- މި އަހަރު 3.4 ބިލިއަން ރުފިޔާގެ މުދާ ބޭރުކުރި
- މިދިޔަ އަހަރު ބޭރުކުރީ 2.5 ބިލިއަން ރުފިޔާގެ މުދާ
- ރާއްޖޭގެ އިމްޕޯޓް ވަނީ ދަށަށް ގޮސްފައި
މި އަހަރުގެ މިހާތަނަށް ރާއްޖޭގެ އެކްސްޕޯޓް (މުދާ ބޭރުކުރި މިންވަރު) 34 ޕަަސެންޓް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން ބުނެފި އެވެ.
ކަސްޓަމުން ނެރެފައިވާ މިދިޔަ މަހުގެ އިމްޕޯޓް/ އެކްސްޕޯޓް ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހުން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭން 3.4 ބިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓް ކުރީ 2.5 ބިލިއަން ރުފިޔާގެ މުދަލެވެ. މިއީ ގާތްގަނޑަކަށް 34 ޕަސެންޓުގެ އިތުރުވުމެކެވެ.
ކަސްޓަމުން ބުނީ މި މުއްދަތުގައި އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅާބަލާއިރު 14 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބިފައިވަނީ 1.61 ބިލިއަން ރުފިޔާ އެވެ. މި އަހަރުގެ މިހާތަނަށް ލިބުނު އަދަދު ވަނީ 1.84 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.
މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭން އިމްޕޯޓް (އެތެރެ ކުރެވުނު) މުދަލުގެ ސީއައިއެފް އަގު ވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 0.4 ޕަސެންޓް އިތުރުވެފަ އެވެ. މި އަހަރުގެ މިހާތަނަށް 28.9 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އެތެރެކޮށްފައިވަނީ 28.8 ބިލިއަން ރުފިޔާގެ މުދަލެވެ.
ކަސްޓަމުން ބުނީ މިދިޔަ އަހަރާ އަޅާބަލާއިރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިއަހަރު އެވްރެޖު ގޮތެއްގައި ދަށްވުމަކީ ރާއްޖޭގެ އިމްޕޯޓު އިތުރުވަމުން އައި ނިސްބަތް ދަށަށް ދިއުމުގެ މައިގަނޑު ސަބަބު ކަމަށެވެ.
މިގޮތުން، މިދިޔަ އަހަރު، މެޓްރިކް ޓަނެއްގެ އަގު އެވްރެޖްކޮށް ހުރީ 14,700 ރުފިޔާގަ އެވެ. ނަމަވެސް މި އަހަރު މެޓްރިކް ޓަނަކަށް އެވްރެޖްކޮށް ޖެހިފައިވަނީ 8,300 ރުފިޔާ އެވެ. މިއީ ގާތްގަނޑަށް 44 ޕަސެންޓުގެ ދަށްވުމެކެވެ. ތެލުގެ ބާވަތްތަކަށްކުރެވުނު ހޭދަ ފިޔަވައި، ހުސްވި ނޮވެމްބަރުގެ ނިޔަލަށް ރާއްޖެއަށް އިމްޕޯޓުގެ ކުރެވުނު މުދަލުގެ އަގު އޭގެ ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަނީ 16 ޕަސެންޓް އިތުރުވެފަ އެވެ.