މި އަހަރުގެ މިހާތަނަށް ދައުލަތުގެ ރިކަރަންޓް އެކްސްޕެންޑިޗާ ނުވަތަ ހިންގުމުގެ ހޭދަ އެންމެ ބޮޑީ އޮކްޓޫބަރު މަހު ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ގައުމީ ތަފާސް ހިސާބު ބަލަހައްޓާ އިދާރާ، ނޭޝަނަލް ސްޓެޓިސްޓިކްސްގެ ނޮވެމްބަރު ތަފާސް ހިސާބުތަކުގައިވާ ގޮތުން، މިދިޔަ އޮކްޓޫބަރު މަހު ރިކަރަންޓް ހޭދައިގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ. ހުރިހާ ހަރަދު ތަކެއް އެއްކޮށް ބަލާނަމަ އެ މަހު އެކަނި ހަތަރު ބިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ. އަދި މި އަހަރު ދެވަނަ އަށް ރިކަރަންޓް ހޭދަ އެންމެ މަތިވެގެން ދިޔަ މަހަކީ އޯގަސްޓް މަހެވެ. އެ މަހު ދެ ބިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ.
މިދިޔަ އަހަރަށް ބަލާނަމަ ރިކަރަންޓް ހޭދަ އެންމެ ބޮޑު ކަމަށް ދައްކަނީ ޑިސެމްބަރު މަހު އެވެ. އެ މަހު ދެ ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ.
ކެޕިޓަލް ހަރަދުތަކަށް ބަލާއިރު ވެސް މިދިޔަ އޮކްޓޫބަރު މަހު 1.4 ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ.
އެހެނިހެން ހޭދަ މަތިވި މަސްތައް
- މުސާރަ އާއި ޕެންޝަން (އެޕްރީލް 985.2 މިލިއަން)
- އެޑްމިން އަދި އޮޕަރޭޓިން އެކްސްޕެންސަސް (އޮކްޓޫބަރު 1.4 ބިލިއަން
- ސަބްސިޑީ (އޮގަސްޓް 127.7 މިލިއަން)
- އާސަންދަ އެޕްރީލް (195.8 މިލިއަން)
ދައުލަތުގެ ހޭދަ ބޮޑުތަން މަތިވެފައިވާއިރު ޓޫރިޒަމް ރަނގަޅުވުމުގެ ސަބަބުން އާމްދަނީއަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފަ އެވެ. އަދި ޓޫރިޒަމްގެ ޕީކް ސީޒަން ފެށިގެންދާއިރު މި އަދަދު މަތިވެގެންދާނެ ކަމަށް ބެލެވެ އެވެ.