ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އޭޑީއެފް

ފުރާ މީހުންގެ ޓެކުހުން އަންނަ އަހަރު އެއާޕޯޓް ލޯނު ދެއްކޭނެ

Dec 22, 2021
1

ފުރާ މީހުންގެ އަތުން ނަގާ "ޑިޕާޗާ" ޓެކްސް ބޮޑު ކުރުމުން އަންނަ އަހަރު ލިބޭ އާމްދަނީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރަން ނަގާފައިވާ ލޯނުން އަންނަ އަހަރު ދައްކަން ޖެހޭ އަދަދު ދެއްކޭނެ އެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސަރުކާރުން ވަނީ ވީއައިއޭ އިން ބޭރަށް ފުރާ މީހުންގެ އަތުން ޓެކްސް ކުރާ އަދަދު މަތި ކުރަން ނިންމާފަ އެވެ. މި ޓެކްސް ތައާރަފުކޮށް 2016 ވަނަ އަހަރުން ފެށިގެން ނަގަމުން ގެންދިޔައީ ފުރާ ކޮންމެ ދިވެއްސެއްގެ އަތުން 12 އެމެރިކާ ޑޮލަރެވެ. އަދި ބިދޭސީންގެ އަތުން 25 ޑޮލަރެވެ.

ނަމަވެސް، މިހާރު ބަދަލު ގެނެސްފައިވާ ގޮތުން އަންނަ އަހަރުން ފެށިގެން ވަނީ މި ޓެކްސް ކްލާސްކޮށް ބޮޑު ކޮށްފަ އެވެ. މި ބަދަލާއެކު އިކޮނޮމީ ކްލާހުގައި ވީއައިއޭ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފުރާ ދިވެހި ފަސިންޖަރުންގެ އަތުން 12 ޑޮލަރު ނެގިނަމަވެސް ބިޒްނަސް ކްލާހުން ދަތުރު ކުރާ ބިދޭސީންގެ އަތުން ނަގާނީ 30 ޑޮލަރެވެ.

ޓެކްސް ނެގޭނެ ގޮތް

  • ބިޒްނަސް ކްލާސް ދިވެހިންނާއި ބިދޭސީން: 60 ޑޮލަރު
  • ފަސްޓް ކްލާސް ދިވެހިންނާއި ބިދޭސީން: 90 ޑޮލަރު
  • ޕްރައިވެޓް ޖެޓުގެ ދިވެހިންނާއި ބިދޭސީންގެ އަތުން 120 ޑޮލަރު

އަންނަ އަހަރުން ފެށިގެން މި ޓެކުހަށް އަންނަ ބަދަލުގެ މައްޗަށް ބަލައި ކުރިން މީރާގައި މަސައްކަތް ކުރެއްވި އަދި އޮޑިޓަރެއް ކަމަށްވާ އަހުމަދު އަލީ އެކުލަވާލާފައިވާ ހިސާބުތަކުގައިވާ ގޮތުން ޓެކްސް ބޮޑު ކުރުމާއެކު މިހާރުގެ އަންދާޒާއަކީ އަންނަ އަހަރު އެއާޕޯޓް ޑިވްލޮޕްމަންޓް ފީ (އޭޑީއެފް) އިން ވީއައިއޭއަށް ނަގާފައިވާ ލޯނުތަކަށް އަންނަ އަހަރު ދައްކަން ޖެހޭ ބައި އަދާ ކުރަން މަގު ފަހިވާނެ އެވެ.

މި ބަދަލާއެކު ދައުލަތަށް ބޮޑު އާމްދަނީއެއް ލިބިގެން ދާނެ އެވެ. އަންނަ އަހަރުގެ ބަޖެޓު ފޮތުގައިވާ މިގޮތުން ފުރާ މީހުންގެ ޓެކުހުން އަންނަ އަހަރު 769 މިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރު 874 މިލިއަން ރުފިޔާ އަދި 2024 ވަނަ އަހަރު 960 މިލިއަން ރުފިޔާ ލިބޭނެ އެވެ.

އެހެންވެ މިހާރުގެ އަންދާޒާއަކީ މި ޓެކުހުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރަން ކުރިއަށް ގެންދާ އެއް ބިލިއަން ރުފިޔާގެ މަޝްރޫއަށް އެކި ދިމަދިމާލުން ނަގާފައިވާ ލޯނު ދެއްކުމުގެ ގާބިލްކަން އަންނަ އަހަރު އިތުރު ވެގެން ދިއުމެވެ. މިގޮތުން މި މަޝްރޫ އަށް ސަރުކާރުން ހިމެނި ފައިސާއާއެކު އަށް އިދާރާ އަކުން ވަނީ ލޯނު ނަގާފައިވެ އެވެ.

ވީއައިއޭއަށް ނަގާފައިވާ ލޯނުތައް

  • ބޭންކް އޮފް މޯލްޑިވްސް 273 މިލިއަން
  • ޗައިނާ އެކްޒިމް ބޭންކް 5.1 ބިލިއަން ރުފިޔާ
  • ސައޫދީ ފަންޑް 588 މިލިއަން
  • އަބޫދާބީ ފަންޑް 111 މިލިއަން ރުފިޔާ
  • އޯޕެކް ފަންޑު 272 މިލިއަން ރުފިޔާ
  • މިނިސްޓްރީ އޮފް ފިނޭންސް 123 މިލިއަން
  • ޗައިނާ ޑިވްލޮޕްމަންޓް ބޭންކް 727 މިލިއަން
  • ލޯނުގެ ޖުމުލަ: 7.5 މިލިއަން (ނުވަތަ 488 މިލިއަން ޑޮލަރު)

އެހެން މި ފައިސާ އިން ލޯނު ދައްކަން ހާއްސަ ކޮށް ފިނަމަ އަންނަ އަހަރު ދައްކަން ޖެހޭ އިންޓްރެސްޓާއި ލޯނު ހިމަނައިގެން ދައްކާނެ ފައިސާ ލިބިގެންދާނެ އެވެ. އަންނަ އަހަރު މި ލޯނު ތަކަށް ދައްކަން ޖެހޭނެ ކަމަށް އަންދާޒާކުރެވޭ އަދަދަކީ 37.4 މިލިއަން ޑޮލަރު (ނުވަތަ 577 މިލިއަން ރުފިޔާ) އެވެ. އަދި އަންނަ އަހަރު ފުރާ މީހުންގެ ޓެކުހުން ލިބޭނެ ކަމަށް އަންދާޒާ ކުރެވެނީ 769 މިލިއަން ރުފިޔާ އެވެ. އެހެންވެ 2022 ގައި ވީއިއޭގެ ލޯނަށް ދައްކަން ޖެހޭ ބައި ކެނޑުމަށްފަހު ވެސް 200 މިލިއަނެއްހާ ރުފިޔާ ސަލާމަތް ކުރެވޭނެ އެވެ. މި ބޮޑު އަދަދު ސަލާމަތް ކުރެވުނު ނަމަވެސް ފުރާ މީހުންގެ އަތުން ބޮޑު އެއްޗެއް ހޭދަވާނެ އެވެ.