މިފްކޯ

މިފްކޯއިން ވެސް މަސްކިރުން ކޮންޓްރޯލްކޮށްފި

ރާއްޖޭގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެފައި ވާތީ ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ވެސް މަސްކިރުން ކޮންޓްރޯލް ކޮށްފި އެވެ.

މަސްބާނާ އަދަދު އިންތިހާއަށް އިތުރުވެފައި ވާތީ ރާއްޖޭގައި މަސް ގަންނަ އަމިއްލަ ކުންފުނި، ހޮރައިޒަން ފިޝަރީޒުން މަސް ގަތުން އިއްޔެ ވަނީ ކޮންޓްރޯލް ކޮށްފަ އެވެ.

މިފްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ ހުރިހާ ހިސާބުތަކުގެ ދޯނިތައް މަސްކިރަން އައުމުގެ ސަބަބުން މިފްކޯގެ ފްރީޒިން ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ލިބެމުންދާ ކަމަށާއި އެހެންވެ މަސް ކިރުން ކޮންޓްރޯލް ކުރަން ޖެހުނީ ކަމަށެވެ.

މިފްކޯއިން ބުނީ އާންމުކޮށް ހުކުރު ދުވަހު މަސް ނުކިރުވާ ކަމަށާއި ނަމަވެސް މަސްވެރިކަން ރަނގަޅުވެފައި ވާތީ ފާއިތުވި ހަތަރު ހުކުރުގައި ވެސް މަސްކިރުވައި ދިން ކަމަށެވެ.

އަދި ފާއިތުވި ދޮޅުމަސް ދުވަހު އާދަޔާ ހިލާފަށް މަސްވެރިކަން ރަނގަޅުވެ ކޯލްޑް ސްޓޯރޭޖްތައް ފުރެމުން އަންނާތީ މެދުކެނޑުމެއް ނެތި ކެރިއާ ބޯޓުތައް ގެނެސް ލޯޑުކޮށް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

"މިގޮތަށް ޕްލޭންކޮށްގެން މަސްގަތުމުގެ މަސައްކަތް ކުރިނަމަވެސް މަސްކިރަން އަންނަ ދޯނި ފަހަރާއި އެ ދޯނިފަހަރުން ގެންނަ އަދަދުތައް މާބޮޑަށް ގިނަވެ މިހާރު ކިއުގައި ހުރި ދޯނިފަހަރު މަސްކިރައި ފްރީޒް ކުރުމަށް ވަގުތު ބޭނުންވާަތީ 25 ޑިސެމްބަރު 2021އިން ފެށިގެން ދޯންޏަކުން ފަސް ޓަނު ކިރާ ގޮތަށް ހަމަޖައްސައިފީމެވެ. މިގޮތަށް ހަމަޖެއްސިކަމުގައި ވީނަމަވެސް ސެންޓަރުތަކުން މިހާރު ކިޔޫ ނަންބަރު ދެވިފައި ހުރި ދޯނިފަހަރު މަސް ކިރައި ނިމެންދެން އެ ދޯނިފަހަރުގެ މަސް، ކޮންޓްރޯލެއް ނެތި ކިރަމުންދާނެއެވެ." މިފްކޯގެ ބަޔާނުގައިވެ އެވެ.

މިދިޔަ އަހަރު މިފްކޯއިން 49،392 ޓަނުގެ މަސް ގަންފައި ވެއެވެ. ނަމަވެސް މިއަަހަރުގެ މިހާތަނަށް ވެސް މިފްކޯއިން 56،198 ޓަނުގެ މަސް ގަނެފައި ވެއެވެ. އަދޮ މިމަހު މިހާތަނަށް 8،796 ޓަނުގެ މަސް ގަނެފައިވެ އެވެ.
މިއީ މިފްކޯގެ ތާރީހުގައި އެއް މަސް ތެރޭ އެންމެ ގިނަ އަދަދެއްގެ މަސް ގަތް އަހަރު ވެސް މެއެެވެ. މިފްކޯއިން އަންދާޒާ ކުރާގޮތުގައި މި މަސް ނިމޭއިރު 10،500 ޓަނުގެ މަސް ގަނެވޭނެ އެވެ.

މިފްކޯއިން ބުނީ މަސްގަތުމުގެ ކެޕޭސިިޓީ އިތުރުކޮށް މިހާރު ދުވާލަކު 400 ޓަނާއި 500 ޓަނާ ދެމެދުގެ އަދަދަކަށް މަސް ގަނެވޭ ކަމަށެވެ.

މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އެ ކުންފުނިން ގެންދަނީ ކޫއްޑޫ އާއި ފެލިވަރުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިއަހަރުގެ ތެރޭގައި މިފްކޯ އަށް ވަނީ 378 ޓަނުގެ މަސް އުފުލޭ ބޯޓަކާއި މިފްކޯ އަށް ގަންނަ މަސް ރާއްޖެއިން ބޭރަށް ގެންދިއުމަށް އަމާޒުކޮށްގެން 2،500 ޓަނުގެ މަސް ރައްކާކުރެވޭ ބޯޓެއް ވެސް ރާއްޖެ ގެނެސްފަ އެވެ.