ބޮލީވުޑް

ޕަވަންދީފް އާއި އަރޫނީތާގެ ފޮޓޯތަކެއް ވައިރަލްވެއްޖެ

އިންޑިއަން އައިޑަލް 12 އިގެ ޓްރޮފީ ހާސިލުކުރި ލަވަކިޔުންތެރިޔާ ޕަވަންދީޕް ރާޖަން އާއި އެ ޝޯގެ ރަނަރަޕް އަރޫނީތާ ކާންޖީލާލްގެ ކައިވެނީގެ ފޮޓޯތަކެއް ދައުރުވެ، ސޯޝަލް މީޑިއާއަށް ތޫފާނެއް ލައިގެންފި އެވެ. ސަބަބަކީ މި ދެ ލަވަކިޔުންތެރިން ރުޅިވެއްޖެ ކަމުގެ ޚަބަރުތަކެއް ވެސް މީގެ ދެ ތިން ދުވަހެއް ކުރިން ފެތުރިފައި އޮއްވާ ކުއްލިއަކަށް މި ފޮޓޯތަކެއް ވައިރަލް ވުމުންނެވެ.

އަރުނީތާ އާއި ޕަވަންދީޕް ރުޅިވެއްޖެ ކަމުގެ ހަބަރުތަކެއް ފެތުރުނީ އޮކްޓަޕަސް އެންޓަޓައިންމަންޓާއެކު އެމީހުން ވެފައިވާ އެއްބަސް ވުމެއްގެ ދަށުން ލަވަ ކިޔައިދީ އެ ލަވަތަކަށް އެކްޓްކުރަން ޖެހޭ މިއުޒިކް ސީރީޒްއެއްގެ ދެ ވަނަ ލަވައިގައި އެކްޓްކުރަން އަރުނީތާ ދެކޮޅު ހެދުމުންނެވެ. މި މަހު 16 ވަނަ ދުވަހު ރިލީޒްކުރި "ފުރުސަތު" ލަވަ ކިޔުމުގައި އަރުނީތާ ބައިވެރިވިޔަސް ލަވައިގައި ޕަވަންދީޕް އާއެކު ހަރަކާތްތެރިވެފައި ވަނީ ޗިތުރާ ޝުކްލާ އެވެ.

މި ލަވައަށް ބޮޑު ތަރުހީބެއް ފޭނުން ދިން ނަމަވެސް އެމީހުން ބުނަނީ އަރޫނީތާ ލަވައިގައި ބައިވެރި ނުވާތީ ދެރަވެއްޖެ ކަމަށެވެ.

އެމީހުންގެ މެދުގައި މައްސަލަތައް ޖެހި ރުޅިވެއްޖެ ކަމަށް ބުނެ ފޭނުން ވާހަކަ ދައްކަން ފެށީ މި ލަވަ ރިލީޒް ކުރުމާ ގުޅިގެންނެވެ.

އިންޑިއަން އައިޑަލް 12 ފެށުނީއްސުރެ އަރުނީތާ އާއި ޕަވަންދީޕް އަޅުވާ ކިޔުން ކުރިޔަށް ދިޔަ އެވެ. އަދި ޝޯ ނިމުނު ފަހުން ވެސް އަޅުވާ ކިޔުން ނުހުއްޓެވެ.

އަރުނީތާ އާއި ޕަވަންދީޕްގެ މެދުގައި ލޯބީގެ ގުޅުމެއް އޮންނަ ކަމަކަށް އެމީހުން އެއްބަހެއް ނުވެ އެވެ. އަބަދުވެސް ބުނަނީ އެއީ ވަރަށް ގާތް ދެ އެކުވެރިން ކަމަށެވެ. ދާދިފަހުން މި ދެ ލަވަކިޔުންތެރިން ވަނީ އެ މީހުންނާއެކު ޝޯގައި ބައިވެރިވި އެހެން ބައެއް ލަވަކިޔުންތެރިންނާއެކު ކެނެޑާގައި ޝޯ ތަކެއް ބާއްވާފަ އެވެ. މި ޝޯއަށް ގޮސް އުޅެމުން ވެސް އެމީހުން ވަނީ ވަރަށް ގާތްކޮށް އެކުވެރިކޮށް އުޅެނިކޮށް ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ.

މިހާރު ވައިރަލް ވެގެން މިއުޅޭ ކައިވެނީގެ ފޮޓޯތަކަކީ މި ދެ ފަންނާނުންގެ ފޭނުންގެ ތެރެއިން ބަޔަކު ހަދާފައިވާ ފޮޓޯތަކެއް ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ބުނެފަ އެވެ. އަދި މިއީ މި ދެ މީހުން ރުޅިވެއްޖެކަމަށް ބުނެ ފެތުރުނު ޚަބަރުތައް ކިޔާފައި ދެރަވެގެން އެމީހުން ތައްޔާރުކުރި ފޮޓޯތަކެއް ކަމަށް ވެއެވެ.

ޕަވަންދީޕް އާއި އަރޫނީތާގެ ފުރަތަމަ މިއުޒިކް ވީޑީއޯ "މަންޒޫރު ދިލް"އަށް ގިނަ ބަޔެއްގެ ތަރުހީބު ވަނީ ލިބިފަ އެވެ.