ކިޔަވާ ދުވަސްވަރު ކަންބޮޑުވުމާއި ހިތް ނުތަނަވަސްކަން އިހްސާސް ވަނީ ހަމައެކަނި އެ ކިޔަވާ ދަރިވަރުންނަކަށް ނޫނެވެ. އެކުދިންގެ މައިންބަފައިން ވެސް ވަރަށް ބޮޑަށް ހާސްވެ އެވެ. ކުދިންނަށް ރަނގަޅަށް ނުކިޔެވިދާނެތީ މޮޅު މާކްސް ނުލިބިދާނެތީ މައިންބަފައިން ވަރަށް ވިސްނާ ފިކުރު ކުރެ އެވެ. ވީމާ ކުދިން ކިޔަވަން ތިބޭނެ ހިތްގައިމު މާހައުލެއް ހޯދައިދިނުމަކީ ވެސް ބައެއް މީހުން ވަރަށް ކުރަން ބޭނުންވާ ކަމެކެވެ.
ކުއްޖާ ކިޔަވަން އިންނަ ތަނުގައި ބައެއް ކަހަލަ ގަސް ބެހެއްޓުމަށް މިހާރަކަށް އައިސް މީހުން ސަމާލުކަން ދެއެވެ. ތަނުގެ ރީތިކަން އިތުރު ވުމާއެކު ކުއްޖާއަށް އެ ގަސްތަކުން ހިތްހަމަޖެހުމާއި އުފާވެރިކަން ލިއްބައިދިނުމަށެވެ. އަދި ގޭތެރޭގައި އާންމުކޮށް ހައްދާ ގަސް ގަހަކީ އޭގެން އޮކްސިޖަން އާއި ޕޮޒިޓިވް އެނާޖީ ލިއްބައިދޭ އެއްޗިއްސަށް ވާތީ ބައެއް މީހުން ގޭ ތެރޭގައި މިފަދަ ގަސްތައް ބަހައްޓަން ބޭނުންވެ އެވެ.
އެގޮތުން ކުދިންގެ ސްޓަޑީ ރޫމްގައި ނުވަތަ މޭޒުގައި ބެހެއްޓިދާނެ ބައެއް ޚާއްސަ ވައްތަރުތަކުގެ ގަސް ހުރެ އެވެ.
ބެމްބޫ: ބެމްބޫ އަކީ ވަރަށް ރީތި އަދި ބަލާލަން ހިތްގައިމު ގަހެކެވެ. އަދި ޕޮޒިޓިވް އެނާޖީ ލިބޭ އެއްޗަކަށް ބެމްބޫ ވެއެވެ.
ހުވަނދުމާ: ހުވަނދުމަލަކީ ވަރަށް މީރުވަސް ދުވާ މަލެކެވެ. ހުވަނދުމަލުގެ ދެ ތިން މަލެއް ފޮޅިލާފައި އިނަސް މުޅި ކޮޓަރީގެ ވަސް މީރުކޮށްލާނެ އެވެ. ކިޔަވާ ތަނުގައި ހުވަނދުމާ ގަސް ބެހެއްޓުމުން ސްޓްރެސް ފްރީ ކުރެވޭ ކަމަށް ވެއެވެ.
ޕީސް ލިލީ: ގޭތެރޭގައި ބަހައްޓަން އެންމެ ކަމުދާ އެއް ގަހަކީ ޕީސް ލިލީ އެވެ. ޚާއްސަކޮށް ކުޑަކުދިން ކިޔަވަން ތިބޭ ކޮޓަރީގައި ޕީސް ލިލީ ގަހެއް ބެހެއްޓުމުން މުޅި މާހައުލަށް ޕޮޒިޓިވްކަމެއް ގެނެސްދޭނެ އެވެ. އަދި ނިދާ ކޮޓަރީގައި ވެސް މި ގަސް ބެހެއްޓިދާނެ އެވެ. ސަބަބަކީ މިއީ ވައި ސާފުކޮށްދޭ ގަހަކަށް ވާތީ އެވެ.
އޯކިޑް: އޯކިޑަކީ ޕޮޒިޓިވް އެނާޖީ ލިއްބައިދޭ ގަހެކެވެ. ވީމާ ކުދިން ކިޔަވަން ތިބޭ ތަންތަނުގައި ބަހައްޓަން މި ގަސްވެސް ރަނގަޅެވެ.