ހުސައިން ވަހީދު

ހުސައިން ފަދަ ދެވަނަ ބޭފުޅަކު ނުދެއްކޭނެ: ނާޒިމް

Dec 25, 2021

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު ކަމުގައި ހުންނަވަނިކޮށް އަވަހާރަވެފައިވާ ހުސައިން ވަހީދު ފަދަ ދެވަނަ ބޭފުޅަކު ނުދެއްކޭނެ ކަމުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ހުސައިންގެ ހިދުމަތްތަކަށް ތައުރީފް ކުރައްވާ ނާޒިމް ވާހަކަދެއްކެވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސް ތައާރަފްކޮށް އެމްއެންޕީގެ ޓިކެޓް ރަސްމީކޮށް ހަވާލުކުރުމަށް މިރޭ ބޭއްވި ޖަލްސާގަ އެވެ.

ނާޒިމް ވިދާޅުވީ ހުސައިން އަކީ އޭނާއާ އަދި އޭނާގެ އާއިލާއާ ވަރަށް ގާތްގުޅުމެއް ބޭއްވެވި ބޭފުޅެއް ކަމަށެވެ. ނާޒިމް ވިދާޅުވި ގޮތުގައި ހުސައިން އަކީ އަހްލާގު ރަނގަޅު، މީހުންނަށް ހެޔޮ، ދީލަތި ބޭފުޅެކެވެ. އެކަމުގެ ސަބަބުން ގިނަ ބައެއްގެ ލޯބި ހުސައިން ހޯއްދެވި ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކަށް އެމްއެންޕީ އަކަށް އަދި އަބްދުލް ހާންނާނަކަށް ވެސް ކުރީގެ އިއްޒަތްތެރި މެންބަރު އަލްމަރުހޫމް ހުސައިން ވަހީދު ރިޕްލޭސްއެއް ނުކުރެވޭނެ. ނޫނިއްޔާ ބަަދަލުގައި އަޅުގަނޑުމެންނަށް ބޭފުޅަކު ނުދެއްކޭނެ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް އިތުރަށް ވިދާޅުވީ ހުސައިން ވަހީދު ކޮމަންޑޫ ދާއިރާ އަށް ކޮށްދެއްވާފައިވާ ހިދުމަތްތައް ނަމޫނާއެއްގެ ގޮތުގައި އެމްއެންޕީން ދެކޭނެ ކަމަށެވެ. މަޖިލީހުގެ މިދައުރުގެ ބާކީ ދުވަސްތަކުގައި ކޮމަންޑޫ ދާއިރާގެ ރައްޔިތުން ތަމްސީލް ކުރުމަށް ހަންނާނަށް ފުރުސަތު ދީފި ނަމަ ފަސްޖެހުމެއް ނެތި އަދި ސާބިތު ކަމާ އެކު ހިދުމަތް ދިނުމުގައި ހަންނާން ހުންނަވާނެ ކަމުގެ ޔަގީންކަން ވެސް ނާޒިމް ދެއްވި އެެވެ.

ހުސައިންގެ ކުރީގެ އަނބިކަނބަލަކު ވެސް ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި ހުސައިންގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ވެސް ގެނެސްފައިވެ އެެވެ.

ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ އަހަރެއް ފަހުން ހުސައިން އަވާހަރަވީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ހުސައިން ވަހީދު އުމުރުފުޅުން 53 އަހަރުގައި އަވަހާރިވިއިރު އޭނާ ވަނީ މެއި 28، 2009 އިން މެއި 27، 2014 އަށް އަދި މެއި 29، 2019 އިން ޑިސެމްބަރު 14، 2021 އަށް ކޮމަންޑޫ ދާއިރާގެ މެންބަރުކަން ކުރައްވާފަ އެވެ.