އެމްޓީސީސީ

އެމްޓީސީސީގެ ވިޔަފާރި ބޭރަށް ފުޅާކުރަން ރައީސް އެދިވަޑައިގެންފި

Dec 19, 2021

އެމްޓީސީސީގެ ވިޔަފާރި ރާއްޖޭން ބޭރަށް ފުޅާކުރުމުގެ އަމާޒުގައި ކުރިއަށް ދާން ޖެހިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޓީސީސީއަށް 41 ފުރުން ފާހަގަކުރުމަށް ހެންވޭރު ދަނޑުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ފާއިތުވި ދެ އަހަރަކީ އެމްޓީސީސީގެ ހަޔާތުގައިވެސް އައި އެންމެ ހަރަކާތްތެރި އަދި އެންމެ ކާމިޔާބު ދެ އަހަރު ކަމަށެވެ. އެމްޓީސީސީގެ އެ ކާމިޔާބާ އެކު އެ ކުންފުނީގެ ވިޔަފާރީގެ މިސްރާބް އަދި މަޝްރޫއުތައް ރާއްޖޭން ބޭރުގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި އެމްޓީސީސީގައި އެ ގާބިލްކަން ހުންނާނެ ކަމަށެވެ.

"އެމްޓީސީސީގެ މިސްރާބު ގާދޫ ކޮލުން ބޭރަށް ސީދާކުރުމަށް މިވަނީ ވަގުތު ޖެހިފައި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އެމްޓީސީސީ އަކީ ބްރިޖުތަކާއި ކޯޒްވޭތައް ހެދުމަށް ބޭނުންވާ އިންސާނީ ވަސީލަތާއި ޓެކްނޮލޮޖީ ހޯދައިގެން ބޮޑެތި މަޝްރޫއުތައް ހިންގާނެ ކުންފުންޏަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ކުންފުނީގެ މަސައްކަތް "މެކުހަށް" ޖަހައިގެން ހޯދާ ކާމިޔާބީ ފޮނުވާނެ ކަމަށާއި އެމްޓީސީސީއަށް ރައްޔިތުންގެ އިތުބާރު އެބައޮތް ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން އެންމެ ބޮޑަށް އިސްކަންދޭ ސިޔާސަތަކީ ލާމަރުކަޒީ ތަރައްގީގެ ތެރެއިން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އަސާސީ ހިދުމަތްތައް ޤާއިމުކުރުން ކަމަށެވެ. ކޮންމެ ކަމެއްގައި މާލެ އަންނަން ނުޖެހި އެމީހަކު ދިރިއުޅޭ ރަށަކުން ނުވަތަ އެ ސަރަޙައްދަކުން، އަސާސީ ހިދުމަތްތައް ލިބޭނެ ގޮތް ހެދުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ. އެމްޓީސީސީ އަކީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ ވަރަށް މުހިންމު ބައިވެރިއެއް ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ ހާއްސަކޮށް ރަށްރަށުގެ އުމްރާނީ ތަރައްގީގެ އެންމެ މުހިއްމު ބައިވެރިޔާ އަކީ އެމްޓީސީސީ ކަމުގައި ދެންނެވިދާނެ ކަމަށެވެ.

ހައި ސްޕީޑް ފެރީ ނިޒާމަކުން މުޅި ރާއްޖެ ގުޅައިލުމަށް މިއަހަރުގެ ކުރީކޮޅު ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރި ބޮޑު މަޝްރޫއާ ގުޅޭގޮތުން ވެސް ރައީސް މިރޭ ވަނީ ވާހަކަދައްކަވާފަ އެވެ. ރައީސް ވިދާޅުވީ އެ މަޝްރޫއުގެ ޒޯން އެކެއްގައި ހިމެނޭ ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގެ މެދުގައި ފެރީގެ ހިދުމަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވަމުންދާ ކަމަށެވެ. އެފަދަ ތަރައްގީގެ މަޝްރޫއުތަކާ ގުޅިގެން، ވަޒީފާގެ އެތައް ބައިވަރު ފުރުސަތުތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުޅުވިގެންދާނެ ކަމަށްވެސް ފާހަގަކުރެއްވި އެވެ.

"ރަށްރަށުގައި އުފެދޭ އެ ވަޒީފާތަކަށް ބޭނުންވަނީ ދިވެހިން. ރާއްޖޭގައި މިހާރު ހުރި ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން ހިއްޕަވައިގެން، ގައުމީ ތަރައްގީގައި ބައިވެރިވުމަށް ދިވެހި ޒުވާނުންނަށް އަޅުގަނޑު އިލްތިމާސްކުރަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ ގައުމުގެ ހިންގުންތެރިކަމުގެ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްގީކުރުމުގައި އެމްޓީސީސީ އަކީ ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރާ ކުންފުންޏެއް ކަމަށެވެ. އެ ކުންފުނިން ހިންގާ ހުނަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމްގެ ދަށުން ތިން އަހަރުގެ ތެރޭގައި 100 މީހުން ތަމްރީންކުރަން އަމާޒު ހިފާފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

ކޮވިޑް 19ގެ ފުރަތަމަ އަހަރު ވެސް އެމްޓީސީސީގެ ހަރަކާތްތައް ހުއްޓުމެއް ނެތި ކުރިއަށް ދިޔަ ކަމަށް ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އިގްތިސޯދީ ހަރަކާތްތައް އަލުން ފަށާފައިވާއިރު ކުރިއަށް މިއޮތް ދުވަސްތަކުގައި އެމްޓީސީސީގެ ހިދުމަތްތައް އިތުރަށް ފުޅާވެ، ކުންފުނީގެ ދުވެލި މާބޮޑަށް ހަލުވިވެގެންދާނެ ކަމަށެވެ. ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ދިނުމަށް ސަރުކާރުން އެކަށައަޅާ ސިޔާސަތުތައް ތަންފީޒުކުރުމުގައި، ސަރުކާރުގެ ކުންފުނިތަކުން ވަރަށް މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ކަމަށާއި، ހާއްސަކޮށް އަސާސީ ހިދުމަތްތަކާ ގުޅިފައިވާ ކުންފުނިތަކުގެ ދައުރު ވަކިން ބޮޑުކަން ފާހަގަކުރެއްވެވި އެވެ.

މިޖަލްސާގައި އެމްޓީސީސީގެ ޗެއާމަން މުހައްމަދު ފަހީމް ވަނީ ރައީސް ސޯލިހަށް އެމްޓީސީސީ "ކާމިޔާބު 40" ފޮތް ވެދުން ކުރައްވާފަ އެވެ. މި ޖަލަސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމްޓީސީސީ އަށް ގިނަ ދުވަހު ހިދުމަތްކުރެއްވި މުވައްޒަފުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފަ އެވެ. އަދި ނައިބް ރައީސް ފައިސަލް ނަސީމް ވަނީ މިއަހަރުގެ މުވައްޒަފުން ތަމްރީންކުރުމުގެ ޕްރޮގްރާމަށް ހޮވިފައިވާ ފަރާތްތަކަށް ލިޔުން ހަވާލުކޮށްދެއްވާފަ އެވެ.