ހޮލީވުޑް

ފެވަރިޓް ސީރީޒް ނިމުމަކަށް އަންނަނީތަ؟

ފިލްމުތަކަށް ވުރެ ޓީވީ ސީރީޒްތަކަށް މަރުދޭ މީހުން މިހާރު ގިނަވެއްޖެ އެވެ. ބައެއް މީހުން ބުނަނީ ޓީވީ އަކީ މުސްތަގުބަލުގެ ސިނަމާ ކަމަށެވެ. އަނެއްކޮޅުން ފިލްމުތަކަށް ވުރެ ސީރީޒްތަކުގެ ފެންވަރު ރަނގަޅު ކަމަށް ބުނާ މީހުން ވެސް ގިނަ އެވެ. މިސާލަކަށް "ލޯޑް އޮފް ދަ ރިންގްސް" ފަދަ ފެންޓަސީ ފިލްމުތަކުގެ މައްޗަށް އެޗްބީއޯގެ ކާމިޔާބު ޓީވީ ސީރީޒް "ގޭމް އޮފް ތްރޯންސް" ހިޔާރުކޮށްފައިވާ މީހުން ވެސް ވަރަށް ގިނަ އެވެ.

އެއްގޮތަކަށް ވެސް "ގޭމް އޮފް ތްރޯންސް" ނިމުމަކަށް އަންނަނީކީއެއް ނޫނެވެ. ނަމަވެސް ތިރީގައި މި ލިސްޓަކީ، މި އަހަރު ނިމުމަކަށް އަންނަ މަޝްހޫރު ޑްރާމާތަކެވެ.

ފްރެންޑްސް ސީރީޒްގެ މޮނިކާ ގެލާގެ ރޯލުން ފެނިގެން ދިޔަ ކޯޓްނީ ލީޑްރޯލް އަދާކޮށްފައިވާ މި ހެއްވާ މަޖާ ޑްރާމާ ސިލްސިލާގެ ފަހު ސީޒަން މިވަނީ މި ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު ޕްރިމިއާރ ކޮށްފައެވެ. 13 އެޕިސޯޑް ދެއްކުމަށް ހަމަ ޖެހިފައިވާ މި ސީޒަންގެ ބާކީ ދެން އޮތީ 11 އެޕިސޯޑެވެ. ކޫގަ ޓައުންގެ ފުރަތަމަ ސީޒަނާއި އެކު މި ސީރީޒް ކެންސަލްކުރުމަށް ކުރި އިޢުލާން އޭރު ބާތިލް ކުރިނަމަވެސް މި ސީރީސްގެ މިހާރު ދައްކަމުންދާ ހަ ވަނަ ސީޒަނަށްފަހު އިތުރު ސީޒަނެއް ދެން ނުއުފައްދާނެކަމަށް ޝޯގެ ޕްރޮޑިއުސަރުވަނީ އިޢުލާންކޮށްފައެވެ.

މިއަހަރުގެ މާޗް 20 ވަނަ ދުވަހަކީ މި ސީރީސްގެ ފަހު އެޕިސޯޑް އެއާ ކުރާ ދުވަހެވެ. ހަ ވަނަ ސީޒަނާއި އެކު މި ސިލްސިލާ ބެލުންތެރިންނަށް އަލްވަދާއު ކީނަމަވެސް މި ސިލްސިލާއިން ހޯދާފައިވާ ރަންވަނަ ތަކާއި ޝޯއަށް ބެލުންތެރިން ދީފައިވާ ސަޕޯޓާއި އެކު މިއީ ޑްރާމާ ސިލްސިލާތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ސިލްސިލާގެ ގޮތުގައި އަބަދުމެ ހަނދާނުގައި ހަރުލާނެ ސިލްސިލާއެއްކަން ޔަގީނެވެ. ޝޯ ހުއްޓާލުމަށް ނިންމާފައިވަނީ މިޝޯގެ ލީޑްތަރި ކޯރީ މޮންޓީތްގެ ކުއްލި މަރުގެ ސަބަބުން އޭނާއާއި ވަކިން ޝޯކުރިއަށް ގެންދަން އުނދަގޫވުމުން ކަމަށްވެއެވެ.

މީގެ ތިން އަހަރު ކުރިން ޔޫއެސްގެ އެންމެ ގިނަބަޔަކު ބަލަމުންދިޔަ މި ހެއްވާ މަޖާ ސިލްސިލާ އޭގެ 12 ވަނަ ސީޒަނާއެކު މިފެށޭ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު ނިމުމަކަށް އަންނާނެއެވެ. 2011 ވަނަ އަހަރު ޝޯގެ އެއްލީޑް ކަމަށްވާ ޗާލީ ޝީން ޝޯއިން ވަކިކޮށް އެރޯލް މަޝްހޫރު ފިލްމީ ތަރި އެޝްޓަން ކަޗާ ކުރިއަށް ގެންދިޔަނަމަވެސް މި ސިލްސިލާގެ މަޤްބޫލުކަން ދުވަހެއް ދުވަހަކަށް ދައްވަމުންދިއުން އެއީ މި ޝޯ ނިންމާލުމުގެ އަސްލުކަމަށްވެއެވެ.

2008 ވަނަ އަހަރު ސީބީއެސް ޗެނަލުން ގެނެސްދޭންފެށި މި ޑްރާމާ ސިލްސިލާއަށް ބެލުންތެރިންގެ ސަޕޯޓް ލިބިގެންދިޔައީ ސިލްސިލާގެ ލީޑްތަރި ސައިމޮން ބެކަރގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. މޮޅު ކޮންސެޕްޓަކަށް ބެލުންތެރިންގެ ޝައުގުވެރިކަން ދަންމުވައިދިން މި ސިލްސިލާގެ ފަހު އެޕިސޯޑް މިފެށޭ ފެބްރުއަރީމަހު 18 ވަނަ ދުވަހު ބެލުންތެރިންނާ ހަމައަށް އަންނާނެއެވެ. މި ސިލްސިލާގެ 7 ވަނަ ސީޒަނުން ނިންމާލުމުގެ އަސްލަކީ އިތުރަށް މިވާހަކަ ކުރިއަށް ގެންދާނަމަ ބެލުންތެރިންގެ މަޤްބޫލުކަން ކުޑަވެދާނެތީކަމަށް ޝޯގެ އުފެއްދުންތެރިން ބުނެފައިވެއެވެ. ނިމުން މިގެނެސްދެނީ އެންމެ ފުރިހަމަ ގޮތުގައިކަމަށްވެސް އުފެއްދުންތެރިންވަނީ ބުނެފައެވެ.

އޭއެމްސީއަކީ ފާހަގަކުރެވެނީ އެ ޗެނަލްގެ އެންމެ މަގްބޫލު ޝޯތައްވެސް ދިގު ދެންމުމެއްނެތި ނިމުން ގެނެސްދޭ ޗެނަލެއްގެ ގޮތުގައެވެ. ބްރޭކިންގ ބޭޑްއަކީ އޭގެ މިސާލެކެވެ. މިއަހަރު މިއޮތީ މޭޑްމެންއެވެ. 1970ގެ އަހަރުތައް ދައްކުވައިދޭ މިސިލްސިލާގެ ފަހު ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޭޕްރީލްމަހު 5 ވަނަ ދުވަހުއެވެ. މިއީ މި ސީރީސްގެ ހަތް ވަނަ ސީޒަނެވެ. 

މި ސީރީސްތަކުގެ އިތުރުން ސްޓީވަން ސްޕީލްބާރގް ޕްރޮޑިއުސްކޮށްފައިވާ "ފޯލިންގ ސްކައިސް" ގެ ފަސްވަނަ އަދި ފަހު ސީޒަން އޭގެ ފަހު 10 އެޕިސޯޑާއެކު ބެލުންތެރިންނާ މިއަހަރު ބައްދަލުކުރާނެއެވެ. އޭހެ އިތުރުން "ނާރސް ޖެކީ" ،"ހެމްލޮކް ގްރޯވް" "ޕޭރެންޓްހުޑް" އަދި "ޖަސްޓިފައިޑް" ގެ ފަހު އެޕިސޯޑްވެސް ބެލުންތެރިންނަށް މިއަހަރު ފެނިގެންދާނެއެވެ.