މާލޭ ސިޓީ ކައުންސިލް

އުތުރު ފަރާތު ބަނދަރަށް ވަނުމަށް ހުއްދަ ދިނުން މެދުކަނޑާލަނީ

Dec 26, 2021

މާލެ އުތުރު ފަރާތު ފަޅުތެރެ ބޭނުންކުރުމުގެ އުސޫލަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާތީ އެ ސަރަހައްދަށް ފަޅުހުއްދަ ދޫކުރުން މެދުކަނޑާލުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ސިޓީ ކައުންސިލްގެ ނިންމުމަށް އަމަލުކުރާނީ ކުރިއަށް އޮތް ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުން ފެށިގެންނެވެ.

ފަޅު ހުއްދަ ދިނުން މެދުކަނޑާލަނީ މާލޭ އުތުރު ފަރާތު ބޭންކު އޮފް މޯލްޑިވްސް ކުރިމަތި ފަސް ނަމްބަރު ފާލަމުން ފެށިގެން ހުޅުމާލެ ފެރީޓާމިނަލް އާއި ދެމެދު ޒޯން އެކެއް އަދި ޒޯން ދޭއް ހިމެނޭ ފަޅުގެ ސަރަހައްދަށެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އެ ސަރަހައްދު ބޭނުންކޮށް ފަސިންޖަރުން އަރުވާ ބޭލުމުގެ ހިދުމަތް ދޭ ފަރާތްތަކުގެ އުޅަނދުފަހަރަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ ގޮތުން އެސަަރަހައްދުގެ ފަޅުތެރެއަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފެށުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

ކައުންސިލްގެ ނިންމުމާ ގުޅިގެން މަސްވެރިންގެ މައިޒާނުގެ އިރުން ނަސަންދުރަ ކުރިމަތިން ޒޯން އެކެއްގައި އަޅާފައިހުރި އުޅަނދު ފަހަރާއި، މަސްވެރިންގެ މައިޒާނުގެ ހުޅަނގުން ބޭންކު އޮފް މޯލްޑިވްސް ކުރިމަތިން އޮންނަ ފާލަމުގެ ހުޅަނގު ކަނާ ދެމެދު ޒޯން ދޭއްގައި އަޅާފައި ހުރި އުޅަނދުތައް ޖެނުއަރީ 31 ވަނަ ދުވަހުގެ އިރުއޮއްސި 6:00ގެ ފަހުން އެސަރަހައްދުގައި އަޅާފައި ނުބޭއްވުމަށްވެސް ކައުންސިލުން އަންގާފައިވެ އެވެ.

ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި އޮންނަ ބަނދަރު ސަރަހައްދު އާންމުކޮށް ބޭނުންކުރަނީ ބައެއް ރިސޯޓުތަކުގެ އުޅަނދުތަކާއި މާލެ އަތޮޅު ރަށްތަކަށް ދަތުރުކުރާ އުޅަނދުތަކެވެ. ނަސަންދުރަ ކުރިމަތީގައިވާ ބަނދަރު ބޭނުންކުރަނީ ހުޅުލެއާއި މާލެއާއި ދެމެދު ދަތުރުކުރާ ފެރީތަކުންނެވެ.