ބޮލީވުޑް

"ބަޖްރަންގީ ބައިޖާން" ސީކުއަލްއެއް ސަލްމާން އިއުލާންކޮށްފި

ސަލްމާން ޚާންގެ އެންމެ ރީތި އެއް ފިލްމު "ބަޖްރަންގީ ބައިޖާން" ގެ ދެ ވަނަ އެއް އުފައްދަން ގަސްތު ކުރާ ކަމަށް ސަލްމާން ބުނެފި އެވެ.

ސަލްމާން މިކަން އިއުލާން ކުރީ އިންޑިޔާގެ މުމްބައިގައި މިދިޔަ އާދީއްތަ ދުވަހު ބޭއްވި "އާރްއާރްއާރް" ކިޔާ ފިލްމެއްގެ ޕްރި-ރިލީޒް އިވެންޓެއްގަ އެވެ. "އާރްއާރްއާރް" އަކީ "ބަހޫބަލީ" ސީރީޒް އުފެއްދި ކުޅަދާނަ ޑައިރެންޓަރު އެސްއެސް ރާޖާމޯލީ ޑައިރެކްޓްކުރާ ހިންދީ ބަހާއި އެނޫން ވެސް އެތައް ބަހަކުން ތައްޔާރުކުރާ ފިލްމެކެވެ.

"ބަޖްރަންގީ ބައިޖާން" ގެ ވާހަކަ ލިޔެފައި ވަނީ ރާޖާމޯލީގެ ބައްޕަ ކޭވީ ވިޖެންދުރަ ޕްރަސާދެވެ. އަދި އެ ފިލްމުގެ ސީކުއަލް ވެސް ލިޔަނީ ހަމަ އޭނާ އެވެ.

"އާރްއާރްއާރް"ގައި ބޮލީވުޑް ތަރިންގެ ތެރެއިން އާލިއާ ބަޓް އާއި އަޖޭ ދޭވްގަން މުހިއްމު ބައިތަކެއް ކުޅެފައި ވެއެވެ. ފިލްމުގެ އެހެން މުހިންމު ބައިތަކުން ފެންނާނީ ސައުތު އިންޑިޔާގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ޖޭއާރް އެންޓީއާރް، ރާމް ޗަރަން އެވެ.

ސަލްމާން މި އިވެންޓުގައި ބައިވެރިވީ މި ފިލްމަށް އޭނާ ކުރާ ތާއީދު ހާމަ ކުރުމުގެ ގޮތުންނެވެ. ސަލްމާން ބުނި ގޮތުގައި އޭނާގެ ކެރިއަރުގެ އެންމެ ރީތި ފިލްމުތައް ލިޔެފައިވަނީ ރާޖާމޯލީގެ ބައްޕަ އެވެ.

ކަރަން ޖޯހަރް ހޯސްޓްކުރި މި އިވެންޓުގައި ސަލްމާން ބުނީ "ބަޖްރަންގީ ބައިޖާން" އަށް 300 ކްރޯޑު ރުޕީސްގެ ވިޔަފާރިވި ކަމަށާއި މިއީ ބޮލީވުޑުން މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު ފަސް ފިލްމުގެ ތެރޭގައި ހިމެނޭ ފިލްމެއް ކަމަށެވެ.

ކަބީރް ޚާން ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ މަންމަނު ކުޑަ އަންހެންކުއްޖެއްގެ ވާހަކަ އެވެ. ޕާކިސްތާނުގެ މިކުއްޖާއަށް އޮޅިގެން ބޯޑަރު ހުރަސް ކުރެވި އިންޑިޔާއަށް ދެވިގެން ދިމާވާ ހާދިސާތަކެއްގެ ވާހަކަ އެވެ. ފިލްމުގައި މި ކުޑަ އަންހެން ކުއްޖާ މުންނީގެ ރޯލު އަދާކުރީ ހަރްޝާލީ މަލްހޯތުރާ އެވެ.