ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން ނިލަންދޫއަށް ވަޑައިގަންނަވަނީ

އިންޑިއާގެ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލައި އިދިކޮޅުން މިހާރު ހިންގަމުންދާ "އިންޑިއާ އައުޓް" ކެމްޕޭނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ފ. ނިލަންދޫއަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ނިލަންދޫއަށް ރައީސް ޔާމީން ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި އެ ދުވަހު ނިލަންދޫގައި ބާއްވާ ހަރަކާތްތަކާއި އަދި ރޭގަނޑު އެރަށުގައި ބާއްވާ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަަމަށެވެ.

އިންޑިއާ އައުޓް ކެމްޕޭން އަތޮޅު ތެރެއަށް ފުޅާކޮށް ރައީސް ޔާމީން އެންމެ ފުރަތަމަ ވަޑައިގަންނަވަން ނިންމެވީވެސް ނިލަންދޫ އަށެވެ. ނަމަވެސް މޫސުން ހުރިގޮތުން ރައީސް ޔާމީން ދަތުރުފުޅު ފެއްޓެވީ މިދިޔަ ބުރާސްފަތި ދުވަހު ކ. ގުރައިދޫންނެވެ. އަދި ހުކުރު ދުވަހު ވަނީ ކ. ތުލުސްދޫ އަށް ވަޑައިގެންފަ އެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މީގެ ކުރިން ވިދާޅުވީ ރައީސް ޔާމީންގެ ނަޒަރުގައި މިހާރު ކުރަން އޮތް އެންމެ މުހިންމު މަސައްކަތަކީ ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ކުރަން ޖެހޭ މަސައްކަތެވެ. އެެހެންވެ ރަށްރަށަށް ވަޑައިގެން 'އިންޑިއާ އައުޓް' ކެމްޕޭންގެ ޕެޓިޝަންގައި ސޮއި ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.