މާލޭ ސިޓީ ކައުންސިލް

ކައުންސިލުން ޓީޖެޓީއާ ހަވާލުވުމުގެ މަސައްކަތް ފަށައިފި

Dec 20, 2021

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގާ މާލޭގެ ޓީޖެޓީއާ ހަވާލުވާން މާލެ ސިޓީ ކައުންސިލްގެ މެންބަރުން ޓީޖެޓީ ސަރަހައްދަށް ވަޑައިގެންފި އެވެ.

ކައުންސިލަރުން ޓީޖެޓީ ސަރަހައްދަށް ވަޑައިގަތީ އެތަން ހަވާލު ކުރުމަށް އެމްޕީއެލަށް ދިން 90 ދުވަހުގެ ނޯޓިސް މި މަހުގެ 12 ވަނަ ދުވަހަށް ހަމަވުމުން އޭގެ ފަހުން އިތުރަށް ދިން ހަތް ދުވަސް ވެސް ހަމަވުމުންނެވެ.

މާލޭގެ ބައެއް ކައުންސިލަރުންނާއި މާލެ ސިޓީ ކައުންސިލްގެ ގާނޫނީ ޓީމާއެކު ޓީޖެޓީ ސަރަހައްދަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އިސްކޮށް ހުންނެވީ މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އެވެ.

މިވަގުތު އެ ސަރަހައްދުގައި ހުންނެވި އަވަސްގެ ނޫސްވެރިޔާ އަށް މައުލޫމާތު ދެއްވަމުން ނަރީޝް ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ޓީޖެޓީއާ ހަވާލުވުމަށް މިއަދު އެތަނަށް ދާނެ ކަން އެމްޕީއެލްގެ އިސްވެރިންނަށް އޮންނާނީ އަންގާފައި ކަމަށެވެ. ނަމަވެސް ޓީޖެޓީ ސަރަހައްދުން އެމްޕީއެލްގެ އިސްވެރިޔަކާ ކައުންސިލަރުންނާ ބައްދަލުވާ ގޮތް އަދި ނުވެ އެވެ.

ނަރީޝް ވިދާޅުވީ ޓީޖެޓީއާ ހަވާލުވާން ބޭނުން ވަނީ އެމްޕީއެލްއާ ރީތިކޮށް މަޝްވަރާ ކޮށްގެން ސުލްހަވެރިކަމާއެކު ކަމަށެވެ. އެކަމަކު އެމްޕީއެލް އިން އެއްބާރުލުން ނުދޭނަމަ ގާނޫނީ ގޮތުން މަސައްކަތް ކޮށްގެން ޓީޖެޓީ ސަރަހައްދު ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެންދާނެ ކަމަަށެވެ.

"އަޅުގަނޑުމެން އަދިވެސް މި ބަލަނީ ވާހަކަ ދައްކައިގެން މި ސަރަހައްދު އަޅުގަނޑުމެންނަށް ލިބޭތޯ،" ނަރީޝް ވިދާޅުވި އެވެ.

މާލޭގެ ޓީޖެޓީ، އެމްޕީއެލްއާ ހަވާލު ކޮށްފައި ވަނީ ސަރުކާރުން ކަމަށްވާތީ އެ ކުންފުނިން އެތަން ވަކި ކުރެވޭނީ ސަރުކާރުގެ ފަރާތުން ހައުސިން މިނިސްޓްރީއަށް ކަމަށް އެމްޕީއެލުން ކުރިން ބުނެފައިވެ އެވެ.

ސިޓީ ކައުންސިލްގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވަނީ ޓީޖެޓީ ސަރަހައްދު އެމްޕީއެލްގެ އިހުތިސޯސްގެ ތެރޭގައި އޮވެފައި، އެތަނުން މާލޭގެ ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުލިބުމެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޓީޖެޓީ ސަރަހައްދުން ލިބޭ އާމްދަނީން ރައްޔިތުންނަށް އެތައް ހިދުމަތެއް ކޮށްދެވޭނެ ކަމަށާއި ނަމަވެސް އެކަމަށް ހުރަސް އަޅަނީ ސަރުކާރުން ކަމަށެވެ.

ޓީޖެޓީ، ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމަށް ކައުންސިލުން ވަނީ ރައީސް އޮފީހުގައި ވެސް އެދިފަ އެވެ. އެކަމަކު އެކަން ކޮށްދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ ރައީސް އޮފީހުން ވަނީ ސިޓީ ކައުންސިލަށް ޖަވާބު ދީފަ އެވެ.

ޓީޖެޓީ، ސިޓީ ކައުންސިލްގެ ދަށުގައި އޮއްވައި އެތަން އެމްޕީއެލްއާ ހަވާލު ކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. އޭރު މުއިއްޒު ހުންނެވީ ހައުސިން މިނިސްޓަރު ކަމުގަ އެވެ.