ބޮލީވުޑް

"ބިގް ބޮސް 15" ޓްރޮފީ ލިބޭނީ ޝަމީތާއަށް ބާ؟

ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް 15" ނިމުމަކާ ކައިރިވަމުންދާއިރު ޝޯ ވަނީ މިހާރު ވަރަށް ޝައުގުވެރިވާ މަރުހަލާއެއްގަ އެވެ.

ގްރޭންޑް ފިނާލޭ އަށް ދާން ބޭނުންވާ ޓިކެޓް ހޯދުމަށް ހަވާލުކޮށްފައިވާ ޓާސްކްތައް ފުރިހަމަ ކުރުމުގައި އެންމެން ތިބީ މިހާރު ކަމަރު ބަނދެގެންނެވެ.

ހުރިހާ ބައިވެރިން ވެސް ހިތްވަރާއެކު މަސައްކަތް ކުރަމުންދާއިރު ޝޯގެ ފޭނުންގެ ތެރެއިން ކޮންމެ މީހަކަށް ވެސް މަގްބޫލު ބައިވެރިއަކު ހުންނާނެ ކަން ޔަގީނެވެ. އެގޮތުން އެންމެ ގިނަ މީހުންގެ ނަޒަރުގައި މިފަހަރުގެ ޓްރޮފީ ގެންދާނީ ޝަމީތާ ޝެޓީ އެވެ. އަދި އެންމެ ފަހުން ނިމުނު ބިގް ބޮސް 14ގެ ބައިވެރިއެއް ކަމަށްވާ ނިކީ ޓޮމްބޯލީ ވެސް ގަބޫލުކުރަނީ ޓްރޮފީ ލިބޭނީ ޝަމީތާ އަށް ކަމަށެވެ.

ޝޯ ކާމިޔާބުކުރާނީ ޝަމީތާ ހެން ނިކީ އަށް ހީވާ އެއް ސަބަބަކީ ހުރިހާ އެންމެން ޝަމީތާ އަށް އަމާޒުކޮށް ހަމަލާތައް ފޮނުވަމުން ދިޔަ ނަމަވެސް އޭނާ ސާބިތުކަމާއި ހިތްވަރާއެކު ކުރިޔަށްދާތީ އެވެ. އެހެންކަމުން ޝޯ ކާމިޔާބުކުރުން އެންމެ ހައްގީ ޝަމީތާ ކަމަށް ނިކީ ބުންޏެވެ.

"ބިގް ބޮސް"ގެ އެހެން ގިނަ ސީޒަން ތަކަށް ވުރެ މި ސީޒަން ފޫހިކަމަށާއި މިފަހަރުގެ ޝޯގައި ބައިވެރި ނުވެވުނީތީ އުފާކުރާ ކަމަށްވެސް ނިކީ ބުންޏެވެ.

ބިގް ބޮސްގެ ހޯސްޓް ސަލްމާން ޚާން އެންމެ ގިނައިން އެއްޗެތި ގޮވާ ބައިވެރިންގެ ތެރޭގައި ވެސް ޝަމީތާ ހިމެނެ އެވެ. ކޮންމެ ހަފުތާއަކު ކަހަލަ ގޮތަކަށް ކޮންމެވެސް ކަމަކާ ޝަމީތާ އަށް ސަލްމާން އެއްޗެތި ކިޔަ އެވެ. އެގޮތުން އެންމެ ފަހުން ދެއްކި ހަފުތާ ބަންދު އެޕިސޯޑުގައި ޝަމީތާ އަށް ސަލްމާން ރުޅިގަނޑު ބޭލީ ޓާސްކެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައި ރާކީ ސާވަންތު ކޮއްޕާލި ކަމަށް ބުނެފަ އެވެ.

ޝޯގައި މިހާރު އެއް ބައިވެރިޔަކު އަނެއް ބައިވެރިޔަކާ ވަރުގަދައަށް ކުރިމަތިލުންތައް ހިނގަމުންދާއިރު ޝަމީތާ އާއި ރާކީ ވެސް ތިބީ ވަރުގަދައަށް ހަނގުރާމަ އިއުލާން ކޮށްގެންނެވެ. އަދި މި ދެ ބައިވެރިން ނޫނަސް ޝޯ ކާމިޔާބު ކުރެވޭ ވަރުގެ މީހުން މިހާރު ބިގް ބޮސްގެ ގޭގައި އެބަތިއްބެވެ. ކަރަން ކުންދްރާ އާއި ތޭޖާސްވީ އަކީ ވެސް ޝޯ ކާމިޔާބުކުރުމުގެ ފުރުސަތު އޮތް ދެ ބައިވެރިންނެވެ.

އެހެންކަމުން އެންމެ ފަހު ވަގުތު ނޫނީ މިފަހަރުގެ ޓްރޮފީ ލިބޭނެ މީހަކު ބުނަން ދައްޗެވެ.