ޗަމްޕާ މުހައްމަދު މޫސާ

އުއްޗުގެ އުފަން ދުވަސް ފާހަގަކުރެއްވުމަށް ނަމާލް ރާއްޖެ ވަޑައިގެންފި

Dec 25, 2021

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޗަމްޕާ ބްރަދާސްގެ ޗެއާމަން މުހައްމަދު މޫސާ (އުއްޗު)ގެ އުފަން ދުވަހަށް ލަންކާގެ މިނިސްޓާ އޮފް ޔޫތު އެންޑް ސްޕޯޓްސް ނަމާލް ރާޖަޕަކްސާ ރާއްޖެ ވަޑައިގެންފި އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ނަމާލް ރާއްޖެ ވަޑައިގަތީ އިއްޔެގެ ވަގުތެއްގަ އެވެ. ނަމާލް އަދިވެސް ހުންނެވީ ރާއްޖޭގަ އެވެ.


ނަމާލް ވަނީ ރާއްޖޭގައި އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ލަންކާއާއި ރާއްޖެ ކުޅުނު މެޗް ބައްލަވާލެއްވުމަށްޓަކައި މިދިޔަ އޮކްޓޫބަރު 10 ވަނަ ދުވަހު ވެސް ރާއްޖެ އަށް ވަޑައިގެންފަ އެވެ.

އުއްޗުގެ އުފަން ދުވަހަކީ ޑިސެމްބަރު 25 އެވެ. އުއްޗު އިއްޔެ ފާހަގަކުރެއްވީ އޭނާގެ ކިތައް ވަނަ އުފަން ދުވަސް ކަމެއް އެނގިފައެއް ނުވެ އެވެ.

އުއްޗުގެ އުފަން ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ރޭ ކުރިއަށް ދިޔައީ އުއްޗުގެ ހިއްސާ އޮންނަ ކުރެއްދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާގަ އެވެ.

އުފަން ދުވަހުގެ ހަރަކާތްތަކުގައި ނަމާލްގެ އިތުރުން ރާއްޖޭގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިންގެ އިތުރުން ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް އެނގިފައިވެ އެވެ.

އުއްޗު އަކީ ސަރުކާރުގެ އިސްވެރިންނާ އެކު އަބަދުވެސް އޭނާގެ އުފަން ދުވަސް ފާހަގަކުރައްވާ ބޭފުޅެކެވެ. ނަމަވެސް އުއްޗުގެ އުފަން ދުވަހުގެ ހަރަކާތްތަކުގައި ބޭރުގެ ވަޒީރަކު ބައިވެރިވެވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރު ކަމަށް އެނގިފައިވެ އެވެ.

ނަމާލް އާއި އޭނާގެ ބައްޕަ އަދި ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ އަކީ މިފަހުން އުއްޗުގެ ވަރަށް ގާތް ރަހްމަތްތެރިންނަށް ވަނީ ވެގެން ގޮސްފަ އެވެ. އުއްޗު މީގެކުރިން ލަންކާ އަށް ވަޑައިގެން ރާޖަޕަކްސާއާ ބައްދަލުވެސް ކުރައްވާފައިވެ އެވެ.