ވާހަކަ

ހިތް ރުއްސާނުތޯ

( 21 ޑިސެމްބަރ 2021 އާ ގުޅޭ )

"އަހަރެން މިހުރީ ދަރިފުޅާއެކު ވެސް ހޫރް ބަލައިގެންނަން. ކައިވެނިކުރަން..."

ޒެހެންގެ ވާހަކައާއެކު ހޫރައިންއަށް އެނބުރިލެވުނެވެ. ފެންހޮޅިން ފެންތައް މުޅިތަނަށް ބުރައިގެން ދިޔައެވެ. އެއިން ދޫކޮށްލެވުމާއެކު ފެންއައުން ހުއްޓުނެވެ. ނަމަވެސް ބިއްލޫރި ޝީޓު ހިފައިގެން އައި ދެ މީހުންކުރެ ކުރިޔަށް ހުރި މީހާ ކަހާލީ ފެންތަކަށް އެރިފައެވެ. އަރިޔަށް ވެއްޓެންއައި ބިއްލޫރިގަނޑު ފެނި ޒެހެން ވަގުތުން ހޫރައިންގެ އަތުގައި ހިފައި ދަމައިގަތެވެ. ހޫރައިންގެ ހިމާޔަތަށް ޒެހެންގެ އަމިއްލަ ހަށިގަނޑު ނިވާފަތް ގަނޑަކަށް ހެދިއެވެ.

* * * * *

ބާރަށް ތެޅެމުންދިޔަ ހިތް ހަމައަކަށް އެޅުވުން ހޫރައިނަށް ފަސޭހައެއް ނުވިއެވެ. ހޫރައިން ދެއްކި ވާހަކަ އިވުމާއެކު ހަސީނާ ދުއްވައިގަތްކަން އޭނާ ދެނަހުއްޓެވެ. އެވަގުތު ހޫރައިންއާ ހަސީނާ ބައްދަލުވިކަން ނަސީބެކެވެ. އެކަނި ހާލައިގެން ކަމެއްނުކުރެވިފައި ހުއްޓާ އޭނާއަށް އެހީތެރިވުމަށް ﷲ މެދުވެރިއެއްކަމުގައި ފޮނުއްވީ ހަސީނާއެވެ. އިމާރާތުގެ އެތެރެއަށް ހޫރައިން ވަދެ ފޮރުވެން ގަސްދުކުރިއެވެ. ފާރުގައި ލެނގިލެވުމާއެކު ހޫރައިންގެ އުފުލާލެވުނު ދެއަތުން މޭ ހުރަސްކޮށް ދެފަރާތުން ދެ އަތުގައި ބާރަށް ހިފަހައްޓާލިއެވެ. މުޅި މީހާ ތުރުތުރު އަޅަނީއެވެ. ލެއިން ތެމެމުންދިޔަ ޒެހެންގެ ގަމީސް ހޫރައިން ދުށްޓެވެ. އޭނާގެ ދެ ލޯ ފެންކަޅިވިއެވެ. އިންސާނިއްޔަތުކަމެއް ހުރި އެކަކު ވެސް އޭނާ މިއަދު ކަންތައް އެކުރި ފަދައިން ނުކުރާނޭ ހިތަށް އެރިއެވެ. ޒެހެންއަށް އެހީވާން އޭނާ ބޭނުންނުވީކީ ނޫނެވެ. ކަމެއްވިސްނޭވަރަށްވުރެ ސިކުނޑި ވީ ހާސްކަމެއްގެ ތެރޭގައެވެ. ޒެހެންގެ އަތުގެ ތެރެއިން މިނިވަންވެވުމުން ދެ ފަޔަށް ލެވުނުހާ ބާރެއްލާ ހޫރައިން ދުއްވައިގަތީ އޭނާއާ ވީހާ ވެސް ދުރަށެވެ.

"ރަޙުމުގެ ކަންފުޅެއް ވެސް އަހަރެންގެ ނެތީތަ؟ ހިތް ހިލަގަނޑަކަށްވީތަ... އިހްސާސްތައް ދެނެގަންނަން ނޭނގޭހާ ހަރު ގާގަޑަކަށް ބަދަލުވީތަ؟. ކީއްވެ ފިލަން ދުވީ؟ އެހީވާން މަޑުނުކުރީ... އެތަނުގައި ތިބި ކޮންމެ މީހަކު ވެސް ބުނާނީ އެހެން. އޭނާ އަހަރެން ހިމާޔަތް ކުރި. އެކަމަކު އަހަރެން... ކީއްވެ ޒެހެން!... ކީއްވެ އަހަރެން ބޭނުންވާންވީ. ދިމާވި ދެރަކަންތައް ނިކަން ދެކެބަލަ. އަހަންނަކީ އެއްވެސް މީހަކަށް އެއްވެސް އުފާވެރިކަމެއް ހޯދާދެވޭނެ މީހެއްނޫން."

ހުރި ދިމާއަށް ހޫރައިން ތިރިވިއެވެ. އުޑުފައިން އިށީނދެ މޫނުގައި އޭނާ ދެއަތް އެޅިއެވެ. ރޮވެންވީ ސަބަބެއް އޭނާގެ ހިތާއި ސިކުނޑިއަކަށް ވެސް ނުވިސްނެއެވެ. އެހެންވިޔަސް ދެ ލޮލުން ކަރުނަ އަންނަނީއެވެ. ހިތަށް ދަތިވާގޮތް ވަނީއެވެ. ޒެހެންއަށް އެހީވާން ގާތުގައި މަޑުކުރަން ޖެހޭނެކަމުގައި ޟަމީރު ބުނަނީއެވެ.

ފާއިތުވެގެން ދިޔައީ ކިހާ އިރެއްކަމެއް ހޫރައިން ނުދެނަ ހުއްޓެވެ. އުޑުފައިން އިނދެއިނދެ އޭނާގެ ދެފައި އައްސިވެއްޖެއެވެ. ކަނާއަތް ފަރާތުގައިވާ ފާރުގައި އަތްޖައްސަމުން އޭނާ ކޮޅަށް ތެދުވިއެވެ. އޭރު އޭނާގެ ރުއިން ވެސް ހުއްޓިއްޖެއެވެ. އިހު ހުރި ތުރުތުރު އެޅުން ހަށިގަނޑުން ފިލައިފިއެވެ. ނޭވާލާން ފަސޭހަވެއްޖެކަން އިހްސާސް ކުރެވެއެވެ. އައްސިވެފައި ހުރުމުން ހިނގައި ގަތުން ފަސޭހަ ނުވިޔަސް ލަސް ފިޔަވަޅުގައި މައްޗަށް އަރަން ހުރި ސިޑިކައިރިއަށް ހޫރައިން އައެވެ. ހަރުފަތެއްގެ މަތީ އޭނާ އިށީނެވެ. އެގޮތުގައި އިންނަތާ ވަގުތުކޮޅެއްވީ ފަހުން އެތެރެއަށް ވަދެގެން އަންނާތީ ފެނުނީ ހަސީނާއެވެ.

"ހޮސްޕިޓަލަށް ގެންގޮސްފި. އަތް އޮތީ ވަރަށް ބޮޑަށް ކަފައިގެން ގޮސްފަ... މިތާ ހުންނަ ޑަކްޓަރު ބުނި ފަހަން ޖެހޭނެއޭ. އޭނާ ދިޔައީ ޒެހެންއާއެކު. ހޫރް ރަނގަޅުތަ؟. އަނިޔާއެއްވިތަ؟." ހޫރައިންގެ ކައިރީ އައިސް ހުއްޓިލުމާއެކު ހަސީނާ ވާހަކަދެއްކިއެވެ.

"އަނިޔާއެއް ނުވޭ." ހޫރައިން ބުނެލިއެވެ. އެކަމަކު އެ ހިތުގައިވީ ތަފާތު ބަހެކެވެ. އޭނާއަށް އަނިޔާއެއް ނުވީ ޒެހެން ހުރީމައެވެ. އެހެންނޫންނަމަ ތަޅައިގެންދިޔަ ބިއްލޫރިގަނޑު އައިގޮތުން އޭނާ ޒަޚަމްވީސްކަން ޔަގީނެވެ.

ކުލާސް ގަޑިތައް ނިމުމާއެކު ރަހުމާ ޔުނިވަރސިޓީއިން ނުކުތެވެ. އަވަސް އަވަހަށް އައިސް ޕާކުކޮށްފައި ހުރި ސައިކަލަށް އޭނާ އެރިއެވެ. އަތްދަބަސް ސައިކަލުގައި އަޅުވާލުމާއެކު އިސްޓާޓުކޮށް ފަހަތަށް ޖަހާލިއެވެ. އޭނާ ސައިކަލު ދުއްވާލީ އައިޖީއެމްއެޗްއާ ދިމާއަށެވެ. ޒެހެން ޒަޚަމްވި ޚަބަރު ބޯކެޔޮވަލަކުހުޅުލީހެން ޔުނިވަރސިޓީގަ ފެތުރިގެން ހިނގައްޖެއެވެ. ހަގީގީ މަންޒަރު ދުށް މީހަކު ނެތަސް ވާހަކަތައް ނުހަނު ފުރިހަމައެވެ. ރަހުމާގެ ކަންފަތާ ހަމައަށް ވެސް ފޯރީއެވެ. ކުލާހެއް ނިންމާފައި އައިސް ވަން ވަގުތެވެ. ޒެހެންގެ ގާތަށް ދާން ވަގުތުން އޭނާ ބޭނުންވިއެވެ. ތާވަލުގައި އެ ދުވަހަށް ނަގައިދޭން ހުރި ކުލާސްތައް ނުނިމޭތީ ހިތް އެދުނަސް ކުރެވޭނެ ކަމެއް ނެތެވެ.

ހޮސްޕިޓަލުގެ ތެރެއަށް ވަދެވުމާއެކު ޒެހެންގެ ނަންބަރަށް ރަހުމާ ގުޅިއެވެ. ފޯނުކޯލު ނެގީ ޑަކްޓަރ ޝާފީއެވެ. ޒެހެންއަށް ފަރުވާދެނީކަމުގައި ބުނެ އަންނަންވީ ކޮންދިމާއަކަށްކަން ޝާފީ ބުންޏެވެ. ހަލުވި ހިނގުމުގައި ގިނައިރެއްނުވެ ރަހުމާ އަތުވެއްޖެއެވެ.

"ކޮބާ؟." ރަހުމާއަށް ވަގުތުން އަހާލެވުނެވެ.

"އެތެރޭގަ... ނާރަކަށް، ކަށްޓައް ކަމެއްވެފައެއް ނެތް، މިހާރު އެތަން ފަހަނީ." ޝާފީ ބުންޏެވެ.

"ކިހިނެއްވީކަމެއްކަން އެނގޭތަ؟." ރަހުމާ އަހާލިއެވެ.

"އާ އިމާރާތުގެ މަސައްކަތް ކުރާ މީހުން ބިއްލޫރި އުފުލަނިކޮށް ކަހާލީ. ރަނގަޅަށް ދިވެހި އެނގޭ ބިދޭސީއެއް ނެތް. ޕިކަޕު މީހާ ބުނީ ގާތައްމަތީ ފެން ހުއްޓާ ކަހާލީ ކަމުގަ. އެއްވެސް މީހެއްގެ އިހުމާލެއްނެތް... އިޓްސް ޖަސްޓް އެން އެކްސިޑެންޓް." ޝާފީ އޮޅުންފިލުވައި ދިނެވެ. އެކަމަކު އެއީ އެނގުނު އެއްޗެއްގެ އެއްބައެވެ. ފެންދޭން ހުރި މޫނުބުރުގާ އެޅި އަންހެނެއްގެ ވާހަކަ ޕިކަޕް މީހާ ބުންޏެވެ. ޒެހެން އޭނާ ސަލާމަތް ކުރީކަން ވެސް ބުންޏެވެ. އެ ވާހަކަތައް ގަސްދުގައި ޝާފީ ނުބުނީއެވެ.

ރަހުމާ އައިތާ ގިނައިރެއް ނުވަނީސް ރަހީމް ވެސް ތަހާނީ ގޮވައިގެން ހޮސްޕިޓަލަށް އަތުވެއްޖެއެވެ. ބޭސްގަނޑު އެޅުމަށްފަހު ޒެހެން ނެރުނެވެ. ހުރިހާ އެކުވެރީން އޭނާއާމެދު ކަންބޮޑުވެފައިވާތީ ފެނި ހީނލިއެވެ. ބޮޑުކަމެއްނޫނޭ ޒެހެން ބުނެލީ އެމީހުންގެ މޫނުތަކުން ނުތަނަވަސްކަން ފިލާތޯއެވެ.

ޒެހެން ގެއަށް އައީ ޝާފީގެ ސައިކަލު ފަހަތުގައެވެ. ދެންތިބި އެންމެން ވެސް އެމީހުންނާއެކު އައެވެ. ސިޓިންރޫމު ސޯފާއެއްގަ ރަހުމާއާއި ތަހާނީ ހަމަޖެހިލިއެވެ. ރަހީމް ގޮވައިގެން ޝާފީ އެނބުރި ދިޔައީ ޔުނިވަރސިޓީ ކައިރިއަށެވެ. ޒެހެންގެ ސައިކަލު ނަގައިގެން އަންނާށެވެ. ފެކަލްޓީގެ ޑިޕާޓްމެންޓް ހެޑް ގުޅައި ޒެހެންގެ ހާލު އަހާފައި ފޯނުކޯލު ނިންމާލި ވަގުތު ޑީން ގުޅައިފިއެވެ. ޔުނިވަރސިޓީގައި ހުއްޓާ ޒަޚަމްވީތީ އެ މީހުން ވެސް ތިބީ ހާސްވެފައެވެ. ޒެހެންއަށް ލިބުނު އަނިޔާގެ ކުޑަބޮޑުމިން އެނގެން ބޭނުންވެފައެވެ. މަންމައަށް ގުޅާފައި ޒެހެންއަށް ބުނެވުނީ އަނިޔާވެ ހޮސްޕިޓަލުން ގެއަށް އައިކަމެވެ. މިއުނާ ގެއަށް އަންނަނީ ކަމުގައި ވަގުތުން ބުނެ ފޯނުކަނޑާލިއެވެ.

* * * * *

ފާޚާނާގައި ހުރި ބާލިދީގެ ތެރެއަށް އަތަށް އަރުވައިގެން އުޅުނު ދެ އަންގި ހޫރައިން ވައްޓާލިއެވެ. ދެން ބާލިދީ ނަގައި ފާޚާނާތަށި މައްޗަށް ލައިފިއެވެ. ގުދުވެލައިގެން އޮވެ އޯމޯފެންގަނޑުގެ ތެރޭ އަންގި ތެތްމަމުން ދިޔައެވެ. އަންގީގަ ޒެހެންގެ ލޭ ހޭކުނުކަން ހޫރައިންއަށް ރޭކާލީ މަޑުހަރުކަމެއް އަންގިއަށް އައީމައެވެ. އެހެން ދުވަސް ދުވަހަށްވުރެ ކުރީން އޭނާ ގެއަށް އައެވެ. އަދި ފުރަތަމަ ވެސް ލައިގެން ހުރި އެއްޗެހި ދޮންނަން އެޅީއެވެ. އެއަށްފަހު އަންގީގަ ހޭކުނުލޭ ހުރީ ހިކިގެން ގޮސް އެ ތަން ހަރުވެފައިކަމަށްވާތީ އެ ދޮންނަން ވަނީއެވެ. ތެތްމާލިއެއްކަމަކު ވަގުތުން ހަރުކަމެއް ނުފިލިއެވެ. އެހެންވެ ފޯކުރަން ބާލިދީގަ ބަހައްޓާފައި ހޫރައިން ފާޚާނާއިން ނުކުތީއެވެ. އޭނާ އައިސް އެނދުގެ އަރިމަތީ އިށީނެވެ. ރަނގަޅަށް ފެން ނުހިކި ހުރި ދެއަތުން މޫނުގައި ފިރުމާލިއެވެ. ފިނިކަމެއް މޫނަށް އިހްސާސް ކުރެވުނެވެ. ފުންނޭވާއެއް ލިއެވެ. ދެން ވެސް އޭނާއަށް ހަމަޖެހުމެއް ނުލިބުނެވެ. ފިކުރުތަކުން މިންޖުނުވެ ހިތުގައި ސުވާލުތައްވީ ގިނައެވެ. ޒެހެންއާ މެދުއެވެ. ފާއިތުވީ ފަސް އަހަރު ތެރޭ ފިރިހެނެއްގެ ސަމާލުކަން ހޫރައިންއަށް ހުއްޓިފައެއް ނެތެވެ. އޭނާ އެ ފުރުޞަތެއް ނުދެއެވެ. ފިރިހެނުން ވެސް އޭނާއަށް ބެލުމަށް ޝައުގުވެރިއެއް ނުވެއެވެ. ދުނިޔޭގަ އުޅޭ މީހެއްކަން ވެސް ނޭނގެއެވެ. އެމީހުންހެން ޒެހެން ނުވީ ކީއްވެބާއެވެ. ހޫރައިންގެ އެއްވެސް މަސައްކަތާނުލާ އޭނާއަށް ޒެހެންގެ ސަމާލުކަން ހުއްޓުނީ ކޮންގޮތަކުން ހެއްޔެވެ. ހަރަކާތުގައި ގަޔާނުވާކަމުގެ އަސަރުވާއިރު ވެސް ޒެހެންއަށް ބަދަލެއް ނާންނަނީ ކީއްވެބާއެވެ. އެންމެ ފަހުން މިއަދު އެވީ ކަންތައް ނިކަން ދެކެބަލާށެވެ. މިއަދު ޒެހެން އެ އިއްވާލި ބަސްތަކުގައި ހުރި ބުރަދަން ޚުދު އޭނާއަށް ވަޒަންކުރެވޭބާއެވެ. މީހެއްގެ މިޒަޖާއި އޭނާ ހުންނަ ގޮތް ނޭނގެނީސް އޭނާދެކެ ލޯބިވެވޭނީ ކޮންގޮތަކުން ހެއްޔެވެ. އެއަށް ލޯތްބޭ ކިޔަންވެދާނެ ހެއްޔެވެ. ޒެހެންއަށް އެ އުޅެނީ އޮޅުމެއް އަރައިގެން ނޫންބާއެވެ. ހަށިގަނޑުގެ އެދުންތަކެއްވާކަމީ ހޫރައިންއަށް ވެސް އެނގޭ ކަމެކެވެ. އޭނާގެ ހަޔާތުގެ ވަކި ހިސާބަކުން އެ އިހްސާސްތައް ހޭލައިގަތެވެ. ހިތުގައި ލޯބީގެ ޖަޒުބާތު ހޭލައިގަތުމުންނެވެ. އަޒްހަދުދެކެ ވެވުނު ލޯބީގައި އޭނާގެ ގާތްކަމަށް އެދެވުނެވެ. ނަމަވެސް މިހާރު އެ ގުޅުމާމެދު ވިސްނައިފިނަމަ އެނގެނީ އޭރުގެ އެ ޖަޒުބާތުތަކުގައި ހުރި މައުސޫމްކަމެވެ. ދެމެދުގައި އޮންނަންޖެހޭ އިން ހުރަސް ނުކުރެވުނީ އެހެންވެއެވެ. ޒެހެން އެ އުޅެނީ އެފަދަ ޖަޒުބާތެއްގައި ޖެހިގެންބާއެވެ.

ދެ ދުވަސް ފާއިތުވެ ދިޔައިރު ޔުނިވަރސިޓީ ތެރެއިން ހޫރައިންއާ ބައްދަލުކުރާން ޒެހެންއެއް ނާދެއެވެ. ލިބުނު ޒަޚަމްގެ ބޮޑުކަމުން ކަމެއް ނޫނީ އެ ޒަޚަމްގެ ސަބަބުން ޒެހެންގެ ހިޔާލު ހޫރައިންއާ މެދު ބަދަލުވީ ހެއްޔެވެ. ހޫރައިންގެ ހިތަށް އެ ދެ ސުވާލު ވެސް ވެރިވިއެވެ. ޒެހެންގެ ހާލު އެނގެން އޭނާ ބޭނުންވާންވީ ކީއްވެބާއޭ ވެސް ހިތައް އަރައެވެ. ޒެހެންއާ މެދު އޭނާ ކަންބޮޑުވާކަށް ނުޖެހޭނެއޭ އަމިއްލަ ނަފްސައް ވިސްނައިދޭން ހޫރައިން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ކެތްތެރިކަން ކުޑަވަނީއެވެ. ކުރިމަތީގަ ޒެހެން ޒަޚަމްވެގެން ދިޔަ މަންޒަރު ފެނުނީތީއެވެ. ޒެހެންއަށް އަނިޔާއެއް ލިބެން ނޭދޭ ކަމުގެ ޖަޒުބާތެއް އެ ހިތުގައި އޮތްކަމެއް ހޫރައިންނަށް ކުރިއަކުން ނޭނގެއެވެ. ނުބައި ނިޔަތެއްގެ ވެރިއަކަށް ޒެހެން ވާނޭކަމަށް އޭނާގެ އެ ހިތެއް އެއްބަހެއް ނުވެއެވެ. އެއީ ވެސް ޒެހެންއާމެދު ވިސްނި ވަރަކަށް ހޫރައިންގެ ހިތް އޭނާއަށް ބުނެދީން ކަމެކެވެ. ޒެހެންގެ ހާލު އަހާލަން ހިތް ބުނަމުންދިޔަސް އެ ހިތްވަރެއް އޭނާގެ ނެތެވެ. މީހަކާ ވާހަކަނުދައްކާއިރު ޒެހެންގެ ނަން ކިޔުން ވެސް ހޫރައިންއަށް ބޮޑުކަމަކަށް ވާނެއެވެ. އެހެންވިޔަސް އޭނާއަށް އިނދެވެނީ ޒެހެންގެ ޚަބަރެއް އިވޭތޯއެވެ. ހަސީނާ އަތުވެއްޖެނަމަ އޭނާގެ ފަރާތުން ވެސް މިހާރު ހޫރައިންނަށް އުންމީދުކުރެވެނީ ޒެހެންގެ ޚަބަރެއް އިވޭތޯއެވެ. ހޫރައިންގެ ނުކެރުމުގެ ސަބަބު ކަމުގައި ޒެހެންގެ އެއްވެސް އެއްޗެއް އޭނާއަށް އޮޅުން ނުފިލުންވެއެވެ. އެކަން އޭނާ ރަނގަޅަށް ދެނެހުއްޓެވެ. ކަމެއް ހޯދަން އަމިއްލައަށް ވެސް ކޮންމެވެސް ހިތްވަރެއް ލާން ޖެހޭނެކަން ހޫރައިންއަށް އެނގެއެވެ. ހޫރައިންއަށް ކަންތައްކުރަންވީ ގޮތް އެނގުނެއްކަމަކު އެ ގޮތަށް ޢަމަލުނުކުރެވެނީއެވެ. ދިރިއުޅުމުގެ ގިނަ ކަންކަމުގައި އޭނާގެ ހިތްވަރު ނުހުންނަނީއެވެ. ނުކެރެނީއެވެ. ބިރުގަންނަނީއެވެ.

ސްކޫލު ދޮށަށް ހޫރައިންއަށް އާދެވުނުއިރު ބެލެނިވެރީންތައް ވަންނަން ފަށައިފިއެވެ. ޚިޔާލުތަކުގައި ޖެހިފައި އިންވަރުން މިއަދު ހޫރައިންއަށް ޔުނިވަރސިޓީއިން ނުކުމެވުނީ ލަހުންނެވެ. އެހެންވިޔަސް ހަލުވިކޮށް ބާރަށް ހިނގުމަކީ އޭނާ ފަރިތަވެފައި ހުރި ގޮތެވެ. ދޮރޯށީން ވަދެގެން އައި ހޫރައިންގެ ފިޔަވަޅު މަޑުޖެހިލިއެވެ. ޔޫކްމެންގެ ކުލާސް ކައިރީ ތިބި ބެލެނިވެރީންގެ ތެރޭގައި އެ ހުރީ ޒެހެންނެވެ. މީ ކޮންފަދަ ބޮޑު އިއްތިފާގެއް ހެއްޔެވެ. ކުއްލިއަކަށް އެނބުރިލެވެން ހޫރައިންއަށް އުޅުނެވެ. ހަމައެހިނދު އޭނާގެ ހާސްކަމުގެ މައްޗަށް ޟަމީރު އިސްވިއެވެ. އެއްވެސް ކަމަކަށްވުރެ ދަރިފުޅު މުހިންމުކަން ހަނދާންކޮށްދިނެވެ. އޭނާ ލަސްވެއްޖެނަމަ ޔޫކް ކަންބޮޑުވާނެއެވެ. ސުވާލުކުރާނެއެވެ. ހުއްޓި ހުރެފައި ކުރިޔަށް ހޫރައިން ހިނގައިގަތެވެ. ކުލާހާ ކައިރިވެވުމުން ޒެހެންގެ ސޫރަ ފުރިހަމައަށް ހޫރައިންއަށް ފެނުނެވެ. އެ ދެ ލޯ އަވަސްވީ ޒެހެންގެ ޒަޚަމްވީ އަތް ހޯދުމަށެވެ. ބޮޑު ބޭސްގަނޑެއް އަޅާފައިވާތަން ފެނުނެވެ. އަދި އެ އަތުގައި މީހަކު ޖެހުނަ ނުދޭން ސަމާލުވާތީ ދުށްޓެވެ. ދެން ހޫރައިންއަށް ފާހަގަވީ ކުލާސް ތެރެއިން އެއްވެސް ކުއްޖަކު ޒެހެން ފެނިގެން ނޫޅޭކަމެވެ. އެހެންވީރު އޭނާ އެތަނުގައި ކުރަނީ ކީއްބާއޭ ހޫރައިން ހިތައް އެރިއެވެ. އޭނާ އައިސް އެ ހުރީ ކޮންކުއްޖެއް ބަލާބާއެވެ. އާންޓީއާ ސަލާމްކުރަން ޔޫކް ދިޔަ ވަގުތު އަންހެނަކު ޒެންއޭ ކިޔާ ގޮވާލި އަޑު އިވި އެ ދިމާއަށް ހޫރައިންއަށް ވެސް ބަލާލެވުނެވެ. ލޯބިލޯބި އަންހެންކުއްޖެއް ގޮވައިގެން އަންހެނަކު އެ ދިމާއަށް އައެވެ. ޒެހެން ކައިރީ އެތާ ކީއްތޯ ކުރަނީ އޭނާ ސުވާލުކުރަމުން ޒެހެންގެ ރަނގަޅަށް އޮތް މުލައްދަނޑީގައި އަތްއަޅުވާލިއެވެ. ޒެހެން އެނބުރި ޔޫކްގެ ކުލާހަށް ބަލާލުމާއެކު މީހުންގަނޑުގެ ތެރެއަށް އޭނާ ނަޒަރު ހިންގާލިއެވެ. މީހަކު ހޯދާ ފަދައިންނެވެ. ދެން އެ އަންހެންމީހާއާއި ކުޑަކުއްޖާއާއެކު ޒެހެން ހިނގައިގަނެއްޖެއެވެ. އެމީހުންގެ ސަބަބުން ދާން މަޖުބޫރުވެގެން ކަހަލައެވެ.

ޔޫކް ގޮވައިގެން ސްކޫލުން ނުކުތްއިރު ހޫރައިން ވަނީ ހިމޭންވެފައެވެ. ޒެހެންއާއެކު އެ ފެނުނީ ކޮންބައެއްބާއެވެ. ޒުވާން ރީތި އަންހެނެކެވެ. ކުޑަ އަންހެންކުއްޖާ ވަކިން ލޯތްބެވެ. ބޮޑުކޮލަކާއެކު ދޮންކަމުން ރަތްޖަންބެއް ކަހަލައެވެ. އަމިއްލަ ދަރިފުޅު ކައިރީ މިއަދު ސްކޫލު ކިހިނެއްތޯ އަހާލަން ހޫރައިން ހަނދާން ނެތިއްޖެއެވެ. އަޖައިބުވާންޖެހޭ ކަމެކެވެ. މީ ދުވަހަކުވެސް ހޫރައިންއަށް ވީ ގޮތެއް ނޫނެވެ.

މީހަކު ފަހަތުން ގޮވާކަމެއް ހޫރައިން ނުދެނަހުއްޓެވެ. ފުންވެފައިވާ ޚިޔާލުތަކުގެ ސަބަބުން ކަންފަތާ ހަމައަށް އެ އަޑު ނުފޯރީއެވެ. ކިރިޔާ ވެސް ހައިރާތެއްވީ އޭނާގެ އަތަށް ޔޫކް ދަމަންފެށުމުންނެވެ. ހަމައެހިނދު ކޮންމެވެސް މީހަކު ހޫރައިންގެ އަތުގައި ހިފައި ހުއްޓުވައިފިއެވެ. ދުނިޔޭގެ ހަގީގަތުގެ ތެރެއަށް ހޫރައިން ގެނުވީ އެ ބީހުމެވެ. ސިއްސައިގެން ގޮސް ޔޫކްގެ އަތުގައި ބާރަށް ހިފަހައްޓާލެވުނެވެ. ކައިރީގަ ހުރީތީ ފެނުނީ ޒެހެންނެވެ.

"މަޑުކޮށްބަލަ..." ޒެހެން ބުންޏެވެ.

"ދޫކޮށްލާ... ދޫކޮށްލާ... މަންމި އަތުން ދޫކޮށްލާ..." ހޫރައިންގެ ކުރިއަށް ޖެހި ޒެހެންގެ އަތަށް ދަމަމުން ޔޫކް ރުޅިވެރި އަޑަކުން ވާހަކަދެއްކިއެވެ. ޔޫކްގެ ހަރަކާތްތަކުން ޒެހެން ހައިރާންވިއެވެ. އަވަހަށް ހޫރައިންގެ އަތުން ދޫކޮށްލިއެވެ. ފިޔަވަޅެއް ފަހަތަށް އަޅާލިއެވެ. މީ ހޫރައިންއަށް ވެސް އާ މަންޒަރެކެވެ.

"ޔޫކް... އިޓްސް އޯކޭ ދަރިފުޅު. ލުކް... މަންމި އޯކޭ." ހޫރައިން ނިކަން އަވަހަށް ބުނެލިއެވެ.

"ސޮރީ... އަސްލު... ހޫރަށް ވަރަށް ގޮވައިފިން. ސޮރީ އިނގޭ ވަރަށް ބޮޑަށް... މަގުމަތީގަ އަތުގަ ހިފައިގެން ނުވާނެކަން އެނގޭ. އަހަންނަށް ގޯސް ހެދުނީ. ސޮރީ އަދިވެސް." އެ ދެމައިންނަށް ބަލަމުން ޒެހެން ވާހަކަދެއްކިއެވެ.

"ގެއަށް ދޯ ތިދަނީ." ހޫރައިން ހިމޭންވެލުމުން އަނެއްކާ ވެސް ޒެހެން ވާހަކަދެއްކިއެވެ. މިފަހަރު ހޫރައިން އަވަސްއަރުވާލާފައި ދާކަށް ނޫޅުނެވެ. ޒެހެންގެ ސުވާލަށް މަޑުމަޑުން ހޫން ލައްވާލީއެވެ.

"އަތް މިހާރު ރަނގަޅު. ކުޑަކޮށް ތަދުވޭ. ސާދަ ދުވަސް ފަހުން ރޮދިކޮށަން ދާންޖެހޭ... ޗުއްޓީގަ މިހުރީ. މި ހަފްތާ ނިންމާފަ ނުކުންނާނަން. ހޫރްއާ ދިމާވާނެއެއްނު." ޒެހެންގެ އަތަށް ހޫރައިން ބަލާކަން ފާހަގަވެ އޭނާ އޮޅުންފިލުވައިދިނެވެ. ހޫރައިން އެހުރީ އަހަން ނުކެރިފައޭ ޒެހެންގެ ހިތް ބުނާތީއެވެ.

"ހޫމް... ދަނީ..." ހޫރައިން ބުނެލިއެވެ.

"އޯކޭ. ސީ ޔޫ ސޫން." ހިނިތުންވުމަކާއެކު ޒެހެން ބުނެލިއެވެ.

ހޫރައިން އެނބުރި ހިނގައިގަތުމުން ވެސް ޒެހެން ބަލަން ހުރީއެވެ. އޭނާގެ ހިނިތުންވުން ނިކަން ފުޅާވެލިއެވެ. ހުދުހުދު ދަތްތައް ފެންނަވަރަށެވެ. ފުރަތަމަ ފަހަރަށް ހާސްވެގެން ނޫޅެ ހޫރައިން ހަމަޖެހިގެން އޭނާއާ ވާހަކަދައްކައިފިއެވެ. ޔަގީނުން ވެސް އެއީ ލިބުނު ކާމިޔާބެކެވެ. ހިތާހިތުން ﷲ އަށް ޙަމްދުކުރިއެވެ.

ޔޫކްގެ ޔުނީފޯމް ބަދަލުކުރަމުން ދިޔަ ހޫރައިން އާދައިގެ މަތީން އިނީ އެނދުގައި އިށީނދެއެވެ. ކުރިމަތީ ދަރިފުޅު ހުއްޓެވެ. ބޭލި ޔުނީފޯމު ފައިކައިރީ އެނދުމަތީ ބަހައްޓަމުންދިޔައެވެ. ޔޫކް ލައްވަން ނަގާފައި އޮތް ސޯޓު ދިއްކޮށްލުމުން އެކުއްޖާ އެ ލާން ފެށިއެވެ. ޓީޝާޓު ބޮލުން ލައްވަން ހޫރައިން ތައްޔާރުވެލި ވަގުތު ޔޫކް ގޮވާލިއެވެ. ޒެހެންގެ ޚިޔާލުތަކުން އެއްފަރާތްވާން މަޖުބޫރުވީ ދެނެވެ. އެހެންވިޔަސް ޒެހެންއާ މިއަދު ބައްދަލުވީތީ ހިތުގައި މި ދެ ދުވަހު އުނދަގޫ ކުރަމުން އައި ނުތަނަވަސްކަން ފިލައިފިއެވެ. އަމިއްލަ ނަފްސުގެ ފަހުރައް ބާރުދެމުން ހޫރައިން ހިތައް އިއްވާލީ އޭނާ ސުވާލެއް ނުކުރާކަމެވެ. ޒެހެންއަށް ތަފާތު މާނައެއް ނެގިދާނޭ ކަމެއް ނުކުރާކަމެވެ. އަދި ހުރިހާކަމެއް ކިޔާ އެދިނީ ޒެހެން އަމިއްލައަށް ކަމެވެ. ހޫރައިންއަށް ނުވިސްނުނީ މިއަދު ޒެހެންގެ ކުރިމަތީ އޭނާއަށް އައި ބަދަލެވެ. އެކަން އަމިއްލަ ނަފްސަށް ފާހަގަނުވީ ނަމަވެސް ޒެހެންއަށް ފާހަގަވެއްޖެއެވެ.

"މަންމި ސްކޫލުގަ އުޅޭ ކުއްޖެއް ދޯ އެއީ. ޔޫކް އެނގޭ... ގޯސް ކުއްޖެއް އެއީ." ޔޫކް ބުނެލިއެވެ. ހޫރައިން ހައިރާންވިއެވެ. ޔޫކްއަށް ޒެހެން ދެނެގަންނަން އެނގުނީމައެވެ. ޔުނިވަރސިޓީއަކީ ބޮޑެތި ކުދީން ކިޔަވަން އަންނަތަނެއްކަން ޔޫކަށް ބުނެދިނުމުން އޭނާއަށް އެތަންވީ "މަންމިގެ ސްކޫލަ"ށެވެ. ޒެހެންއާ ޔޫކް ބައްދަލުވީ މާދަރީބަހުގެ ދުވަހު ޔުނިވަރސިޓީއަށް އެކުއްޖާ ގޮވައިގެން ހޫރައިން އައީމައެވެ. އެކަމަކު އެއީ ކުޑަ ވަގުތުކޮޅަކަށެވެ. ޓީޝާޓު ލައްވާލުމާއެކު ޔޫކްގެ މޫނުގައި ހޫރައިން ހިފާލިއެވެ. ލޯބިން މޫނުގެ ދެފަރާތުގައި އޭނާ ބޮސްދިނެވެ. އެ ދަރިފުޅަށް ޒެހެން ކިޔާދޭނީ ކިހިނެއްބާއެ ހޫރައިން ހިތައް އެރިއެވެ. މި ހުރިހާ ދުވަހު އޭނާ ވެސް ޒެހެންއާމެދު ޢަމަލުތައް ބަހައްޓަމުން އައީ އޭނާއާ ދޭތެރޭ ޔޫކް މިހާރު އެބަލާ ގޮތަށެވެ. ހިތްހަމަނުޖެހުމާއި ކުޑަވެސް ގަޔާވުމެއްނެތިއެވެ. ދަރިފުޅުގެ ކައިރީ ކޮންމެވެސް އެއްޗެއް ބުނާން ޖެހޭނެކަމުގައި ހޫރައިންއަށް ގަބޫލުކުރެވުނެވެ. ދުވަހަކުވެސް ފިރިހެނަކު އޭނާގެ އަތުގައި ހިފިތަނެއް ޔޫކަށް ނުފެންނާނެއެވެ. ކަންތައްވީގޮތް ކޮންމެވެސް ގޮތަކުން އެ ދަރިފުޅަށް ވިސްނައިދޭން ހޫރައިން ބޭނުންވިއެވެ. އެ ވިސްނުމުގައި ހޫރައިންގެ ނަޒަރު ޔޫކަށް އަމާޒުކޮށްލިއެވެ. އެ ކުއްޖާ ވެސް މަންމަ ބުނަން އުޅޭ އެއްޗަކާމެދު ޝައުގުވެރިވެފައި ހުރި ކަހަލައެވެ. (ނުނިމޭ)