ޖުމްހޫރީ މައިދާން

ޖުމުހޫރީ މައިދާން އަލުން ފެހިކޮށްލަނީ

ޖުމްހޫރީ މައިދާން ޒީނަތްތެރިކޮށް، އެތަނުގައި ހުރި ފެންއަރުވާ ވަޑާމް މަރާމާތް ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރަން ފަށައިފި އެވެ.

ޖުމުހޫރީ މައިދާނަކީ ދިވެހިންނާއި ބިދޭސީން ވަރަށް ގިނައިން ގޮސް އުޅޭ ސަރަހައްދެކެވެ. އަދި ސަރުކާރުގެ ބޮޑެތި ޖަލްސާތައް އެތަނުގައި ވަރަށް ގިނައިން ބާއްވަ އެވެ.

ޖުމްހޫރީ މައިދާނުގައި ހުންނަ ފެންއަރުވާ ވަޑާމް ހަލާކުވެ، ބޭނުން ނުކުރާތާ ގިނަ ދުވަސްތަކެއް ވެފައިވެ އެވެ. އަދި އެ ތަނުގެ ވިނަގަނޑުވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން މިހާރު އެތަނުގައި ހުންނަ ފެންއަރުވާ ވަޑާމް މަރާމާތު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އެ ސަރަހައްދުން އަލުން ވިނަތައް އިންދައި، ތަން ފެހި ކުރުމުގެ މަސައްކަތް ކުރަމުންދާއިރު ދަވާދާއި ކުލަ ލާންޖެހޭ ތަންތަނުގައި އެކަންވެސް ކުރަމުން އެބަދެ އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ވޭދުވެދިޔަ ދެ، ތިން އަހަރު ފެނުނީ ޖުމްހޫރީ މައިދާނާއި ގިނަ ޕާކްތަކެއް ހަލާކުވެ، ވީރާނާވެފައިވާ މަންޒަރު ކަމަށެވެ. އަދި ކައުންސިލްގެ އަމާޒަކީ އެފަދަ ތަންތަން މަރާމާތުކޮށް އާންމުންނަށް ބޭނުން ކުރެވޭ ގޮތް ހެދުން ކަމަށެވެ.

އެގޮތުން ޖުމްހޫރީ މައިދާން ސަރަހައްދުގައި ވިނަ އިންދަން ޖެހޭ ހުރިހާ ސަރަހައްދެއްގައި ވިނަ އިންދައި މިހާރު ނިމިފައިވާ ކަމަށެވެ. ޑިސެމްބަރު ނިމެންވާއިރަށް ވިނަގަނޑު ރަނގަޅަށް ހެދޭނެ ކަމަށާއި ފެންއަރުވާ ވަޑާމް ވެސް ހެދުމަށް ބަޔަކާ ހަވާލުކޮށްފައިވާތީ އެ މަސައްކަތް ވެސް މާލަހެއް ނުވެ ނިމޭނެ ކަމަށެވެ.

ޖުމުހޫރީ މައިދާން އަލުން ހުޅުވާލުމަށް ސިޓީ ކައުންސިލުން ބޭނުންވަނީ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިމުމުންނެވެ. އެތަން ހުޅުވާއިރު ކުރިއަށްވުރެ އެތަން ރީތި ވާނެ ކަމަށްވެސް ކައުންސިލުން ބުނެ އެވެ.