މިނިސްޓްރީ އޮފް އެޑިއުކޭޝަން

ފުރަތަމަ ޓާމަށްފަހު ސްކޫލުތައް ޗުއްޓީއަށް

Dec 23, 2021

އާ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާ ސޫކުލްތައް ޗުއްޓީ އަށް ބަންދުކޮށްފި އެވެ.

ރާއްޖޭގައި ކުރިން ދިރާސީ އަހަރު ފަށަނީ ޖެނުއަރީ މަހު އެވެ. ނަމަވެސް މިއަހަރުން ފެށިގެން އޮގަސްޓް މަހު ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ސަރުކާރުގެ އެ ނިންމުމުގެ ދަށުން ދިރާސީ އަހަރުގެ ކިޔެވުން މިއަހަރު ފެށީ އޮގަސްޓް 10 ވަނަ ދުވަހު އެވެ.

ފުރަތަމަ ޓާމުގެ ކިޔެވުން ނިންމުމަށްފަހު ގިނަ ސުކޫލުތަކެއްގައި ދަރިވަރުންނަށް މިއަދު ރިޕޯޓް ފޯމު ދޫކޮށްފައިވެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ ދިރާސީ ކަލަންޑަރަށް ބަލާއިރު ފުރަތަމަ ޓާމުގެ ޗުއްޓީ ނިމޭނީ ކުރިއަށް އޮތް ޖެނުއަރީ 16 ވަނަ ދުވަހު އެވެ.

ކޮވިޑް 19އާއި ގުޅިގެން މިދިޔަ އަހަރުގެ ގިނަ ދުވަސްތަކުގައި ކިޔަވައިދިނީ އޮންލައިންކޮށެވެ.

ކޮވިޑްގެ ނުރައްކާ އަދިވެސް އޮތުމާ ގުޅިގެން ސުކޫލުތަކުގައި ދަރިވަރުން ކިޔަވަމުން ދަނީ ރައްކާތެރިކަމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އަޅައިގެންނެވެ.