ބޮލީވުޑް

ގަންގޫބާއީ: ގޭންގް ސްޓާރުގެ ރޯލަށް އަޖޭ

"ހަމް ދިލް ދޭ ޗުކޭ ސަނަމް" އަށް ފަހު ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ އާއި އަޖޭ ދޭވްގަން އެކުގައި މަސައްކަތް ކުރަން ހަމަޖެހިއްޖެ އެވެ. ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުގައި އަޖޭ ކުޅެން ހަމަޖެހިފައި ވަނީ އާލިއާ ބަޓް ބަތަލާގެ ބަޔަށް ލައިގެން ބާންސާލީ އުފައްދަން އުޅޭ ފިލްމު "ގަންގޫބާއީ" ގައެވެ. ފިލްމުގައި އަޖޭ ކުޅެނީ ގޭންގް ސްޓާރެއްގެ ރޯލެވެ.

"ގަންގޫބާއީ" އަކީ ލިޔުންތެރިޔާ ހުސެއިން ޒައިދީގެ "މާފިއާ ކްއީންސް އޮފް މުމްބައި" ގެ އެޑަޕްޓޭޝަނެއް ކަމަށް ބުނެވެ އެވެ.

"ގަންގޫބާއީ" ފިޔަވައި "ބައިޖޫ ބަންވުރާ" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ބާންސާލީ ފަށަން ދަނީ ތައްޔާރު ވަމުންނެވެ. މި ދެ ފިލްމުން ކުރެ ބޭނުން ފިލްމެއް ޚިޔާރު ކުރުމުގެ ފުރުސަތު އަޖޭއަށް ދިނުމުން އޭނާ ޚިޔާރު ކުރީ "ގަންގޫބާއީ" އެވެ.

ދެ ފިލްމެއްގެ މަސައްކަތް ފަށާކަން ރަސްމީކޮށް ބަންސާލީ އިއުލާން ކޮށްފައި ވިޔަސް އާލިއާ ބަޓް ފިޔަވައި އެހެން އެއްވެސް އެކްޓަރެއްގެ ނަން އިއުލާން ކޮށްފައެއް ނުވެ އެވެ. ކުރިޔަށް އޮތް ހަފުތާ ތެރޭގައި ފިލްމުގައި ބައިވެރިވާ ތަރިންގެ ނަންތައް އިއުލާން ކުރަން ހަމަޖެހިފައިވާ ކަމަށް ބޮލީވުޑް ޚަބަރުތައް ބުނެ އެވެ.

އަޖޭ މިހާރު ކުޅެމުންދަނީ ތާރީޚީ އެކްޝަން ޑްރާމާ "ތަންހާޖީ" އެވެ. "ގަންގޫބާއީ" ޕްރޮޖެކްޓާ ބެހޭ ގޮތުން ވާހަކަ ދައްކަން ބާންސާލީ އާ ބައްދަލު ކުރި ފަހަރަކު އަޖޭ ވަނީ "ތަންހާޖީ" ގެ ބައެއް މަންޒަރުތައް ބާންސާލީ އަށް ދައްކާފަ އެވެ. އަދި ޚުދް ބާންސާލީއަކީ ވެސް ތާރީޚީ ފިލްމުތަކަށް ޝައުގުވެރިވާ މީހަކަށް ވާތީ އަޖޭގެ ފިލްމުގެ މަންޒަރުތައް ބާންސާލީއަށް ވަރަށް ކަމުދިޔަ ކަމަށް ވެއެވެ.