ވައްކަން

އައްޑޫގައި ފިހާރައެއް ފަޅާލައި ގިނަ މުދާތަކެއް ވަގަށް ނަގައިފި

އައްޑޫ ސިޓީގައި އިލެކްޓްރޯނިކް މުދާ ވިއްކާ ފިހާރައެއް ފަޅާލައި ވައްކަންކޮށްފި އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ފިހާރަ ފަޅާލީ ދެ މީހަކު ބައިވެރިވެގެން ދަގަނޑުބުރިއެއް ކަހަލަ އެއްޗެތިތަކެއް ބޭނުންކޮށްގެންނެވެ.

މޫނު ނިވާކޮށްގެން ތިބި ދެ މީހުން އައިސް ފިހާރައިގެ ބޭރުދޮރާއި ކައުންޓަރުގެ ބިއްލޫރިގަނޑު ތަޅާލުމަށް ފަހު އިލެކްޓްރޯނިކް މުދާތައް ގެންދާތަން ވީޑިއޯއިން ފެނެ އެވެ. ބެލެވޭ ގޮތުގައި އެއީ ފޯނުތަކެކެވެ. އަދި ކައުންޓަރުގެ ވަތްގަނޑުންވެސް އެއްޗެތިތަކެއް ނަގާތަން ފެނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އައްޑޫ ސިޓީގައި އިލެކްޓްރޯނިކް މުދާ ވިއްކާ ފިހާރައެއް ފަޅާލި ކަމުގެ މައުލޫމާތު މިއަދު ހެނދުނު 6:23 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް މި ވައްކަމުގެ ތަފްސީލެއް ނުލިބެ އެވެ. އަދި ވަގަށް ނެގި ތަކެތީގެ ތަފްސީލެއް ވެސް ނުލިބެ އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ފަޅާލީ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އީ ހަބް ފިހާރަ އެވެ.