ވިޔަފާރި

އެސްޓީއޯއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 005 މިލިއަން ރުފިޔާ!

Jan 19, 2015

އެސްޓީއޯއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 500 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އެ ކުންފުނިން އަންދާޒާކޮށްފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 500 މިލިއަން ރުފިޔާވަރު ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. މިދިޔަ އަހަރުގެ ފައިދާ އިތުރުވުމުގެ އެއް ސަބަބަކީ އެ ކުންފުނީގެ ހިންގުމަށް ގެނެސްފައިވާ ހެޔޮ ބަދަލުތައް ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޮޑު ފައިދާއެއް ލިބުމުގައި ރާއްޖޭގެ އިކޮނޮމީ އެކަށީގެންވާ ގޮތެއްގައި އޮތުން ވެސް ހިމެނޭ. މީގެ އިތުރުން ސަރުކާރުން ދައްކަން ޖެހޭ ފައިސާ ބަރާބަރަށް ދައްކަމުން ދިއުމާއި މެނޭޖުމަންޓަށް ގެނައި ބަދަލުތައް ވެސް ހިމެނޭ،" އާޒިމް ވިދާޅުވި އެވެ.

އެސްޓީއޯގެ ފައިދާ އިތުރުވާނެ ކަމަށް އަންދާޒާކުރިއިރު ސަރުކާރުގެ އެހެން ކުންފުނިތަކާ ހިލާފަށް އެ ކުންފުނިން ދަނީ މަހުން މަހަށް ކުންފުނީގެ މާލީ ހިސާބުތައް އާއްމު ކުރަމުންނެވެ. އެސްޓީއޯގެ ހިސާބުތައް ދައްކާ ގޮތުގައި ކޮންމެ މަހަކު އެވްރެޖު ގޮތެއްގައި 40 މިލިއަން ރުފިޔާ އާއި 50 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ.

އާޒިމް ވިދާޅުވީ އެސްޓީއޯއިން ބޭނުންވަނީ އެ ކުންފުނީގެ ހިއްސާދާރުންނަށް ރަނގަޅު ރިޓާން އެއް ދިނުން ކަމަށެވެ.

" އަޅުގަނޑުމެންގެ އަގުތައް ހަދަމުން ދަނީ ޝެއާ ހޯލްޑަރުންނަށް ރަނގަޅު ރިޓާންއެއް ދެވޭ ވަރަށް. އެހެންވެ އަޅުގަނޑުމެން ޕްރޮފިޓް ވަރަށް ބޮޑުކޮށް މި ދައްކަނީ،" އާޒިމް ވިދާޅުވި އެވެ.

އެސްޓީއޯއަށް މިދިޔަ އަހަރު 500 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރިއިރު، 2013 ވަނަ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި 593 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.