ބޭންކް އޮފް މޯލްޑިވްސް

ކިޑްސް ރަންއިން އެމްއޭޕީޑީއަށް އެއްލައްކަ ރުފިޔާގެ އެހީ

ބޭންކް އޮފް މޯލްޑިވްސް އަދި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން މި އަހަރު ބޭއްވި "ބީއެމްއެލް ވައު ކިޑްޒަ ރަން" އިން އެއް ލައްކަ ރުފިޔާ މޯލްޑިވްސް އެސޯސިއޭޝަން ފޯ ފާސަންސް ވިތް ޑިސަބިލިޓީސް (އެމްއޭޕީޑީ) އަށް ދީފި އެވެ.

ބީއެމްއެލް ވައު ކިޑްޒް ރަންގައި ހަތަރު އުމުރުފުރާއެއްގެ ޖުމްލަ 900 އަށް ވުރެ ގިނަ ކުދިން މި އަހަރު ބައިވެރިވި ކަމަށް ބީއެމްއެލްއިން ބުނެ އެވެ. އެ ދުވުން ބާއްވާފައިވަނީ މިއަދު ހެނދުނު ހުޅުމާލޭގަ އެވެ.

އެ ދުވުމާގުޅުވައިގެން ބީއެމްއެލްއިން ވަނީ އެމްއޭޕީޑީއަށް 100،000 ރުފިޔާ ހަދިޔާކޮށްފައެވެ. އެ ފައިސާ އެމްއޭޕީޑީ އާއި ހަވާލުކޮށްދެއްވީ ބޭންކުގެ ބޯޑުގެ ޗެއާމަން ޔޫޝައު ސައީދު އާއި ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރު ސަހާ ވަހީދު އެވެ.

ބީއެމްއެލްއިން ބުނީ އެމްއޭޕީޑީ އިން އެ ފައިސާ ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ އެ ޖަމިއްޔާ އިން ހިންގަމުންދާ ހެލްތީ ޕީޑަބްލިއުޑްސް ޕްރޮގްރާމް ކަމަށެވެ. އެ ޕްރޮގްރާމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފިޒިއޯ ތެރަޕީ ދިނުމާއި ބިހޭވިއާ ސްޕީޗް އަދި އޮކިއުޕޭޝަނަލް ތެރަޕީ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ބީއެމްއެލް ވައު ކިޑްޒް ރަން އާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން ވިދާޅުވީ ޓީއެފްޖީ އާ އެކު އެ ދުވުން މިއަހަރަފުސް ވަރަށް ފުރިހަމަ ގޮތެއްގައި ބޭއްވޭ ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އެއީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ ބޭނުމުގައި ބާއްވާ ހާއްސަ ހަރަކާތެއް ކަމަށެވެ.

"މި ފަހަރުގެ ދުވުމާ ގުޅުވައިގެން ބޭންކުން އެހީތެރިކަން ފޯރުކޮށްދެވޭ ޕްރޮގްރާމަކީވެސް މުޖުތަމައަށް ވަރަށް ވެސް ބޭނުންތެރި ޕްރޮގްރާމެއް." ނޫރައްދީން ވިދާޅުވި އެވެ.

އެ ދުވުން ކުރިއަށް ގެންގޮސްފައިވަނީ 1.3 ކިލޯ މީޓަރާއި ދެ ކިލޯމީޓަރާއި ތިން ކިލޯ މީޓަރު އަދި ހަތަރު ކިލޯ މީޓަރގެ ދިގުމިނަނެވެ. ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު ވަނީ މެޑަލް ދީފައެވެ. ބީއެމްއެލް ވާއު ކިޑްސް ރަން އަކީ ގިނަ އަދަދެއްގެ ކުޑަކުދިންގެ ތަރުހީބު ކޮންމެ އަހަރަކުވެސް ލިބޭ ދުވުމެކެވެ.