ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ޗެމްޕިއަން ބާސެލޯނާއާ ދެކޮޅަށް އާސެނަލް ވާދަކުރަން ޖެހިއްޖެ އެވެ.
މުބާރާތުގެ ދެ ވަނަ ބުރުން ކިރިޔަކިރިޔާ ޖާގަ ލިބުނު ނަމަވެސް އާސެނަލް މިވަގުތު އޮތީ އިނގިރޭސި ޕްރެމިއާ ލީގުގެ އެއްވަނާގަ އެވެ. ބާސެލޯނާ އަކީ ސްޕެނިޝް ލީގުގެ އެއްވަނަ ޓީމެވެ.
މުބާރާތުގެ ފައިނަލުގައި މިދިޔަ އަހަރު ބާސެލޯނާ އަތުން ބަލިވި ޔުވެންޓަސް ދެ ވަނަ ބުރުގައި ވާދަކުރަން ޖެހުނީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާ އެވެ. އެންމެ ފަހުގެ މުބާރާތުގެ ސެމީ ފައިނަލުގައި ބަޔާން ބަލިވީ ބާސެލޯނާ އަތުންނެވެ.
އިޓަލީގެ ރޯމާ ވާދަކުރަން ޖެހުނީ ސްޕޭނުގެ ރެއާލް މެޑްރިޑާ އެވެ. ޖަރުމަނުގެ ވުލްފުސްބާގް ބައްދަލުކުރާނީ ގެންޓާ އެވެ.
ދެ ވަނަ ބުރަށްދިޔަ އިނގިރޭސި ތިން ޓީމުގެ ތެރެއިން ޗެމްޕިއަން ޗެލްސީ ވާދަކުރާނީ ފްރާންސްގެ ޕީއެސްޖީއާ އެވެ. މެންޗެސްޓާ ސިޓީ ލައްވާލީ ރަޝިޔާގެ ޑީނަމޯ ކިއޭވްއާ ދެކޮޅަށެވެ. ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑް ވާދަކުރާނީ ނެދަލޭންޑްސްގެ ޕީއެސްވީއާ އެވެ. ރަޝިޔާގެ ޒެނިތް ވާދަކުރާނީ ބެންފީކާ އެވެ.
މުބާރާތުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގެ މެޗުތައް ކުޅޭނީ ފެބްރުއަރީ 16 އާއި 17 އަދި 23 އާއި 24ގަ އެވެ. ދެ ވަނަ ލެގުގެ މެޗުތައް ކުޅޭނީ މާޗް 8 އާއި 9 އަދި 15 އާއި 16ގަ އެވެ.
މުބާރާތުގެ ގަދަ އަށަކަށް ދަތުރުކުރާ ޓީމުތަކުގެ މެދުގައި ގުރުނަގާނީ މާޗް 18ގަ އެވެ.