ކްލީން މޯލްޑިވްސްގެ ފަރާތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 1،500 ގަސް އިންދަން ނިންމައިފި އެވެ.
ގަސް އިންދުމުގެ ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރުއްގަނޑު ސަރަހައްދުގައި މާދަމާ ހަވީރު 4:00 ޖަހާއިރު އެވެ.
މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަނީ ތިމާވެއްޓާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާ އެވެ.
ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާ -- ކްލީން މޯލްޑިވްސް އިން ބުނީ އެޗްޑީސީއަށް ހަދިޔާކުރާ 3،500 ގަހުގެ ތެރެއިން މާދަމާ 1،500 ގަސް އިންދާނެ ކަމަށެވެ.
އެޗްޑީސީ އަށް ހަދިޔާކުރަނީ 1،500 މަގޫ ގަހާއި، 500 ހިރުނދު ގަހާއި، 500 ކުރެދި ގަހާއި، 500 ދިއްގާ ގަހުގެ އިތުރުން 500 ދިވެހި ރުކެވެ.
ކްލީން މޯލްޑިވްސްގެ ފަރާތުން 2019 ވަނަ އަހަރު ވެސް 1،000 މަގޫ ގަހާއި، 1،000 ރުއް ހުޅުމާލޭގައި އިންދާފައިވެ އެވެ. އަދި އިތުރު 1،000 ގަސް އެފަހަރު އެޗްޑީސީ އަށް ހަދިޔާކޮށްފައިވެ އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންނާއި އާންމުކޮށް އެންމެންނަށް މާދަމާގެ ގަސް އިންދުމުގެ ހަރަކާތުގައި ބައިވެރިވުމަށް ކްލީން މޯލްޑިވްސް އިން ވަނީ ދައުވަތު ދީފަ އެވެ.