މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ފަހަތަށް ޖެހޭނީ ތަންފީޒީ ބާރަކުން އެންގުމުން: އެމްޕީއެލް

ޓީޖެޓީ މައްސަލައިގައި ތަންފީޒީ އިދާރާއަކުން ނުވަތަ ހައުސިން މިނިސްޓްރީން ވަކި ގޮތަކަށް އަމަލު ކުރަން އަންގައިފިނަމަ އެގޮތަކަށް އަމަލު ކުރާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

އެމްޕީއެލްގެ މީޑިއާ ކޯޑިނޭޓަރު ދާނިޝް ނިޒާމް މިއަދު ވިދާޅުވީ އެ ކުންފުނީގެ ސްޓޭންޑަކީ މިނިސްޓްރީ ނުވަތަ ތަންފީޒީ އިދާރާއަކުން އަމަލު ކުރަން އަންގާ އެންގުމަކަށް އަަމަލު ކުރުން ކަމަށެވެ. އެ ނޫން ގޮތަކަށް ސްޓޭންޑް ބަދަލު ނުކުރާނެ ކަމަށެވެ.

މިހާރު މުއްދަތެއް ނެތް ގޮތަށް ހައުސިން މިނިސްޓްރީ އާއި އެމްޕީއޭލްއާ ދެމެދު ހަދާފައިވާ އެމްއޯޔޫގައި އޮތް ގޮތަށް ކުރިއެކޭ ވެސް އެއްފަދައިން ޓީޖެޓީގައި ދެމުން އަންނަ ހިދުމަތްތައް ދެމުން ދާނެ ކަމަށް ވެސް ދާނިޝް ވަނީ ވިދާޅުވެފަ އެވެ.

ދާނިޝް މިހެން ވިދާޅުވެފައި ވަނީ ޓީޖެޓީއާ ހަވާލުވުމަށް މިއަދު އެ ސަރަހައްދަށް މާލެ ސިޓީ ކައުންސިލް މެމްބަރުން ވަޑައިގަތުމުންނެވެ. އެތަނަށް ވަޑައިގެން އެމްޕީއެލްއާ މުއާމަލާތް ކުރަން މަސައްކަތްކުރި ނަމަވެސް އެމްޕީއެލްގެ އެއްވެސް އިސްވެރިޔެއް އެ ސަރަހައްދަށް ވަޑައިގެންފައެއް ނުވެ އެވެ.

މީގެ ކުރިން ވެސް އެމްޕީއެލް އިން ބުނެފައި ވަނީ ޓީޖެޓީ އެ ކުންފުނީގެ ބާރުގެ ދަށުން ނެގޭނީ ހައުސިން މިނިސްޓްރީއަށް ކަމަށެވެ.

އެ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ނަރީޝް މިއަދު ވަނީ ވިދާޅުވެފަ އެވެ. އަދި މުއްދަތެއް ނެތް ގޮތަށް އެމްއޯޔޫއެއް ހަދައިފައިވާނަމަ އެ ލިޔެކިޔުންތައް ހާމަ ކުރަން ވެސް ނަރީޝް ވަނީ އެމްޕީއެލްއަށް ގޮވާލައްވާފަ އެވެ.

ސިޓީ ކައުންސިލްގެ ދަށުގައި ޓީޖެޓީ އޮއްވައި އެތަން އެމްޕީއެލްއާ ހަވާލު ކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. އޭރު މުއިއްޒު ހުންނެވީ ހައުސިން މިނިސްޓަރު ކަމުގަ އެވެ.