އައްޑޫ ސިޓީގެ މަރަދޫ ސިއްހީ މަރުކަޒުގެ ތިޖޫރީ ވަގަށް ނަގައިފި އެވެ.
މަރަދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މަރުކަޒުގެ ކުޑަދޮރެއް ހަލާކު ކޮށްލައިގެން ރޭ ވައްކަން ކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ މިހާތަނަށް ބެލި ބެލުމުން އެ މަރުކަޒުން ވަގަށް ނަގާފައިވަނީ އެތާނގެ ތިޖޫރީ އެކަނި ކަމަށާއި އެ ތިޖޫރީގައި މާ ގިނަ ފައިސާއެއް ނުހުންނާނެ ކަމަށެވެ.
އެ ތިޖޫރީގައި ހުރި ގިނަ އަދަދެއްގެ ފައިސާ މީގެ ދެތިން ދުވަސް ކުރިން ބޭންކަށް ޖަމާ ކޮށްފައިވާ ކަމަށާއި ވަގަށް ގެންދިޔަ އިރު ތިޖޫރީގައި ހުންނާނީ ހާހެއްހާ ރުފިޔާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.