އަދާލަތު ޕާޓީ

އިންޑިއާ އައުޓް ކެމްޕޭނަށް އަދާލަތުން ފާޑުކިޔައިފި

Dec 25, 2021
1

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދަވާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ސިޔާސީ މަގުސަދެއްގައި ހިންގާ ނޭއްގާނީ އަމަލެއް ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

އަދާލަތު ޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާ އައުޓް ކެމްޕޭނަކީ ސިޔާސީ މަގުސަދެއްގައި ރައްޔިތުންގެ ޝުއޫރުތަކާ ކުޅެގެން ހިންގާ އަމަލެއް ކަމަށެވެ. އެ ކެމްޕޭންގެ ނަތީޖާ އަކަށް ވެގެންދާނީ ބައިނަލްއަގްވާމީ މަސްރަހުގައި ދިވެހިން އެކަހެރިވެ ގައުމާއި ރައްޔިތުންނަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބުން ކަމަށް އަދާލަތު ޕާޓީން ގަބޫލުކުރެ އެވެ.

ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ކުރިއެރުމާއި ތަރައްގީއާއި ދިވެހި ރައްޔިތުންގެ ސަލާމަތާއި އެންމެހާ މަސްލަހަތުތައް ހިމާޔަތްކުރުމުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު ވަރަށް މަތީ ދައުރެއް އަދާކުރާ ކަމަށެވެ. ސަލާމަތާއި ވިޔަފާރީގެ ދާއިރާގައި އިންޑިއާގެ ކަނޑުގެ އަހަންމިއްޔަތުކަން އިތުރުވަމުން އަންނާތީ އިންޑިއާ ކަނޑުގެ މަސްލަހަތު ހިމާޔަތް ކުުރުމަކީ ދިވެހި ހާރިޖީ ސިޔާސަތުގެ މުހިއްމު ބައެއް ކަމަށް ފާހަގަކޮށްފައިވެ އެެވެ.

އަދާލަތުން ބުނީ މުޅި ދުނިޔެ ގުޅިލާމެހިފައިވާ ޒަމާނެއްގައި ބައިނަލްއަގުވާމީ މަސްރަހުގައި އެކަހެރިކަމާއި ވަކިވެގަތުން އިސްކުރުމަކީ ދިވެހިންނަށް އެންމެ މަސްލަހަތު ހުރި ގޮތް ނޫން ކަމަށެވެ. ރާއްޖޭގެ އަވަށްޓެރިންނާއި ދިވެހިންގެ ކުރިއެރުމާއި ތަރައްގީއަށް އެހީތެރިވެދޭ ބައިވެރިންނާ މެެދު އާންމު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތާއި ރުޅިވެރިކަން އުފެއްދުމަށް މަސައްކަތް ކުރަނީ ސިޔާސީ ބައެއް ކަމަށް ތުހުމަތު ކޮށްފައިވެ އެވެ. އަދި އެމީހުން ކުރަމުންދާ މަސައްކަތް ކުށްވެރިކޮށްފައިވެ އެެވެ.

"ވަކިން ހާއްސަކޮށް އަވަށްޓެރި އިންޑިއާއާ މެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ ކުރައްވަމުން ގެންދަވާ ޒިންމާދާރުކަން ކުޑަ ކަންކަމާމެދު މި ޕާޓީން ކަންބޮޑުވަމެވެ،" ބަޔާނުގައިވެ އެވެ.

އަދާލަތުން ބުނީ ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ސްޓްރެޓީޖިކް ދާއިރާތަކުން މިހާރު ކުރަމުންދާ މަސައްކަތްތަކަކީ ޒަމާންތަކަކަށް ދެމިގެންދާނެ ޒަމާންވީ އެކުވެރިކަމާއި އެއްބަވައިވަންތަކަމުގެ ނަތީޖާ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް މިހާރު ހިނގަމުންދާ ބައެއް ކަންކަމަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެ ކަންކަމުގެ ބިންގާ އަޅާފައިވާ ކަންތައްތަކެއް ކަމަށްވެސް ބުނެފައިވެ އެވެ.

އަދާލަތު ޕާޓީން އިތުރަށް ބުނީ އެ ޕާޓީން ބައިވެރިވާ ސަރުކާރެއްގައި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ލޮޅުމެއް އަތުވެދާނެ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެ ކަމަށެވެ.