އޮޑިޓާ ޖެނެރަލް އޮފީސް

ޕައި އޮޑިޓަރުންގެ ރަޖިސްޓްރީ އެކުލަވާލައި ހަތް ފަރާތްތަކަށް ހުއްދަ ދީފި

Dec 23, 2021

ރާއްޖޭގައި ޕަބްލިކް އިންޓްރެސްޓް އެންޓިޓީސް (ޕައި) އޮޑިޓަރުންގެ ރަޖިސްޓްރީ ފުރަތަމަ ފަހަރަށް އިފްތިތާހުކޮށް އެ ފަރާތްތަކަށް ހުއްދަ ދޫކޮށްފި އެވެ.

އޮޑިޓް އޮފީހުގައި އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް -- ސީއޭ މޯލްޑިވްސް އިން ބޭއްވި ރަސްމިއްޔާތެއްގައި ޕައި އޮޑިޓަރުންގެ ގޮތުގައި ހުއްދަ ދިނީ ހަތް އޮޑިޓް ފާމަކަށެވެ.

ހުއްދަތައް ހަވާލު ކޮށްދެއްވީ ސީއޭ މޯލްޑިވްސްގެ ރައީސް އަދި އޮޑިޓާ ޖެނަރަލް ހުސައިން ނިޔާޒީ އެވެ. މީގެ ކުރިން ޕައި އޮޑިޓަރުންގެ ގޮތުގައި ހުއްދަ ދީފައިވަނީ ތިން ފަރާތަކަށެވެ.

ރާއްޖޭގައި އޮޑިޓް ކުރާ އޮޑިޓަރުން ކޮންމެވެސް ވަރަކަށް ކުރިން ގިންތި ކުރެވުނު ނަމަވެސް ފަހުން އެ އުސޫލު އުވާލި އެވެ. އަލުން އެފަދަ އުސޫލެއް އެކުލަވާލާފައި މިވަނީ ސީއޭ މޯލްޑިވްސް އުފައްދައި، އޮޑިޓަރުންނަށް ހުއްދަ ދިނުމުގެ ހުރިހާ ކަމެއް އެތަނުން ކުރަން ފެށުމާ ގުޅިގެންނެވެ.

ޕައި އޮޑިޓަރުންނަކީ އެންމެ ބޮޑެތި މާލީ އިދާރާތައް ކަމަށްވާ މަރުކަޒީ ބޭންކާއި، އާންމު ބޭންކްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް އޮޑިޓް ކުރާ އޮޑިޓިން ފާމްތަކެވެ.

ޕައި އޮޑިޓަރުންގެ ގޮތުގައި ހުއްދަ ދެނީ ސީއޭ މޯލްޑިވްސްގައި ރަޖިސްޓްރީވުމުން އެ ފަރާތަކީ ބޮޑެތި އޮޑިޓްތައް ކުރެވޭ ފެންވަރުގެ ވަސީލަތްތަކާއި މުވައްޒަފުން ހިމެނޭ އަދި ބައިނަލްއަގްވާމީ މިންގަނޑަށް މަސައްކަތް ކުރެވޭ ގާބިލް އޮޑިޓް ފާމެއްތޯ ސީއޭ މޯލްޑިވްސް އިން ބަލައި ވަޒަންކުރުމަށްފަހު އެވެ.

ޕައި އޮޑިޓަރުންގެ ރަޖިސްޓްރީ އެކުލަވާލައި ހުއްދަތަކެއް ދީފައި މިވަނީ ގިނަ ދުވަސްތަކަކަށްފަހު އެކަމާ ގުޅޭ ގަވައިދުތަކާއި އުސޫލުތައް އެކުލަވާލުމަށްފަހު އެވެ. ސީއޭ މޯލްޑިވްސް އިން މިހާރު ވަނީ އެތަނުގައި ރަޖިސްޓްރީކޮށްފައިވާ ޕައި އޮޑިޓަރުންގެ ލިސްޓު ވެސް އާންމުކޮށްފަ އެވެ.

ސީއޭ މޯލްޑިވްސްގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޮޑިޓާ ޖެނަރަލް ނިޔާޒީ ވިދާޅުވީ ޕައި އޮޑިޓަރުންގެ ގަވައިދާއި ރަޖިސްޓްރީ އެކުލަވާލީ ކަމާ ގުޅޭ ވަރަށް ގިނަ ފަރާތްތަކުގެ ލަފައާއި މަޝްވަރާ ހޯއްދަވައިގެން ކަމަށެވެ. ހުއްދަ ދޭ ފަރާތްތަކުން ގަވައިދާ އެއްގޮތަށް މަސައްކަތް ކުރާ މިންވަރާއި އަދި މަސައްކަތުގެ ފެންވަރު ހިފަހައްޓާ ގޮތް ބަލާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"މިދާއިރާގެ އާންމު ފައިދާއަށާއި ޕަބްލިކް އިންޓްރެސްޓް ދެމެހެއްޓުމަށް އަޅުގަނޑުމެން ގަވާއިދު ތަންފީޒު ކުރާނަން." ނިޔާޒީ ވިދާޅުވި އެވެ.