އެމްއޭސީއެލް

ވީއައިއޭގެ އޮޕަރޭޝަން ފަށާގަޑި ބަދަލުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އޮޕަރޭޝަން ފަށާ ގަޑިއަށް ބަދަލު ގެނެސްފި އެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޮންމެ އަހަރެއްގެ ވެސް އަހަރު ނިމޭކޮޅަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަރަށް ބާރު ބޮޑުވެގެންދާ ދުވަސްވަރެއް ކަަމަށެވެ.

އެއީ މި ދުވަސްވަރަކީ ރާއްޖޭގެ ޓޫރިޒަމްގެ ޕީކް ސީޒަނަށް ވެފައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިދުވަސްވަރު ވަރަށް ބޮޑަށް އިތުރުވާތީ އެވެ. މިމަހުގެ މިހާތަނަށް އެކަނިވެސް ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.

މިދުވަސްވަރު ވީއައިއޭގެ އޮޕަރޭޝަނަށް ބާރުބޮޑުވެފައިވާތީ އެ ކުންފުނިން މިހާރު ވަނީ ވީއައިއޭގެ އޮޕަރޭޝަން ފަތިހު 5:00 ޖަހާއިރު ފެށުމަށް ނިންމާފަ އެވެ.

މިބަދަލާ އެއްގޮތަށް ކުރިއަށް އޮތް ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ވީއައއޭގެ އޮޕަރޭޝަން ކުރިއަށްދާނެ ކަމަށްވެސް އެމްއޭސީއެލް އިން މައުލޫމާތު ދީފައިވެ އެެވެ.

އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ބަދަލުގެ ސަބަބުން ރާއްޖޭން ބޭރުން އަންނަ އިތުރު ފްލައިޓް ތަކަށާއި ރާއްޖޭގެ އެތެރޭގެ ދަތުރުތަކުގައި ހަރަކާތްތެރިވާ ފްލައިޓްތައް އުދުހުމުގައި އިތުރު ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

"މިއީ އަޅުގަނޑުމެން އަލަށް ކުރި ކަމެއް ނޫން. މީގެ ކުރިންވެސް ސްކޫލް ބަންދާ އަހަރު ނިމޭކޮޅު މިފަދަ ބަދަލުތައް ގެންނަން. މި ގެނެވުނު ބަދަލުގެ ސަބަބުން މިދުވަސްވަރު ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ހަމައަކަށް އަޅުވަން ފަސޭހަ ވެގެންދާނެ." އޮފިޝަލް ވިދާޅުވި އެވެ.

ވީއައިއޭގައި މިހާރު ކޮންމެ ދުވަހަކު އެވްރެޖުކޮށް 5،000 އަށް ވުރެ ގިނަ ފަތުރުވެރިންނަށް ހިދުމަތްދެ އެވެ.