ވާހަކަ

ހިތް ރުއްސާނުތޯ

(19 ޑިސެމްބަރ 2021 އާ ގުޅޭ)

"އެއީ ކާކު؟." ދުރުގައި ފެންހޮޅިއެއް ހިފައިގެން އުޅޭ މޫނުބުރުގާ އެޅި އަންހެންކުއްޖާއަށް ޒެހެން ބަލާހެން ހީވެ ރަހުމާ އަހާލިއެވެ. އެތަނުގައި އޭނާ ނޫން މީހަކު ހަރަކާތްތެރިވާތަނެއް ނުފެނެއެވެ.

ތަނުގެ ޑީންއާއި ފެކަލްޓީތަކުގެ ޑިޕާޓްމެންޓް ހެޑުންނާއެކު ދުވަހުގެ އެންމެ ފަހު ބައްދަލުވުން ރަހުމާ ނިންމާލިއެވެ. އޭރު މެންދުރު އެކެއްޖަހައި ހިނގައްޖެއެވެ. އޭނާ ލެކްޗަރާއިން ތިބޭ ބަޔަށް އައިސް ވަނެވެ. ނަމަވެސް ހިތުގައި އޮތް އުންމީދު ފަނޑުވެއްޖެއެވެ. އޭނާ އުންމީދުކުރީ ޒެހެން ފެނިދާނެކަމަށެވެ. އެތަނުގައި އޭނާ ނެތުމުން ރަހުމާ ލަފާކުރީ ކުލާހެއް ނަގައިދޭން ދިޔައީ ކަމުގައެވެ. ފާރުގައި ހަރުކޮށްފައި ހުންނަ ކުލާސްތަކުގެ ތާވަލުތައް ބަލާލުމަށް ހިތަކަށް ނާރައެވެ. އޭނާއަށް ހާއްސަކުރެވިފައި ހުރި މޭޒުދޮށުގައި އިށީނެވެ. ގޮނޑީގައި ހަމަޖެހިލެވުމާއެކު އޭނާ ނެގީ ފޯނެވެ.

ފޮޓޯ ގެލެރީގައި ވަކިން ފޯލްޑާއެއްގަ ހުރީ ކައިވެނި ހަފުލާއެއްގެ ތެރޭ ނަގާފައިވާ ފޮޓޯތަކެވެ. ރަހުމާ އެ ފޮޓޯތަކުން ބެލީ ހަމައެކަނި ޒެހެން ފެންނަން ހުރި ފޮޓޯތަކެވެ. އެއީ އެ ދެމީހުންގެ ފުރަތަމަ ބައްދަލުވުމެވެ. ރަހުމާއަށް އަލަށް ޒެހެން ފެނުނީ އެ ހަފުލާގެ ތެރެއިންނެވެ. ދުރުންވިޔަސް ދެ މީހުންގެ އާއިލާ ގުޅުވައިދިނީ އެ ކައިވެނި ހަފުލާއެވެ. ރަހުމާއަކީ އޭރު ކޮލެޖެއްގެ ވަގުތީ ލެކްޗަރާއެކެވެ. އޮފީހުގައި އުޅެފައި އޭނާ ހަމައެކަނި ދަނީ ރޭގަނޑު އޮންނަ ކުލާސްތަކެއް ނަގައިދޭށެވެ. އެވެސް ހަފްތާއަކު ދެ ރެއެވެ. ޝައުގުވެރިކަން ހުރި ދާއިރާއެއް ނޫނެވެ. އެކަމަކު ތަޢުލީމީ ދާއިރާގައި ދާއިމީވާން ރަހުމާ ނިންމީ ޒެހެންގެ ސަބަބުންނެވެ. އޮފީހުން ވަކިވެ ދާއިމީ ލެކްޗަރާއަކަށް އޭނާ ވީތާ ދޮޅު އަހަރުވަނީއެވެ. ޒެހެން މަސައްކަތްކުރާ ޔުނިވަރސިޓީއަށް އަންނަން އޭނާ ބޭނުންވީ ނަމަވެސް ރަހުމާ އޭރު މަސައްކަތް ކުރަމުންދިޔަ ކޮލެޖުން އޭނާއާ ހަދާފައި އޮތް މަސައްކަތުގެ އެއްބަސްވުން އެތަނާ ވަކިވާން ފުރުސަތެއް ނުދިނެވެ. އޭރު ދާއިމީ ލެކްޗަރަރއަކަށް ވީތާ ގިނަދުވަސް ނުވާތީއެވެ. އެތަނުން ބަދަލުވުމުގެ ފުރުސަތު ހުޅުވުނުއިރު ޒެހެންގެ ޔުނިވަރސިޓީގައި އޭނާގެ ދާއިރާއަށް ލެކްޗަރަރއެއްގެ މަގާމު ހުސްވެފައެއް ނެތެވެ. އަނެއްކާ ހަ މަސް އޭނާ އެކަމަށް މަޑުކުރާން ޖެހުނެވެ.

"އަހަރެން ހާދަ އިންތިޒާރެއް ކޮށްފީމޭ. ފައިނަލީ... ފައިނަލީ އައި އޭމް ހިއާ." ފޯނަށް ނަޒަރު ހުއްޓާލައިގެން ހިނިތުންވެ އިން ރަހުމާގެ ހިތް ބުނެލިއެވެ.

ޑީ ބުލޮކްގެ ބިއްދޮށުގައި އެކަނިމާއެކަނި ޒެހެން އިނެވެ. އިރުއިރުކޮޅާ އަތުކުރީ އޮތް ގަޑިއަށް ބަލާލައެވެ. އެވަރުން ހިތްހަމަނުޖެހިގެން އަތުގައި އޮތް ފޯނުން ގަޑި ބަލާލައެވެ. އޭނާ އެ އިންނަނީ ހޫރައިންގެ އިންތިޒާރުގައެވެ. އެއްގަޑިބައި ދޭއްޖަހާލާކަން ހާއިރު ހޫރައިން އެތަނަށް ނުކުމެ އިންނަތަން ޒެހެންއަށް އެތައް ދުވަހަކު ފެނިފައިވެއެވެ. އެ އަންހެންކުއްޖާ ދޭތެރެއަކުން ފާރުބުރީގަ ބަހައްޓާފަ ހުންނަ ރޭޑިއޯ ނަގައި އުނގައްލައިގެން އެ އަޑު އަހަން އިންނަތަން ވެސް ޒެހެން ދުށްޓެވެ. އޭނާ އެ ދިމާ ފެންނަ ގޮތަށް ހުރި ހަތަރުވަނަ ފަންގިފިލާގެ ސަރައްކާލީގެ ފާރުބުރީގައި އަތް އަޅުވާލައިގެން ބަލަން ހުންނަލެއް މަދެއްނޫނެވެ.

"އެއީ ކާކު؟"

ހޫރައިންއާ މެދު ހިޔާލު ކުރަމުންދިޔަ ޒެހެންއަށް ހެނދުނު ރަހުމާއާ ދެމެދު ދެކެވުނު ވާހަކަތަކުގެ ހަނދާން އާވެގެން އައެވެ. ރަހުމާ ސުވާލުކުރީ ހޫރައިންއަކީ ކާކުތޯއެވެ. އެކަން ޒެހެންއަށް އެނގެއެވެ.

"ކޮބާ؟" ޒެހެންގެ ނަޒަރު ރަހުމާއާ ސީދާކޮށްލަމުން ބުންޏެވެ.

"އެހެރީ... ފެންދޭން އުޅޭ މީހާ... ޒެން އޭނާއަކަށްނޫންތަ ތިބަލަނީ." ރަހުމާ ބުންޏެވެ.

"އެއީ ކާކުތަ؟." ޒެހެން ބުނެލިއެވެ. ރަހުމާގެ މޫނުން ހައިރާންކަން ފާޅުވިއެވެ.

"އަހަރެން ހީކުރީ... ޒެން އޭނާއަށް ނުބަލަންޏާ ކޮންހިޔާލަކަށް ގެއްލިފައި ހުރީ. މިއަދު އަހަރެން ފެނުމުން ރީއްޗޭ ބުނާކަށް ހަނދާނެއްނުވި. ކިހާ ދުވަހެއްފަހުން މި ބައްދަލުވީ."

"ރަހޫ އަބަދުވެސް ރީއްޗޭ." ޒެހެންގެ ޖަވާބުތައް ކުރެވެ.

ހޫރައިންއަށް ހުއްޓުނު ރަހުމާގެ ސަމާލުކަން ޒެހެން ބަދަލުކޮށްލީ އެފަދައިންނެވެ. އެއްވެސް މީހެއްގެ ސަމާލުކަން ހޫރައިންއަށް ހުއްޓޭކަށް ޒެހެންގެ ހިތެއް ނޭދެއެވެ.

މީހެއްގެ ފިޔަވަޅުގެ އަޑު އިވި ޒެހެން ވަގުތުން ބަލާލިއެވެ. އެ ދިމާއަށް އައި ހަސީނާގެ ފިޔަވަޅު މަޑުޖެހުނެވެ. އެ މޫނުގައި ހިސާބެއްގެ ހައިރާންކަމެއް ވިއެވެ. އެވީ ކިހިނެއްކަން ޒެހެންއަށް ފަހުމްވިއެވެ. އެތަނަކީ ލެކްޗަރަރއިން އައިސް ތިބޭ ތަނަކަށްނުވާއިރު އޭނާ އެތަނުން ފެނުމުން ލިބުނު ސިހުމެއްކަން ބުނަން އެނގެއެވެ. ހަސީނާއާ ހިނިތުންވުމެއް ޒެހެން ބަދަލުކޮށްލިއެވެ.

"މީހަކުނެތީމަ... ގޮނޑިއެއްގަ މަޑުކޮށްލީ..." ޒެހެން އާދައިގެ ގޮތަކަށް ބުނެލިއެވެ.

"މިތަން ނިކަން ހިތްފަސޭހަ." ހަސީނާ އައިސް ގޮނޑިއެއްގަ އިށީނެވެ. އޭނާ ގެންގުޅޭ ދަބަހުން ފޯއްޕެކެޓެއް ނެގިއެވެ. އެއިން ދެތިން ފޯއްފޮތި ނަގައި އަނގައަށްލިއެވެ. ދެން އެ ޕެކެޓު ޒެހެންއަށް ދިއްކޮށްލިއެވެ. ދުފާނަންތޯ ހަސީނާ އަހާލިއެވެ. ޒެހެން ބޯޖަހާލާފައި އޭގައި ހިފިއެވެ. އޭނާއަކީ ދުފާ މީހެއްނޫނެވެ. އެހެންވިޔަސް ތަހާނީ ބުނިހެން ހޫރައިންއާ އެންމެ އެއްކޮށް އުޅޭ މީހަކީ ހަސީނާއެވެ. ހޫރައިންއާ ބެހޭ ގޮތުން ކަމެއް އޮޅުންފިލުވޭނީ ހަސީނާއާ އެކުވެރިކަމެއް އުފެއްދިގެންނެވެ. އެ ވިސްނުމުގައި ޒެހެން އިނދެ ފޯއްޕެކެޓު ތެރެއިން ކަރަންފުލެއް ނަގައި އަނގަޔަށް ލިއެވެ.

"ކޮބާ ދައްތައާއެކު އުޅޭ ކުއްޖާ." ޒެހެން އަހާލިއެވެ.

"ކޮންކުއްޖެއް؟." ހަސީނާއަށް ކުއްލިއަކަށް ޖަވާބުދޭން ނޭނގުނީއެވެ. ޒެހެން އެ އަހަން އުޅެނީ ކާކުގެ ވާހަކަކަން ނޭނގޭތީއެވެ.

"މޫނު އަޅާފަ ހުންނަ ކުއްޖާ." ޒެހެން ބުންޏެވެ.

"ހޫރައިން ދޯ... އެކުއްޖާ އޮބިއަޅާލައިގެން ނާޒިމާ އެބައިން. ބޮޑުތަކުރުފާނު ވާހަކަ ފަށައިގެން." ހަސީނާ ހީނލިއެވެ.

"އަހަރެންމީ ޒެހެން. އަހަރެން އެ ދުވަހު ހޫރައިން ހެލްތްރޫމަށް ގެންދިޔައީ." ޒެހެން ބުނެލިއެވެ. ހަސީނާއަށް އޭނާއަކީ ކާކުކަން ބުނެދޭން ބޭނުންވީއެވެ.

"އެހެންތަ!... އެ ދުވަހު ދައްތަ ހާސްވެފަ ހުރިވަރުން އެއްވެސް ކަމެއް ފަހުން ހަނދާނެއްނުވި. ތާނީ ބުނި ދައްތަ ކައިރީ މިތާ އުޅޭ ލެކްޗަރަރއެކޭ ހޫރް ވެއްޓުނީމަ ގެނައީ. ޝުކުރިއްޔާ އިނގޭ. ދައްތަގެ ވަރަށް ގާތްކުއްޖެއް އެއީ. ދަރިއަކަށް ނުވިޔަސް އެއީ ހަމަ ދަރިއެއްފަދަ ކުއްޖެއް."

"ހޫރްއާ ދިމާވޭ. ދޭތެރެއަކުން ވާހަކަ ދައްކާ." ޒެހެން ބުންޏެވެ.

"އެހެންތަ!..." ހަސީނާއަށް ގަބޫލުކުރަން ދަތިވިއެވެ. ހޫރައިން ފިރިހެނަކާ ވާހަކަދައްކާނެއޭ އޭނާގެ ހިތް އެއްބަހެއްނުވެއެވެ. ހައިރާންވެ އަޖައިބުވާން ޖެހުނީ އެހެންވެއެވެ.

"ހޫރްގެ ކުއްޖެއް ހުންނަ ވާހަކަ ބުނި. ދައްތަ ތީ އޭނާގެ ފެމެލީ ފްރެންޑެއްތަ؟" ޒެހެން އަހާލިއެވެ.

ހަސީނާ ފަރުވާތެރިކަމާއެކު މާނަވީ ބެލުމަކުން ޒެހެންއަށް ބަލާލިއެވެ. އެ ޒުވާނާގެ މަގްސަދު ހަސީނާގެ ތަޖުރިބާކާރުގެ ސިކުނޑި ދެނެގަންނަން މަސައްކަތް ކުރިއެވެ. އޭނާއަށް ގައިމުވީ ޒެހެންގެ ފަރާތުން ހޫރައިންއާ މެދު ޝައުގުވެރިކަމެއް ވާކަމެވެ. ޒެހެންގެ ސޫރައަށް ހަސީނާ ބެލިއެވެ. ބޭރުފުށުގެ ރީތިކަން ފުރިހަމައެވެ. ނުހަނު ފިރިހެންވަންތައެވެ. މޫނުމަތިން ހިތްހެޔޮކަމެއްގެ އަސަރު ފާޅުވެއެވެ.

ހޫރައިންއާ ބެހޭ ތަފްސީލުތަކެއް ހަސީނާ ކިޔައެއް ނުދެއެވެ. އެކަމަކު އޭނާއާއި ހޫރައިންގެ އޮންނަ ގުޅުން ކިޔާދިނެވެ. އަމިއްލަ ބަނޑުން ވިހޭ ދަރިއަކުދެކެ މަޔެއް ވާނެ ލޯބި ހޫރައިންދެކެ ހަސީނާ ވާކަން ހާމަކުރިއެވެ. އެކުއްޖާ ލިބޭ ކޮންމެ ދެރައަކީ އޭނާއަށް ވެސް ލިބޭނެ ދެރައެކެވެ. ހޫރައިންއަށް ޓަކައި ދުނިޔޭގެ ދިރިއުޅުން ފަސޭހަކޮށްދިނުމަށް އޭނާ އަބަދުވެސް މަސައްކަތް ކުރެއެވެ. ވަޒީފާއަކަށް ހޫރައިން ބޭނުންވުމުން ހަސީނާ އެކަން ކޮންމެ ގޮތަކުން ހުރީ ހަމަޖައްސައިދޭން އަތްކުރި އޮޅާލައިގެންނެވެ. އެކަން ވެސް މިހާރު އެކުއްޖާ ފުއްދާ ދެވިއްޖެއެވެ. ޒެހެންއާ ހޫރައިން ވާހަކަދެއްކުމަކީ ހަސީނާއަށް ގަބޫލުކުރެވޭ ގޮތުގައި ކުރިއެރުމެކެވެ. ހޫރައިންގެ އެކަނިވެރިކަމަށް ބަދަލު އަތުވެދާނޭ ހީވާފަދަ ނިޝާނެކެވެ. ޒެހެން ތެދުވެގެން ދިޔައީ އޭނާއަށް ފޯނުކޯލެއް އައިސްގެންނެވެ. ހަސީނާއަށް ބަލަން އިނދެވުނީއެވެ. ފަނޑު ހިނިތުންވުމަކާއެކުއެވެ.

ގެއަށްދާން ހަސީނާއާއި ހޫރައިން ނުކުތީ އެކީގައެވެ. އާދައިގެ މަތިން ހަސީނާގެ އަނގަ ނުހުއްޓެއެވެ. ހޫރައިންގެ ނަޒަރު ކުއްލިއަކަށް ހަސީނާއާ އަމާޒުވެލީ ޒެހެންއާ ބައްދަލުވިޔޭ ބުނީމައެވެ. ހޫރައިންގެ ދެ ލޮލުން ހަސީނާ ދެނެގަތެވެ. ހޫރައިންއަށް ޒެހެން އެނގޭ ކަމެވެ. އޭނާގެ ތުންފަތަށް ވެރިވީ ތަފާތު ހިނިތުންވުމެކެވެ. އުފާވެފައި ހޫރައިންގެ އަތުގައި ހަސީނާއަށް ހިފާލެވުނެވެ.

"ކަމުދާ ކަހަލަ ގޮތެއް އެ ފިރިހެނާގެ އެބަހުރި. ނޫންތަ؟... މިއަދު ހަސިންތައާ ވާހަކަދެއްކި. މައިޒާނުގަ އިނީ... ހީވަނީ ދަރިފުޅުގެ އިންތިޒާރުގަހެން އިނީ."

ހަސީނާގެ ވާހަކަތަކުން ހޫރައިންގެ ހިތް މާޔޫސްކުރުވިއެވެ. ޒެހެން ބޭނުންވަނީ ކޮންކަމެއްކަން ހޫރައިންއަށް އެނގެއެވެ. އޭނާ ވަނީ ވަރަށް ސާފުކޮށް ހޫރައިންނަށް ބުނެދީފައެވެ. ޖަވާބެއް ނުދެވުނީ ހޫރައިންއަށެވެ. ހަޔާތުން ފިރިހެނަކަށް ޖާގައެއްދޭން ހޫރައިން ނޭދެއެވެ. ހަގީގަތަކީ އޭނާ އެކަމަށް ޖެހިލުންވުމެވެ. ކައިވެންޏަކަށް އަދި ފިރިހެނަކަށް ވެސް އޭނާ ބޭނުންނުވާނޭކަން އަމިއްލަ ނަފްސަށް ހޫރައިންވަނީ ވިސްނައިދީ ޔަގީންކޮށްދީފައެވެ.

* * * * *

ސައިމާގެ އެގާރަވަން ފަންގިފިލާގައި ހުރި މައިދޮރުން ޒެހެން ވަނެވެ. އެއާއެކު ކުޑަކުޑަ ފިރިހެންކުއްޖަކާއި އަންހެންކުއްޖެއްގެ ތޫލި ހަޅޭކެއްގެ އަޑު ގޭތެރޭ ގުގުމާލިއެވެ. ޒެހެން ގުދުވެލައި ކުޑަކޮށް ހުރި އަންހެންކުއްޖާ އުރާލައިފިއެވެ. ކުދިވެރީންގެ އަޑުފަށްގަނޑާއެކު ބަދިގެ ހުރި ދިމާއިން އަންހެނަކު ނުކުމެގެން އައެވެ. އޭނާގެ ވައަތުގައި ބުރުގާ އޮތެވެ. ޒެހެން ފެނުމުން އެ މޫނުން ނިކަން ފުޅާ ހިނިތުންވުމެއް ފާޅުވެލިއެވެ. ކުއްލިއަކަށް އެ މޫނު އުޖާލާވެގެން ހިނގައްޖެއެވެ. އަވަސްއަވަހަށް ބޮލަށް ބުރުގާ ހެޔޮވަރު ކުރަމުން އެތެރޭގައި ހުރި ކޮޓަރިތަކާ ދިމާއަށް އޭނާ ހިނގައިގަތެވެ.

"މުނައްވަރު. ނުކުމެބަލަ... މިގެއަށް މަގުއޮޅިގެން ވަދެ ހުރި ދަރިއަކު އެބަހުރި." ނިކަން ހެވިފައި ހުރެ ޝާހީނާ ބުންޏެވެ. ސްޓަޑީގައި ލިޔުންތަކެއް ބަލަން އިނދެފައި މުނައްވަރު ހިންދެމިލިއެވެ. އަނބިމީހާގެ ވާހަކައިން ހިސާބެއްގެ ހައިރާންކަމެއް ލިބިފައި ހުރެއެވެ. ލޮލުގައިވި ފޮތްކިޔާ އައިނު ނަގައި މޭޒުމަތީ ބާއްވާލިއެވެ. ދެން އޭނާ ހަރުގޮތަކަށް ހިނގާލާފައި އަނބިމީހާގެ ފަހަތުން ނުކުމެގެން އައެވެ.

"ބޮޑުދޮންބޭ." މުނައްވަރު ފެންނައިރަށް ޒެހެން ގޮވާލިއެވެ.

"ޔަންގްމޭން. ޠަބީޢަތް ރަނގަޅުތަ؟" ނިކަން ސީރިއަސްކޮށް މުނައްވަރު އަހާލިއެވެ. ޒެހެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ބޮޑުބޭބެގެ އެ ސީރިއަސްކަމުގައިވީ ސަމާސާ ގޮތް އޭނާއަށް ކަމުދިޔައެވެ.

"އޯ މައި ގޯޑް... މީ ކާކު މަންމާ." ކައިރިން އިވުނީ ސާރާގެ އަޑެވެ. އެއީ މުނައްވަރުގެ ތިން ދަރީންގެ ތެރެއިން އެންމެ ދޮށީ ދަރިއެވެ. ގޭތެރެއިން ޒެހެންއަށް އެންމެ ފުރަތަމަ މަރުޙަބާ ކީ ކުޑަ ދެބެންނަކީ ސާރާގެ ދަރީންނެވެ. 9 އަހަރުގެ ދާނިޔާލްއާއި 5 އަހަރުގެ އިންޝާއެވެ. ލޯބިން ސާރާ އައިސް ޒެހެންގެ ގައިގާ ބައްދާލިއެވެ. އޭނާގެ ކޮނޑުމަތިން ބުރަކަށީގައި ބޮނޑިއެއް އެޅިއެވެ.

"މަންމަ ވެސް މިހުންނަނީ އަޖައިބުވެފަ. އެ މިއުނާގެ އަތުގައި ހިފައިގެން މިގެއަށް ގެނެސް ވައްދަންޖެހޭނީ. މީނާ ވެސް ހަމައެހެން. ދެކިލާހިތުން މަރުވާވަރުވާ ފަހުން މި ދެމައިންނަށް އާދެވޭނީ." ޝާހީނާ ޝަކުވާގެ ރާގުގައި ބުނެލިއެވެ.

"ކޮބާ މަންމަ... އާދޭ އަވަހަށް އިށީންނަން." މުނައްވަރު އައިސް ޒެހެންގެ މުލައްދަނޑީގައި ހިފާލިއެވެ.

"އަޅެ އަހަރެން ނާންނަންތަ؟ އަދި މަހެއްނުވާނެ އައި ފަހުން." ސޯފާގައި މުނައްވަރާއެކު އިށީންނަމުން ޒެހެން ބުންޏެވެ. އެންމެންތައް އައިސް ޒެހެންގެ ވަށައިގެން ސޯފާތަކުގައި އިށީނެވެ.

"މަހަކު އެއްފަހަރުއެއްނޫން، ކޮންމެ ދުވަހަކުވެސް އަންނަންވީ." ޝާހީނާ ބުނެލިއެވެ. މަންމަގެ ބަހަށް ސާރާ ބާރުލައި އެއްބައިވެލިއެވެ.

"މަންމަ އަދި ފިހާރައިން ނާދޭ. އިރުއޮއްސޭއިރު އަންނާނީ... މަންމަ ސާލަމްބުނި އެންމެނަށް." ޒެހެން ބުންޏެވެ.

"މުނައްވަރު. ގުޅާބަލަ މިއުނާއަށް... ބުނޭ ފިހާރަކަންތައް ނިންމާފަ މިކޮޅަށް އަންނާށެ. އެހެންނޫނީ މީނދަ ދަރިއެއް ނުފޮނުވާނަން މިރެއަކު." ޝާހީނާ ބުނެލިއެވެ. މުނައްވަރާއެކު ޒެހެންއަށް ހީނލެވުނެވެ.

"އަހަރެންގެ ބަހެއް އަހާތަ މިއުނާ." ހިނިއައިސްފަ މުނައްވަރު ހާމަކުރީ ހަގީގަތެވެ.

"ބޯއްތައަކީ ފިސާރި އަންހެނެއް." ސާރާ އިނދެފައި ބުންޏެވެ.

"އެހެންވިޔަސް ހެޔޮ. އަޅެ ގުޅާބަލަ... އަންނާނަން މި ދަރިއެއް ދޭނެ އެއްޗެއް ހިފައިގެން." ޝާހީނާ ތެދުވިއެވެ. އޭނާ ހިނގައިގަތީ ބަދިގެއާ ދިމާއަށެވެ. މިއުނާއަށް ގުޅައިގެން މުނައްވަރު އިނެވެ.

"ޒެން... ކޮންދަތުރެއް." ކޮޓަރިން ނުކުމެގެން އައި ސާރާގެ ފިރިމީހާ އިނާދު އަހާލިއެވެ.

"ބޮޑުދޮންބެދައްތަ ގުޅާފަ ރޯންފެށީމަ." ސަމާސާގެ ރާގުގައި ޒެހެން ބުނެލިއެވެ.

"ރަހޫއާ ދިމާވިތަ؟." ސާރާ އިނދެފައި ކުއްލިއަކަށް އެއްސެވެ.

ޒެހެންއާއެކު ޔުނިވަރސިޓީއަށް ލެކްޗަރަރ އެއްގެ ގޮތުގައި އައި ރަހުމާއަކީ އިނާދުއާ ދެބެންގެދެދަރި ކުއްޖެކެވެ. ސާރާއާއި ޒެހެން ފަދައިންނެވެ. ސާރާގެ ސުވާލަށް ޒެހެން ހަމައެކަނި ބޯޖަހާލީއެވެ. ޒެހެންއާއި ރަހުމާ ބައްދަލުވީ ސާރާއާއި އިނާދުގެ ކައިވެނީގެ ވަލީމާއިންނެވެ. އިނާދުގެ އާއިލާ ކުއްޖެއްކަން އެނގުނީ ވެސް އެހިސާބުންނެވެ.

"ވީކަންޑުގަ އެގެއަށް ދިޔައީމަ ރަހޫއަށް އެ ނޫން ވާހަކައެއް ނުދެއްކޭ. ޒެން އުޅޭ ޔުނިވަރސިޓީއިން އޭނާއަށް ވެސް ޖޮބު ހަމަޖެހިގެން އުފަލުން އުއްދުއްސައިގަނެދާނޭހެން ހީވަނީ. ދޯ އިނާދު." ސާރާގެ ވާހަކައަށް ހިނިއައިސްފަ އިނދެ އިނާދު ބޯޖެއްސެވެ.

ޒެހެން އެ މައުޟޫޢު ކުރިޔަށް ގެންދާކަށް ބޭނުމެއްނުވިއެވެ. އޭނާ ތެދުވީ އެހެންވެއެވެ. ބޮޑުދޮންބެދައްތައަކީ ޝާހީނާއެވެ. އޭނާ ހޯދަމުން ބަދިގެއާ ދިމާއަށް ޒެހެން އައެވެ. ސާރާއާއި ކުޑަދެބެން ވެސް ޒެހެންގެ ފަހަތުން އައެވެ.

"މަންމާ... ސުހާއްކޮއަށް ގުޅަންތަ." ޒެހެން އައިފަހަރު ގެއަށް އެންމެން ހަމަކޮށްލުމުގެ ވިސްނުމުގައި ސާރާ ބުނެލިއެވެ.

"އާން. ޔާނުއަށް ވެސް ގުޅާތި. ބުނޭ މަންމަ ބުންޏޭ ހަމަމިހާރު އަންނާށޭ." ޝާހީނާ ބުންޏެވެ.

"އަހަރެން ދޮންބެއަށް ގުޅާނަން." ބަދިގޭގެ މެދުގައި ހުރި ހަތަރު މީހުންނަށް އިށީނދެވޭނޭ އައިލެންޑްދޮށުން އުސް ގޮނޑިއެއްގަ ޒެހެން އީށީނެވެ. އޭނާ ފޯނު ނަގައި ނަހުޔާނަށް ގުޅިއެވެ. މުނައްވަރުގެ ހުރި ހަމައެކަނި ފިރިހެން ދަރިއެވެ. ސާރާއާއި ޖެހިގެން ހުންނަނީ ނަހުޔާނެވެ. ދެން ސުހާނާއެވެ. އާއިލާގަ އެންމެ ހަގު ކުއްޖަކީ ޒެހެންނެވެ. ދެބެންގެދެދަރި ކުދީންނަށް ވިޔަސް ހުރިހާ ކުދީންގެ މެދުގައި ލޯތްބާއި އޯގާތެރިކަން އޮވެއެވެ. އެހާ ގުޅެއެވެ. ދުރުދުރުން އުޅޭ މީހަކީ ޒެހެންއެވެ. އެކަމާ ކުރާ ޝަކުވާތަކުގެ އަޑު ގަދައެވެ. އެ ގެއާއި އާއިލާއަކީ އޭނާއާއި މަންމައާ ވަކިކޮށް ދުރުކޮށްލެވޭނެ ބައެއް ނޫނެވެ. އާއިލާގެ ވިޔަފާރީގެ ތެރެއިން ނުފެނުނަސް މިއުނާގެ ހިއްސާ ކުޑައެއް ނޫނެވެ. ކުންފުނީގައި މުނައްވަރަށްވުރެ ބޮޑު ހިއްސާދާރަކީ މިއުނާއެވެ. އެހެންވިޔަސް ހައްގު ހޯދާ ބައިބައިވުން އުފައްދުމަކީ މިއުނާ ނަފުރަތުކުރާ ކަމެކެވެ. މުނައްވަރަކީ ދަހި އަޑިނުބައި މީހެއް ނޫނެވެ. މިއުނާއާއި މުނައްވަރު އެކަކުއަނެކަކަށް ފުރިހަމަ އިތުބާރުކުރެއެވެ. ދަރީންގެ މެދުގައި އެފަދަ ވަރުގަދަ ލޯތްބެއް އޮތީ އެ ދެމީހުންގެ ގުޅުން އެހާ ރަނގަޅުވީމަކަން ޔަގީނެވެ.

* * * * *

ވޭތިވި ހަތަރު ދުވަސް ހޫރައިން އުޅުނީ ޒެހެންއަށް ފިލައިގެންނެވެ. އެކަމަކު މިއަދު އެހެނެއްނުވިއެވެ. އޭނާ މަސައްކަތަށް އަންނަންވީއިރު ޒެހެން ހުރީ މާގަސްތައް އިންދާފައިވާ ބަގީޗާގެ ފާރުބުރީގައި އިށީނދެލައިގެންނެވެ. މާކުރިން އައިހެވެ. އިންތިޒާރުގައި ހުރި މީހަކު ފަދައިންނެވެ. މަސައްކަތްތައް ކުރާ ގަޑި މިވީ ހަތަރު ދުވަހު ވެސް ހޫރައިންވަނީ ބަދަލުކޮށްފައެވެ. އެކަމަކު އެގޮތް ސުޕަވައިޒަރަށް ކަމުނުދިޔައީއެވެ. މީހުން ގިނަވުމުން ހޫރައިންއަށް ކަމުނުދާކަން އެންމެނަށް އެނގެއެވެ. އެހެންވެ ސުޕަވައިޒަރު އެންގީ ދަރިވަރުންގެ ކިޔެވުން ފެށުމުން ޔުނިވަރސިޓީތެރެ އަމާންވާނެކަމެވެ. ގަސްތަކާއި މާ ބަގީޗާގެ މަސައްކަތް އެވަގުތު ކުރުމަށެވެ. ހެނދުނު އެކަން ނިންމާފައި ބެހެއްޓުމަށެވެ. އެއީ ދެކޮޅު ނުހެދޭނޭ އަމުރެކެވެ. އަނެއްކޮޅުން ތަން ފެންނަނީ މުޅިއަކުން އަމާންކޮށެއް ނޫނެވެ. ބިދޭސީ މަސައްކަތު މީހުންތަކެއް ދަގަނޑު ހޮޅިއާއި ބިއްލޫރި ޝީޓުތަކެއް އުފުލުމުގައި އުޅެއެވެ. އެތެރެއަށް ވައްދާފައި އޮތް ޕިކަޕަކުން އެމީހުން އެ ތަކެތި ބާލައިގެން ގެނެސް ބަހައްޓަމުން ދިޔައީ ބަގީޗާއާ އިންވެގެން ހުރި އިމާރާތުގެ ފާރު ކައިރީއެވެ. އެނބުރިދާން ހޫރައިން ހިތަށް އެރިއެވެ. ނަމަވެސް އޭނާ ހުއްޓުވީ ސުޕަވައިޒަރުގެ ވާހަކައެވެ. ހުއްޓިފައި ވެސް ކުރިޔަށް ހޫރައިން އައެވެ. އަތުގައި އޮތް ދެ އަންގި އަތަށް ހެޔޮވަރުކޮށްލިއެވެ. އެއީ ކުނިބުނި ނެގުމަށް އަތަށް ލައްވަން ދީފައި އޮންނަ އަންގިއެކެވެ. ޒެހެން ހުއްޓެއްކަމަކު ހޫރައިން ކައިރިން އަޅާފަ ދިޔައީ މީހަކު ހުރިކަން ނުފެންނަ މީހަކު ފަދައިންނެވެ. ޒެހެން ސަލާމް ގޮވާލީ އެހެންވެއެވެ. ހޫރައިންއަށް ޓަކައި އޭނާ ކިތަންމެ ފަހަރަކު އިސްނަގާފާނެއެވެ. ވަރުބައްޔެއް ނުވާނެއެވެ. ފޫއްސެއް ވެސް ނުވާނެއެވެ. ހިތުގައި އޮތީ ވަރުގަދަ ސާބިތުކަމެކެވެ.

"އުނދަގޫވޭ... ތީނަ މިތަނަށް އައީމަ. އަހަންނަށް ތި ބަލާ ގޮތުން. އަހަންނާ ވާހަކަދައްކާ ގޮތުން." ހޫރައިން ކުނިތައް ނަގައި ނިންމާލާފައި ޒެހެންއާ ކުރިމަތިލިއެވެ. ޒެހެން ދައްކަމުންދިޔަ ވާހަކަތައް ހުއްޓުނެވެ. އޭނާ ހިނިތުންވެލީއެވެ. ޒެހެންގެ ހިމޭންކަން ޖަވާބެއްކަމުގައި ހޫރައިން ދުށްޓެވެ. އޭނާ ދެން ހިނގައިގަތީ ފެންހޮޅި ނަގާށެވެ. ޒެހެން މަޑުމަޑުން ދުރަށް ޖެހިލިއެވެ. މިއަދު ފެންޖަހާތާ ބުޑުގައި ނީންނަން ސަމާލުވިއެވެ. އެ ހިޔާލުތަކުގައި އޭނާ ހުރީ ނިކަން ހިނިއައިސްފައެވެ. މަޑުމަޑުން ހިނިތުންވުން ފަނޑުވިއެވެ. ސީރިއަސްކަމުގެ އަސަރު އެ މޫނަށް ވެރިވިއެވެ. ހޫރައިންގެ ފަހަތުން އައިސް ޒެހެން މަޑުކޮށްލިއެވެ.

"އަހަރެން މިހުރީ ދަރިފުޅާއެކު ވެސް ހޫރް ބަލައިގެންނަން. ކައިވެނިކުރަން..."

ޒެހެންގެ ވާހަކައާއެކު ހޫރައިންއަށް އެނބުރިލެވުނެވެ. ފެންހޮޅިން ފެންތައް މުޅިތަނަށް ބުރައިގެން ދިޔައެވެ. އެއިން ދޫކޮށްލެވުމާއެކު ފެންއައުން ހުއްޓުނެވެ. ނަމަވެސް ބިއްލޫރި ޝީޓު ހިފައިގެން އައި ދެ މީހުންކުރެ ކުރިޔަށް ހުރި މީހާ ކަހާލީ ފެންތަކަށް އެރިފައެވެ. އަރިޔަށް ވެއްޓެންއައި ބިއްލޫރިގަނޑު ފެނި ޒެހެން ވަގުތުން ހޫރައިންގެ އަތުގައި ހިފައި ދަމައިގަތެވެ. ހޫރައިންގެ ހިމާޔަތަށް ޒެހެންގެ އަމިއްލަ ހަށިގަނޑު ނިވާފަތް ގަނޑަކަށް ހެދިއެވެ. (ނުނިމޭ)