މީގެ 17 އަހަރު ކުރިން ރާއްޖެ ހިމެނޭ ގޮތަށް އެތައް ގައުމަކަށް ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާންތައް ކުރީގެ ދެ ރައީސުން ކަމުގައިވާ މުހައްމަދު ނަޝީދާއި މައުމޫން އަބްދުލް ގައްޔޫމް ހަނދާން އާކުރައްވައިފި އެވެ.
އެގޮތުން މި ކާރިސާގެ ހަނދާންތައް އާކުރައްވައި ދެ ރައީސުން ވެސް މިއަދު ވަނީ ޓުވީޓެއް ކުރައްވާފި އެވެ.
ދެހާސް ހަތަރުވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއަށް ފަހު މި ދުވަސް ފާހަގަކުރަމުން ދިޔައީ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގަ އެވެ.
ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ތަހުނިޔާ ރައްޔިތުންނަށް އަރިސްކުރައްވައި ރައީސް މައުމޫން ވަނީ ސުނާމީ ކާރިސާގައި ދިވެހި ރައްޔިތުން ދެއްކެވި އެއްބައިވަންތަކަން ނަމޫނާއަކަށް ބަލައި ގައުމީ ކަންކަމުގައި ކުރިއަށް ދިއުމަށް އިލްތިމާސް ކުރައްވާފަ އެވެ.
ރައީސް މައުމޫންގެ ޓްވީޓް ރައީސް ނަޝީދު ވަނީ ރީޓްވީޓް ކުރައްވާފަ އެވެ.
މިއަދަކީ އެއްބައިވަންތަކަމުގެ ދުވަސްކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއާއި އެމްޑީޕީގެ ވާދަވެރިންވެސް ބައިބައިވުމާއި ނަފްރަތު އުފެދޭ ކަންކަމާއި ދުރުވާން ޖެހޭ ކަމަށެވެ. އަދި ސުލްހަވެރި ސިޔާސީ ހަރަކާތްތކުގައި ދެމިތިބުމަށް ގޮވާލެއްވި އެވެ.
ދެ ރައީސުން އެކުގައި އެއްބައިވަންތަ ކަމަށް ގޮވާލެއްވިއިރު ކުރިން ދެ ވާދަވެރިންގެ ގޮތުގައި ތިއްބެވި ދެ ބޭފުޅުންނަކީ މިއަދު ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ދެ ޕާޓީގެ އިސްވެރިންނެވެ.
ގައުމީ މައްސަލަތަކުގައި ދެ ރައީސުން އިސްކުރައްވަނީ އަމިއްލަ މަސްހަލަތު ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ދެ ރައީސުންނަށް މިދުވަސްވަރު ވަރަށް ބޮޑަށް އަމާޒުވެފައިވެ އެވެ.