ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފައިބަން ގޮވާލާ އިދިކޮޅު ކޯލިޝަނުން ފުޅާކޮށްފައިވާ "އިންޑިއާ އައުޓް" ކެންޕެއިންގެ ސަބަބުން ރާއްޖެ އާއި އިންޑިއާ ގުޅުން ހީނަރުވާންވީ ސަބަބެއް ވިސްނިވަޑައި ނުގަންނަވާ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިސް އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސް ވަހީދު މިހެން ވިދާޅުވީ "އިންޑިއާ އައުޓް" ކެންޕެއިންގެ ސަބަބުން ރާއްޖެ - އިންޑިއާ ގުޅުން ހީނަރުވެގެން ދާނެ ކަމަށް ސަރުކާރުން ބުނާ ބުނުމާއި ގުޅިގެން އަވަސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. "އިންޑިއާ އައުޓް" ކެންޕެއިނާ ދެކޮޅަށް ސަރުކާރުން ވަނީ ދެ ބަޔާނެއް ވެސް ނެރެފަ އެވެ.
ރައީސް ވަހީދު ވިދާޅުވީ ރާއްޖެއަށް ދިމާވެފައި އޮތީ ހާރިޖީ ސިޔާސަތު ހަމަހަމަ ގޮތެއްގައި ކުރިއަށް ނުގެންދެވުމުގެ ނަތީޖާއެއްގެ ގޮތުން ދިމާވެފައި އޮތް ހާލަތެއް ކަމަށާ އެ ހާލަތު ބަދަލު ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ރާއްޖެ ފަދަ ގައުމުތަކުން ހުރިހާ ގައުމުތަކާއެކު ވެސް ރަނގަޅު ހަމަހަމަ ގުޅުންތަކެއް ބާއްވަން ޖެހޭ ކަމަށާއި ދިވެހީންގެ މިނިވަން ކަމާއި އިސްތިގުލާލު ކަށަވަރު ކުރުމަށް ބައިނަލްއަގްވާމީ ޖަމިއްޔާ، ޖަމާއަތްތަކާއި އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ.
އެކަންކަން ކުރުމަށް ކަމަށް ބުނެ ވަކި ގައުމަކާ މާ ބޮޑަށް ގާތްވެ ބައެއް ގައުމުތަކާއި މުޅީން ދުރަށް ޖެހުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
"ކުދި ގައުމުތަކަށް އޮތް އެންމެ ރަނގަޅު ހާރިޖީ ސިޔާސަތަކީ ވީހާވެސް ގިނަ ގައުމުތަކާ ގުޅުން ބަދަހި ކުރުން. އަދި ދުނިޔޭގެ އުފެދިފައިވާ އެކި އެކި ޖަމާއަތްތަކާއި ގާތް ގުޅުމެއް ބޭއްވުން. ދެ ވައްތަރެއްގެ ގުޅުމެއް މި ގެންގުޅެނީ. އެއީ ދެ ގައުމުގެ ދޭތެރޭ އޮންނަ ގުޅުން އެއީ އެއް ބާވަތް. ވަކި ގައުމަކާ ދުރުވެ ގަތުމަކީ ނުވަތަ އެހެން ގައުމަކާ ކައިރި ވެގެން ގޮސް އެހެން ގައުމުތަކާ ޑީލް ނުކުރެވޭ ވަަރު ވުމަކީ ކޮށްގެންވާނެ ކަމެއް ނޫން،"
ރައީސް ވަހީދު ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެންޕޭނަކީ އިންޑިއާއާ ދެކޮޅު ކެންޕެއިނެއް ނޫން ކަމަށެވެ. އެއީ ރާއްޖޭގައި އެއްވެސް ގައުމެއްގެ އަސްކަރިއްޔާ ތިބުމަށް ދިވެހީން ނޭދޭތީ ކުރިއަށް ގެންދާ ކެންޕޭނެއް ކަމަށެވެ. އަދި އެ މަސައްކަތުގެ ސަބަބުން ރާއްޖެ އާއި އިންޑިއާ ގުޅުމަށް ބުރޫއަރާ އެ ގުޅުން ހީނަރުވާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލި ނަމަވެސް އިގްތިސ\ޯދީ ގޮތުންނާއި އިޖްތިމާއީ އަދި ސިޔާސީ ގޮތުންނާއި އަސްކަރީ ގޮތުންވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ކަމަށެވެ.
"މިއީ ހަމައެކަނި އިންޑިއާއަށް ބުނާ އެއްޗެއް ނޫން. އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަކީ ދިވެހީން ގަބޫލު ކުރާނެ ކަމެއް ނޫން. ދިވެހީންނަކީ ފެށުނީއްސުރެ އިންޑިޕެންޑެންޓް ބައެއް. އަމިއްލަ ސަވަރަންޓީ އޮންނަ ބައެއް. ރާއްޖެ ކުޑަ ދުވަސްކޮޅަކަށް އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ހާރިޖީ ސިޔާސަތު ދިޔަ ނަމަވެސް ރާއްޖޭގެ ރަސްރަސްކަލުން ވެރިކަން ކުރައްވަނީ، ރާއްޖޭގެ ދާހިލީ ކަންކަން ނިންމަނީ ވެރިންނާއި ރައްޔިތުން. އެހެންވީމަ ރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިން ތިބުމަަކީ ދިވެހިންނަށް ލިބޭ ވަރަށް ބޮޑު ނުތަނަވަސް ކަމެއް. އޭގެ މާނައަކީ އޭގެ ބަދަލުގައި އެހެން ބަޔަކު އައުމެއް ނޫން. އިންޑިއާ ވެސް ޗައިނާވެސް އަދި އެމެރިކާގެ ވެސް ސިފައިން ރާއްޖޭގައި ތިބުމަކީ ދިވެހީން ގަބޫލު ކުރާނެ ކަމެއް ނޫން،"
ރައީސް ވަހީދު ސިފަ ކުރެއްވި ގޮތުގައި "އިންޑިއާ އައުޓް" ކެންޕޭނަކީ ދިވެހި ސަރުކާރަށް އަމާޒުވާ ކެންޕެއިނެކެވެ. އެ ކެންޕެއިނުން ރައްޔިތުން ދޭ މެސެޖަކީ ސަރުކާރުގެ ހަމަހަމަ ކަމެއް ނެތް އަދި ގައުމަށް ފައިދާ ނުވާ ހާރިޖީ ސިޔާސަތު ބަދަލު ކުރުން ކަމަށްވެސް ވިދާޅުވިއެވެ.
އިންޑިއާ އައުޓް މިކިޔަނީ އަޅުގަނޑަށް ވިސްނޭ ގޮތުގައި އެއީ އިންޑިއާއަކާ ދިމާއަށް ކިޔާ އެއްޗެއް ނޫން. އެއީ ދިވެހި ސަރުކާރާ ދިމާއަށް ކިޔާ އެއްޗެއް. އެއީ ދިވެހި ސަރުކާރުގެ ސިޔާސަތު ދިވެހި ރައްޔިތުންނަށް ގަބޫލުނުކުރެވޭތީ ސަރުކާރުގައި މި ބުނަނީ ސަރުކާރުގެ ސިޔާސަތު ބަދަލުކުރާށޭ. ސަރުކާރަކީ ފޯރާ ސަރުކާރަކަށް ވާށޭ. އަމިއްލަ ފައިމައްޗަށް ތެދުވެވޭ ސަރުކާރަކަށް ވާށޭ. ދިވެހި ރައްޔިތުންގެ ސަރުކާރަކަށް ވާށޭ. ދިވެހި ގައުމު ދެކެ ލޯބިވާ ބަޔަކަށް ވާށޭ. ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ބޭރު މީހުން ވައްދަން ނަހަދާށޭ. އެއީ މިބުނާ އެއްޗަކީޑރ. މުހައްމަދު ވަހީދު ހަސަން މަނިކު | ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު
ރާއްޖޭގައި އިންޑިއާ ސިފައިން ތިބީ އެ ގައުމުން ހަދިޔާކޮށްފައިވާ ހެލްކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓް ދުއްވުމުގެ ނަމުގައެވެ. އިންޑިއާގެ އެހީ ނެތި އެފަދަ އޮޕަރޭޝަނެއް ކުރިއަށް ނުގެންދެވޭނެ ކަމަށާ އެފަދަ ގާބިލު ކަމެއް ދައުލަތުގައި ނެތް ކަމަށް ސަރުކާރުގެ ބައެއް ވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ.
އެ ވާހަކަތަކަށްވެސް ރައީސް ވަހީދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ވަހީދު ވިދާޅުވީ އެއީ ވަރަށް "ފިނޑި" ތާކުންތާކު ނުޖެހޭ ލަދުވެތި ވާހަކަތަކެއް ކަމަށެވެ. އަދި ޕައިލެޓުންނަށް ދޭނެ މުސާރަ ނެތް ނަމަ އެކަމަށް އެދެންވީ ބޭރު ގައުމެއްގައި ނޫން ކަމަށް ވިދާޅުވިއެވެ.
"އެއީ ވަރަށް ފިނޑި ވާހަކަތަކެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލުވެ ތިބޭ ބަޔަކު ދިވެހިރާއްޖޭގެ ދިފާއީ ކަންކަން ހާއްސަކޮށް މަތިންދާބޯޓެއް އަދި ހެލްކޮޕްޓަރެއް ހިންގޭ ވަރުގެ ފެންވަރު އެވަރުގެ ފޯރުންތެރިކަން ނެތް ވާހަކަ ބުނުމަކީ ލަދުގަންނަން ޖެހޭ ވަރުގެ ކަމެއް ދެއްތޯ. އެ ބޭފުޅުންވެސް ލަދުގަންނަން ޖެހޭނެ އަދި އެ ބޭފުޅުން އެހެން ވިދާޅުވީމާ ދިވެހިރައްޔިތުންވެސް އެކަމާ ލަދުގަނޭ. އެއަށްވުރެ ފޯރާ ބައެއް ދިވެހީންނަކީ. މިހާރުވެސް ވިދާޅުވާންވީ މިކަމަށް ދިވެހިރައްޔިތުން އެހީތެރިވެދޭށޭ. ޕައިލެޓުންނަށް ދޭނެ މުސާރައެއް ތިމަންނާމެން އަތަކު ނެތޭ، ރައްޔިތުން މުސާރަ ދޭށޭ. މުސާރަ ދޭނެ ކިތަންމެ ބަޔަކު ތިބޭނެ. ހުދު އަޅުގަނޑުވެސް މި ހުރީ އެތަނުން އެއް ޕައިލެޓްގެ މުސާރަ ދޭން ތައްޔާރަށް. އެހެންވީމަ އެއީ ވާހަކައެއް ނޫން،"
ރައީސް ވަހީދު ވިދާޅުވި ގޮތުގައި ރާއްޖެ އާއި އިންޑިއާއާ އޮތް ސުލްހަވެރި ހަމަހަމަ ގުޅުމަށް ބުރޫއެރި ހިސާބަކީ އެ ގައުމުގެ ބައެއް ބޮޑެތި ކުންފުނިތަކާއެކު ދިވެހި ސަރުކާރުން ބައެއް އެެއްބަސްވުންތައް ހެދި ހިސާބެވެ. އެފަދަ އެއް އެއްބަސްވުމަކީ ދިވެހީންގެ މައި އެއާޕޯޓް ޖީއެމްއާރު ކުންފުންޏަށް ދިނުމެވެ.
އެއީ ދިވެހިންނާއި ދިވެހި ގައުމަށް ވަރަށް ބޮޑަށް ގެއްލުންވާ ގޮތަށް ނިންމި ނިންމުމެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެއީ ބަޔަކު އަމިއްލަ އެދުމުގައި ކޮށްފައިވާ "ވިޔާނުދާ" ކަމެއް ކަމަށް ވިދާޅުވިއެވެ. އެ މައްސަލައިގެ ސަބަބުންވެސް ރާއްޖެ-އިންޑިއާ ގުޅުމަށް ވަރަށް އަސަރު ކުރި ކަމަށް ވިދާޅުވެ އެ ހަގީގަތް އޮޅުވާނުލެއްވޭނެ ކަމަށް ވިދާޅުވިއެވެ.
"އިންޑިއާގެ ބައެއް ކުންފުނިތަކާއެކު ސަރުކާރުން ހަދާފައިވާ އެގްރީމަންޓްތައް، ހާއްސަކޮށް ޖީއެމްއާރުގެ އެގްރީމަންޓް އިނގޭތޯ އެއީކީއެއް ރާއްޖެއަށް އެންމެ ފައިދާވާ ގޮތަކަށް ހަދާފައިވާ އެގްރީމަންޓެއް ނޫން. އަޅުގަނޑު އަދިވެސް ގަބޫލުކުރަނީ އެއީ ދިވެހީންނަށް ވަރަށް ދެރަކޮށް ހެދިފައި އޮތް އެގްރީމަންޓެކޭ. ކޮންމެ ބޭފުޅަކު ކޮންމެ އެއްޗެއް ވިދާޅުވީ ނަމަވެސް. އެހެންވީމަ މީގަ އެންމެ ބޮޑު މައްސަލައެއް ކަމަށް އަޅުގަނޑު ދެކެނީ އަޅުގަނޑުމެންގެ ތެރޭގައި ތިބި ބައެއް ބޭފުޅުން މިފަދަ އެގްރީމަންޓްތައް ހަދާއިރު އެ ބޭފުޅުންގެ އަމިއްލަ އެދުން ބޮޑުކަން. އެ ބޭފުޅުންގެ އަމިއްލަ އެދުމާ ހެދި ނުވަތަ ކުރަންވީ ގޮތް އެނގިވަޑައިނުގެން އެ ކުރައްވާ ކަމަކުން ފަހުން ވަރަށް ބޮޑެތި މައްސަލަތަކާ މި ކުރިމަތިލާން ޖެހެނީ،" އެމަނިކުފާނުގެ ވެރިކަމުގައި ޖީއެމްއާރުގެ އެއްބަސްވުން އުވާލި އުވާލުން ދިފާއު ކުރައްވާ ވިދާޅުވިއެވެ.