ބޮލީވުޑް

ގެއިން ފިލައި. ކައިވެނިކުރަން ޕަދްމިނީއަށް ޕޫނަމް އެހީވި!

ޕަދްމިނީ ކޯލާޕޫރީ އާއި ޕޫނަމް ދިލަން އަކީ 80 އިގެ އަހަރުތަކުގައި ބޮލީވުޑްގައި އެންމެ ގަދަޔަށް ފިޔަޖެހި ބަތަލާއިންގެ ތެރޭގައި ހިމެނުނު ދެ ބަތަލާއިންނެވެ. ދެ ބަތަލާއަކު އެއްގަލަކަށް ނާރާނޭ މީހުން ބުނެ އުޅުނަސް މި ދެ ބަތަލާއިން ވަނީ މިއީ މުޅިން ތެދެއް ނޫންކަން ސާބިތު ކޮށްދީފަ އެވެ. އެންމެ ޒުވާން ދުވަސްވަރުއްސުރެ އެމީހުންގެ މެދުގައި އޮތް އެކުވެރިކަން މިހާތަނަށް ވެސް އެމީހުން ގެންދަނީ ދަމަހައްޓަމުންނެވެ.

ދާދިފަހުން ޕޫނަމް އާއި ޕަދްމިނީ ޒީ-ޓީވީގެ ސިގިން ރިއަލިޓީ ޝޯ "ސާ ރޭ ގާ މާ ޕާ" ގައި ބައިވެރިވެ އެމީހުންގެ އެކުވެރިކަމުގެ ވާހަކަތައް ހިއްސާ ކޮށްފައި ވެއެވެ.

ޕޫނަމް ބުނި ގޮތުގައި ޕަދްމިނީ ގެއިން ފިލައިގެން ގޮސް ލޯބިވެރިޔާ އާ ކައިވެނި ކުރަން އުޅުނުއިރު އޭނާގެ ކައިވެނީގެ ހެދުމާއި ގަހަނާގެ ހުރިހާ އިންތިޒާމެއް ހަމަޖެއްސީ އޭނާ އެވެ. ޕޫނަމް ބުނި ގޮތުގައި ޕަދްމިނީ ގެއިން ފިލީ އޭނާގެ މައިންބަފައިން އޭނާގެ ލޯބިވެރިޔާ އާ ކައިވެނިކުރަން ގަބޫލު ނުވީމަ އެވެ.

ޕޫނަމް ބުނި ގޮތުގައި އޭރު ދެ މީހުން ވެސް ވަރަށް ޅައެވެ. އެހެންވެ ލާނެ ހެދުމެއް ނޭނގިގެން އެންމެ ފަހުން ޕަދްމިނީ އަށް ކައިވެނީގެ ހެދުމެއް އޭނާ ހޯދައި ދިނީ އެވެ.

"އަހަރެމެންގެ އެކުވެރިކަމަށް އެތައް ޒަމާނެއް ވީއިރު ދެމީހުންގެ ހަޔާތުގައި ދިމާވި އުފާވެރި ކަންތައްތަކާއި ހިތާމަވެރި ކަންތައްތައް ދެމީހުންނަށް ވެސް ވަނީ ފެނި އެކަންކަމުގައި ބައިވެރި ވެސް ވެފަ،" ޕޫނަމް ބުންޏެވެ.

ޕަދްމިނީ ބުނި ގޮތުގައި ޕޫނަމް އަކީ ވަރަށް ދީލަތި މީހެކެވެ.

"އަހަރެން ލޯބިވާ މީހާއާ ކައިވެނި ކުރަން މަންމަ އާއި ބައްޕަ އެހީތެރިވެ ނުދިނުމުން ޕޫނަމް ވަރަށް އެހީތެރިކަން ފޯރު ކޮށްދިން،" ޕަދްމިނީ ބުންޏެވެ.

ޕަދްމިނީގެ ކެރިއަރުގެ އެންމެ ރަން ޒަމާނުގައި އޭނާ ކައިވެނިކުރީ ޕްރޮޑިއުސަރު ޓޫޓޫ ޝަރުމާ އާއެވެ. ޓޫޓޫ އާ ޕަދްމިނީ ބައްދަލުވީ 1986 ގައި އޭނާ ކުޅުނު "އޭސާ ޕިޔާރް ކަހާނ" ގެ ސެޓުންނެވެ.

ކައިވެނީގެ ވާހަކަތައް ކިޔައިދެމުން 2013 ގައި ފިލްމްފެއާ އަށް ޕަދްމިނީ ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވަނީ އޭނާގެ މައިންބަފައިންނަކީ ވަރަށް ހަރުކަށި ވިސްނުމެއް ގެންގުޅުނު ބައެކެވެ.

"އަހަރެން އިސްތަށިގަނޑު ނާއްސާ ދޫކޮށްލާފައި ބޭއްވިޔަސް ބައްޕަ ބުނާނެ ހަމަ މިހާރު އިސްތަށިގަނޑު އައްސާށޭ އެހެން ނޫނީ އަހަރެން އިސްތަށިގަނޑު ބުރި ކޮށްލާނަމޭ. އެކްޓިން އަކީ ވެސް ހަމައެކަނި ޕްރޮފެޝަން އެއްގެ ގޮތުން އަހަރެން ކުރިކަމެއް. ޝޫޓިން ނިމުނީމަ އެންމެ މިނިޓެއް ވެސް މަޑެއް ނުކުރެވޭނެ. އެނބުރި ގެއަށް އަންނަން ޖެހޭނީ. އެހެންވީމަ ލޯބީގެ ކައިވެންޏަކީ އަހަރެންގެ މައިންބަފައިން ގަބޫލުކުރި އެއްޗެއް ނޫން. ނަމަވެސް ޓޫޓޫ އާ ބައްދަލުވުމާއެކު އަހަންނަށް އޭނާ ދެކެ ލޯބި ވެވުނީ،" ޕަދްމިނީގެ އިންޓަވިއުގައި ބުނެފައި ވެއެވެ.

ޕަދްމިނީ އިތުރަށް ބުނެފައިވާ ގޮތުގައި އޭނާގެ ދައްތަ ޝިވާންގީ އާއި ޅިޔަނު ޝަކްތީ ކަޕޫރުގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް އޭނާ އަށް ލިބުނެވެ. ޕަދްމިނީ އާއި ޓޫޓޫ ކައިވެނިކުރީ ޕްރޮޑިއުސަރު އަޝޯކް ތަކާރިއާގެ ގޭގަ އެވެ. އަޝޯކް އަކީ ޕޫނަމްގެ ކުރީގެ ފިރިމީހާ އެވެ.