މިފްކޯ

މާދަމާ އިން ފެށިގެން މަސް ގަންނަނީ ދުނިޔޭގެ ބާޒާރުގައި ހުންނަ އަގަށް: މިފްކޯ

މާދަމާ އިން ފެށިގެން މަސް ގަންނަނީ ދުނިޔޭގެ ބާޒާރުގައި މަސް ގަންނަން ލިބޭ އަގުގައި ކަމަށް މިފްކޯ އިން ބުނެފި އެވެ.

މިފްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާދަމާ އިން ފެށިގެން އެ ކުންފުންޏަށް މަސް ގަންނާނީ ބައިނަލްއަގްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރާއި، މަސް އެކްސްޕޯޓު ކުރުމަށް ހޭދަވާ ހަރަދުތަކަށް ބެލުމަށްފަހު ކަމަށެވެ.

މި އަގު ކޮންމެ ހަފްތާއަކުވެސް ކަނޑއަޅާ އިއުލާން ކުރާނެ ކަމަށްވެސް މިފްކޯއިން ބުނެ އެވެ.

މިފްކޯއިން ބުނީ މިބަދަލު ގެނައުމަށް ނިންމީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިންގެ އަތުން މަސް ގަނެ، ޕްރޮސެސް ކުރުމަށާއި، އެ މަހަށް ދޭން ޖެހޭ ފައިސާ ގަވާއިދުން މަސްވެރިންނަށް ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ކަމަށެވެ.

ކުންފުނީގެ އެފިޝެންސީ އަދި އާމްދަނީ އިތުރު ކުރެވޭނެ އިތުރު ގޮތްތަކެއް ހޯދައި ހަރަދުތައް ކުޑަ ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް ސަރުކާރާ ގުޅިގެން އަޅަމުންދާނެ ކަމަށްވެސް މިފްކޯ އިން ބުންޏެވެ.

މިފްކޯ އިން ބައިނަލްއަގްވާމީ ބާޒާރުގައި މަސް ގަންނަ އަގުގައި މަސް ގަތުމަށް ނިންމާފައި މިވަނީ އެ ކުންފުނީގެ ދަރަނި 1.2 ބިލިއަނަށް ވުރެ މައްޗަށް ގޮސް ކުންފުނި ބަނގުރޫޓް ވުމާ ހިސާބަށް ގޮސްފައި ވަނިކޮށެވެ. މިފްކޯ އިން ބުނާ ގޮތުގައި އެ ކުންފުންޏަށް މަސްވެރިންނަށް ފައިސާ ދިނުން ލަސްވަމުން ދިޔައީ ނިމިގެން ދިޔަ ސަރުކާރުން ސިޔާސީ ބޭނުމެއްގައި އެއްވެސް ކަމަކަށް ބެލުމެއް ނެތި ބޮޑު އަގުގައި މަސް ގަންނަން ނިންމި ހިސާބުން ކަމަށެވެ.