އެމްޓީސީސީ

ހިޔާ ސަރަހައްދަށް ކޮންމެ 15 މިނެޓަކުން ބަސް ދަތުރު

Dec 21, 2021
1

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ ފްލެޓްތައް އަޅާފައިވާ ސަރަހައްދަށް ޑިމާންޑް ބޮޑުވާ ވަގުތުތަކުގައި ކޮންމެ 15 މިނެޓަކުން ބަސް ދަތުރު ކުރަން ފަށައިފި އެވެ.

އެމްޓީސީސީން ބުނީ މިއަދުން ފެށިގެން ޑިމާންޑް ބޮޑުވާ ވަގުތުތަކުގައި ކޮންމެ 15 މިނެޓަކުން އެ ސަރަހައްދަށް ބަސް ދަތުުރުކުރާ ގޮތަށް ހަމަޖެއްސީ ފްލެޓްތަކުގައި ދިރިއުޅޭ އާބާދީ އިތުރުވަމުންދާތީ ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމުގެ ގޮތުން ކަމަށެވެ. ހިޔާ ފްލެޓްތައް އަޅާފައިވާ ސަރަހައްދަށް ބަހުގެ ހިދުމަތް ފުރަތަމަ ދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހު އެވެ. ބަހުގެ ހިދުމަތް އެ ސަރަހައްދަނީ ކޮންމެ 30 މިނެޓަކުންނެވެ.

ދެވަނަ ފިޔަވައްސަށް ބަހުގެ ހިދުމަތް ފެށި ނަމަވެސް ބަސް ސްޓޮޕްތައް ތަރައްގީކޮށް އަދިވެސް މުޅިން ނުނިމެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ސީދާ މާލެ އަށް އަދި މާލެ އިން ސީދާ ހުޅުމާލެ އަށް ދަތުރުކުރެވޭނެ ގޮތެއް އަދި ހަމަޖެހިފައެއް ނުވެ އެެވެ. މިވަގުތު އެ ދަތުރުތައް ކުރަނީ މާލެ އިން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ވަކި ބަސް ސްޓޮޕްތަކަކަށް ފޭބުމަށްފަހު އެތަނުން ދެވަނަ ފިޔަވައްސަށް ދާން އިތުރު ބަހަކަށް އަރައިގެންނެވެ. ދެވަނަ ފިޔަވަހިން މާލެ އަށް ވެސް ދަތުރުކުރަނީ އެގޮތަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން 7،000 ފްލެޓް އަޅާފައިވާއިރު އެ ތަންތަނުގައި މީހުން ދިރިއުޅެން ފެށީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. ހިޔާ ފްލެޓްތަކުގެ ތެރެއިން މީހުން ދިރިއުޅެން ދޫކުރި 6،720 ފްލެޓްގެ ތެރެއިން މިހާރު 5،000 އެއްހާ ފްލެޓްގައި މީހުން ދިރިއުޅޭ ކަމަށް އެނގިފައިވެ އެވެ.

ހިޔާ ފްލެޓްތަކަށް ބަހުގެ ހިދުމަތް ދެނީ ކޮންމެ ދުވަހެއްގެ ހެނދުނު 5:45 އިން ރޭގަނޑު 11:45 އަށެވެ. އެކަމަކު ހުކުރު ދުވަހު ހެނދުނު 11:45 އިން މެންދުރުފަހު 1:45 އަށް ހިޔާ ފްލެޓްތަކަށް ބަހުގެ ހިދުމަތް މެދުކަނޑާލަ އެވެ.