އަތޮޅުތެރޭގެ ތިން ސްކޫލެއްގައި ކްލާސްރޫމް އެޅުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބަޔަކާ ހަވާލުކޮށްފި އެވެ.
މިނިސްޓްރީ އިން މިއަދު ކްލާސްރޫމް އަޅަން ހަވާލުކޮށްފައި ވަނީ ށ. ފުނަދޫ، ހދ. ކުމުންދޫ އަދި ނ. މަނަދޫގައި ހުންނަ ނ. އަތޮޅު މަދަރުސާގައި ކްލާސްރޫމްތަކެއް އެޅުމަށެވެ.
މިނިސްޓްރީ އިން ބުނީ ނ. އަތޮޅު މަދަރުސާގައި ތިން ބުރީގެ އިމާރާތެއް އެޅުމަށް މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ ކަމަށެވެ. މި މަޝްރޫއުގެ އަގަކީ 15.3 މިލިއަން ރުފިޔާ އެވެ. 360 ދުވަސް ތެރޭގައި މި މަޝްރޫއު ނިންމުމަށްފަހު މިނިސްޓްރީއާ ހަވާލުކުރާނެ ކަމަށް އެކުންފުނިން ބުނެފައިވާ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.
ފުނަދޫ ސްކޫލްގައި 15 ކްލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސްވިފްޓް އިންޖީނިއަރިން ޕްރައިވެޓް ލިމިޓެޑާ އެވެ. މިއީ 15.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް ނިންމުމަށް އެކުންފުންޏަށް ވަނީ އަހަރު ދުވަހުގެ މުއްދަތެއް ދީފަ އެވެ.
ކުމުންދޫ ސްކޫލްގައި އެޅުމަށް ހަމަޖެހިފައި ވަނީ 12 ކްލާސްރޫމެވެ. މި ކްލާސްރޫމްތައް އެޅުމަށް ހަވާލުކޮށްފައި ވަނީ ވޭވް ލެންތް ޕްރައިވެޓް ލިމިޓެޑާ އެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 12.6 މިލިއަން ރުފިޔާ އެވެ.