ބޭރު ކުޅިވަރު

ލީގު ފުލުގައި އޮތް އާސެނަލް ޓްރޮފީއަކާއި ގާތަށް

Dec 26, 2021

މިއަހަރުގެ ފުޓުބޯޅަ ސީޒަން ފެށުނުއިރު ޕްރިމިއާ ލީގުގެ ފުލުގައި އޮތް އާސެނަލުން ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާގައި ޓީމު ވަރުގަދަކޮށް ފަސް އަހަރު ފަހުން ޓްރޮފީއެއް ހޯދަފާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

ޔޫރަޕްގެ ގަދަބާރެއްގެ ގޮތުގައި އޮތް އާސެނަލުން މިދިޔަ އަހަރުގެ ސީޒަން ނިންމާލިއިރު އެޓީމު އޮތީ ޕްރިމިއާ ލީގުގެ 16 ވަނައިގައި ކިރިޔާ ރެލިގޭޓް ނުވެ އެވެ.

މިއަހަރުގެ ފުޓުބޯޅަ ސީޒަން ފެށިގެންވެސް އެދެވޭ ކުޅުމެއް ނުދެއްކުމުގެ ސަބަބުން ފުޓުބޯޅަ ދިރާސާ ކުރާ މާހިރުން ކުރިން ބުނަމުން ދިޔައީ އާސެނަލުން މިއަހަރު ރެލިގޭޓް ވެދާނެ ކަމަށެވެ. ނަމަވެސް ކުޅުުން ރަގަޅު ކޮށް އާސެނަލުން މިހާރު އޮތީ އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކުރުމާ ވެސް ވަރަށް ގާތުގަ އެވެ. އަދި ބްރިޓިޝް ކަރަބޯކަޕްގެ ސެމީފައިނަލުގެ ޖާގައެއްވެސް އާސެނަލުން ވަނީ ކަށަވަރު ކޮށްފަ އެވެ.

ކަރަބޯކަޕްގެ ސެމީފައިނަލުން އާސެނަލް ޖާގަ ހޯދާފައިވަނީ ނިމިގެން ދިޔަ ހަފްތާގައި ސަންޑަަލޭންޑާއި ދެކޮޅަށް މޮޅުކުޅުމެއް ދައްކާ މެޗް ކަމިޔާބު ކޮށްގެންނެވެ. އެމެޗް އާސެނަލުން ކާމިޔާބު ކޮށްފައިވަނީ ފަސް ލަނޑު އެއްލަނޑުނެވެ. މެޗްގައި އާސެނަލްގެ މިޑްފީލްޑަރު އެޑީ ނެކެޓިއާ ހެޓްރިކެއް ވެސް ހަދާފައިވެ އެވެ.

ކަރަބޯ ކަޕްގައި އާސެނަލުން ސެމީ ފައިނަލުގެ ފުރަތަމަ ލެގްގައި އަންނަ ޖެނުއަރީ ހަތްވަނަ ދުވަހު ނިކުންނާނީ ޗެމްޕިއަންސް ލީގު އަދި ޕްރިމިއާ ލީގުގައި ވެސް ގިނަ ބައެއްގެ ފޭވަރިޓް ކަމުގައިވާ ލިވަޕޫލާ ދެކޮޅަށެވެ. އިންގްލިޝް ކަރަބޯ ކަޕް ނުވަތަ އެފްއޭކަޕްގެ ސެމީފައިނަލަށް ދެން ދަތުރު ކޮށްފައިވަނީ އެންމެ ފަހުގެ ޔޫއެފާ ޗެމްޕިއަން، ޗެލްސީ އަދި ޓޮޓެންހަމް ހޮޓްސްޕާ އެވެ.

ސަޕޯޓަރުންގެ މެދުގައި މިހާރު އެނމެ ގަދައަށް ދެކެވެމުން ދަނީ ކުރިއަށް އޮތް ހޫނު މޫސުމުގައި އާސެނަލުން ކުރާނެ ޓްރާންސްފާތަކުގެ ވާހަކަ އެވެ. އާސެނަލުން މިހާރު ވަނީ ނެދަލޭންޑްސްގެ އުމުރުން 31 އަހަރުގެ ސްޓްރައިކަރު ޖޮޖީނިއޯ ވައިންއަލްޑަމް އާސެނަލަށް ގެންނާނެ ކަމުގެ އުފާވެރި ހަބަރު ވެސް ދީފަ އެވެ. ނިމިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ލިވަޕޫލް ދޫކޮށް ފްރާންސްގެ ޕީއެސްޖީ އަށް އޭނާ ބަދަލުވި ނަމަވެސް، އެޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ނުލިބި އޭނާ މިހާރު ޕީއެސްޖީގައި ދުވަސްތައް ގުނަމުންދަނީ ބެންޗުގަ އެވެ. ބައެއް މެޗު ތަކުގައި ބެންޗަށް ވެސް ނުނަގަ އެވެ.

ކުޅިވަރު ނޫސް މީޑިއާއެއް ކަމަށްވާ ސްކައި ސްޕޯޓްސް އިން ބުނާ ގޮތުގައި ޕީއެސްޖީން ވައިންއަލްޑަމްގެ ޓްރާންސްފާއަށް އެއްބަސް ވެފައިވަނީ ލޯން އުސޫލުންނެވެ. އާސެނަލް ގައި މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން ފްރާންސްގެ ފޯވާޑް އެލެގްޒާންދްރޯ ލަކަޒެޓް އަދި އިތުބާރު ފޯވާޑް އެޑީ ނެކިޓިއާގެ ކޮންޓްރެކްޓް ވެސް ވަނީ ހަމަވާން ކައިރިވެފަ އެވެ. އެކަމާ އާސެނަލުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

ކަރަބޯ ކަޕްގެ ސެމީފައިނަލަށް ދަތުރުކުރުމާއި އަދި ޕްރިމިއާ ލީގުގައި ބާކީ ވަރަށް މަދު މެޗް ތަކެއް އޮއްވައި އާސެނަލުން ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކުރުމާ ގާތަށް ޖެހުމުގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން އެ ޓީމު މިހާރު ވަނީ ހޯދާފަ އެވެ.