޮންމެ ގައުމަކުން މަދުވެގެން ދެ އޮފިސަރުން ހިމެނޭ ގޮތަށް ޖޮއިންޓް ރެސިޑެންޓް ޓީމް (ޖޭއާރްޓީ) އެއް އުފައްދާނެ އެވެ. އަދި އުތުރު ތިލަފަޅުގައި ރިހާ ފެސިލިޓީއެއް ހިމެނޭ ގޮތުން ކޯސްޓް ގާޑު ބަނދަރާއި ވައިގެ ބަނދަރު ވެސް، އިންޑިއާ ސިފައިންނަށް ބޭނުންކުރެވޭނެ އެވެ. ބަނދަރު ހަދަން އިންޑިއާއިން ވެހޭދަކުރާތީ، ބަނދަރުން އިންޑިއާ ހޯދާ އެއްވެސް ހިދުމަތަކަށް ޗާޖެއް ވެސް ނުކުރެވޭނެ އެވެ.