ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް މާދަމާ ރޭ ގައުމާ މުހާތަބު ކުރައްވަނީ

Dec 25, 2021
2

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ދިވެހި ގައުމާ މުހާތަބު ކުރައްވަން ނިންމައިފި އެވެ.

ރައީސް ސޯލިހް ގައުމާ މުހާތަބު ކުރެއްވުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 8:30 ގައި ޖުމްހޫރީ މައިދާނުގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ.

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި މާދަމާރޭ ބާއްވަވާ ޖަލްސާގައި ޑިސެމްބަރު 26، 2004 ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ދުނިޔެ ދޫކުރި މީހުންގެ ހަނދާނުގައި އެއް މިނިޓުގެ ސުކޫތެއް ގެންނާނެ އެވެ. އަދި އެއްބައިވަންތަކަމުގެ ދުވަހާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ދައްކާނެ އެވެ.

މީގެ އިތުރުން މި މަހުގެ 20 ވަނަ ދުވަހު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ދިވެހި ދައުލަތަށާއި، ދިވެހި ގައުމަށާއި، ދިވެހި ރައްޔިތުންނަށް ކޮށްދެއްވި ހިދުމަތްތަކުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން، އެ މަނިކުފާނުގެ ހިދުމަތްތަކުގެ މައްޗަށް ތައްޔާރު ކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ދެއްކުމަށް ވެސް ހަމަޖެހިފައިވެ އެވެ.

މި ޖަލްސާގައި ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ، ޝަރަފުގެ ބެޖާއި، އައްޑަނަ ދެއްވުން ވެސް އޮންނާނެ އެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންގެ އަދަދު ގިނަކަމާއެކު، ގައުމީ ފެންވަރުގައި ބޭއްވޭ ދެ ޖަލްސާއެއްގައި އިނާމު އަރުވާ ގޮތަށް ނިންމެވުމާ ގުޅިގެން، މިދިޔަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި 117 ބޭފުޅަކަށް ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ވަނީ އަރުވާފަ އެވެ. މާދަމާރޭ ބާއްވާ ޖަލްސާގައި އިނާމު އެރުވެނީ ބާކީ ތިއްބެވި 106 ބޭފުޅަކަށެވެ.