އެންމެނަށް ހިޔާ ކަށަވަރު މަޝްރޫއު

ހިޔާ ފްލެޓްތަކުގެ މަސައްކަތް ނުނިމޭ ސަބަބުތައް ބަލަނީ

Dec 23, 2021
1

ހިޔާ ފްލެޓްތަކުގެ އެތެރޭގެ މަސައްކަތްތައް ނިންމުމަށްޓަކައި މިހާތަނަށް ކުރެވިފައި ހުރި މަސައްކަތްތައް އޮޅުންފިލުވުމަށްޓަކައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސާވޭއެއް ފަށައިފި އެވެ.

ހިޔާ ފްލެޓް ލިބުނު މީހުންނަށް އެޗްޑީސީން ގެންދަނީ ސާވޭ ފޯމް ހިމެނޭ ލިންކެއް މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން މެސެޖު ކުރަމުންނެވެ.

އެޗްޑީސީން ބުނީ ހިޔާ ފްލެޓް ލިބުނު އެންމެން ވެސް ސާވޭގައި ބައިވެރިވުމަށް އެދޭ ކަމަށެވެ. އޭރުން ފްލެޓްތަކުގެ މަސައްކަތް ނިމިފައި ހުރި މިންވަރާއި އަދި ނުނިމޭނަމަ އެކަމެއް މެދުވެރިވެފައިވާ ސަބަބެއް ހޯދައި އިތުރަށް ކުރަންވީ ކަމެއް އޭރުން އެނގޭނެ ކަމަށެވެ.

ހިޔާ ފްލެޓްތަކުގެ އެތެރޭގެ މަސައްކަތްތައް ނިންމުމަށްޓަކައި މިމަހުގެ ނިޔަލަށް ފްލެޓްތަކަށް ކުލި ނުދައްކާ އުޅެވޭނެ ގޮތް ސަރުކާރުން ވަނީ ހަމަޖައްސައިދީފަ އެވެ. ނަމަވެސް އަދިވެސް ބައެއް މީހުންނަށް ފްލެޓްތަކުގެ އެތެރޭގެ މަސައްކަތްތައް މުޅިން ނިންމާލެވިފައެއް ނުވެ އެވެ. އެ މަސައްކަތް އެއްގޮތަކަށް ކުރިއަށް ނުގެންދާ މަދު ބަޔަކު ވެސް އެބައުޅެ އެވެ.

އެފަދަ ބައެއް މީހުން ބުނި ގޮތުގައި މަސައްކަތް މުޅިން ނުނިމެނީސް އެމީހުންގެ އަތުން ކުލި ނެގުމަކީ އިތުރު ބުރަޔަކަށް ވާނެ އެވެ. އެހެންވެ ކުލި ދެއްކުން އަދިވެސް ފަސްކޮށްދިނުމަށް ބައެއް މީހުން ދަނީ އެޗްޑީސީގައި އެދެމުންނެވެ. ނަމަވެސް އެޗްޑީސީން ބުނީ ކުލި ދެއްކުމަށް މިހާރު ދީފައިވާ މުއްދަތު ފަސްކުރަން ނިންމާ، އެކަން އާންމުކޮށް އިއުލާން ނުކުރާނަމަ އަންނަ ޖެނުއަރީން ފެށިގެން ކުލި ދައްކަންޖެހޭނެ ކަމަށެވެ. އެކަމަކު ކުލި ދައްކަންޖެހޭ މުއްދަތު ފަސްކުރެވިދާނެތޯ ސަރުކާރާ ވާހަކަ ދައްކާނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

ހިޔާ ފްލެޓްތަކަށް ދައްކަންޖެހެނީ ކުލީގެ ގޮތުގައި މަހަކު 7،500 ރުފިޔާއާއި މެއިންޓަނަންސް ފީގެ ގޮތުގައި މަހަކު 1،000 ރުފިޔާއާ އެކު މަހަކު ޖުމްލަ 8،500 ރުފިޔާ އެވެ. ކުލީގެ އަދަދު 5،600 ރުފިޔާ އަށް ކުޑަކޮށްދީ، ކުލި ދައްކަންޖެހޭ މުއްދަތު އެއް އަހަރަށް ފަސްކޮށްދިނުމަށް ފްލެޓްތައް ލިބުނު މީހުން ތަމްސީލް ކުރާ ހިޔާ ޔޫނިއަނުން ވަނީ އެދިފަ އެވެ.