ފިނޭންސް މިނިސްޓްރީ

އުސޫލާ ހިލާފުވި 298 ބިޑް ކޮމިޓީ ސަސްޕެންޑްކޮށްފި

ބިޑުތައް ހަވާލުކުރުމުގައި އަމަލުކުރަން ޖެހޭ އުސޫލުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ ދައުލަތުގެ އިދާރާތަކާއި އޮފީސްތައް ހިމެނޭ ގޮތަށް އެތައް ތަނެއްގެ ބިޑް ކޮމިޓީތައް ސަސްޕެންޑްކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި ސާކިއުލާއެއްގައި ބުނެފައިވަނީ ބަޖެޓް ތަންފީޒު ކުރުމާ ގުޅޭ މުއާމަލާތްތައް އިލެކްޓްރޯނިކް ވިއުގައަކުން ގުޅުވާލުމަށް ގާއިމްކޮށްފައިވާ "ބަނޑޭރި ޕޯޓަލް" ގައި ރަޖިސްޓްރީ ނުކޮށް އޮތުމުގެ ސަބަބުން 298 އޮފީހެއްގެ ބިޑް ކޮމިޓީ ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

މީގެ ތެރޭގައި އައިޖީއެމްއެޗާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއެކު އަތޮޅުތަކުގެ ގިނަ އަދަދެއްގެ ސްކޫލުތަކާއި ހޮސްޕިޓަލްތަކާއި ކައުންސިލްތައް ވެސް ހިމެނެ އެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ސެޕްޓެމްބަރު މަހު ނެރުނު ސާކިއުލާއެއްގައި ބުނެފައިވާ ގޮތުގައި ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން ދައުލަތުގެ އޮފީސްތަކުން ކުރިއަށް ގެންދާ ޕްރޮކިއުމަންޓްތަކަށް ހުއްދަ ދެވޭނީ އެ އޮފީހެއްގެ ބިޑް ކޮމިޓީ ބަނޑޭރި ޕޯޓަލްގައި ރަޖިސްޓްރީކޮށްފައިވާނަމަ އެވެ.

ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު އަވަސް އަށް ވިދާޅުވީ ބަނޑޭރި ޕޯޓަލްގައި ރަޖިސްޓްރީ ނުކުރާހާ ހިނދަކު ބިޑް ކޮމިޓީން އެއްވެސް ފަރާތަކަށް ބިޑް އެވޯޑް ނުކުރާނެ ކަމަށެެވެ. ޕޯޓަލްގައި ރަޖިސްޓްރީ ނުވެ ތިބި އޮފީސްތައް ރަޖިސްޓްރީ ނުކޮށް ތިބި ސަބަބު ބަލައި ދިމާވި ދަތިތަައް ހޯދައި އެހީތެރިވަމުންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ބަނޑޭރި ޕޯޓަލްގައި ރަޖިސްޓްރީ ނުކޮށް އެއްވެސް އޮފީހަކަށް ބިޑެއް ހަވާލުނުކުރެވޭ ގޮތަށް ހެދީ ވެންޓިލޭޓަރުތަކުގެ ހިޔާނާތާއި ގުޅިގެން ސިޔާސީ އެއްވެސް ބޭފުޅަކު ބިޑް ކޮމިޓީގައި ނުތިބޭ ގޮތަށް އުސޫލު ބަދަލުކުރުމަށްފަހު އެވެ. އަދި އޭގެ ފަހުން ބިޑުތަކުގެ މައުލޫމަތުތައް ޕޯޓަލްއަށް އެޅުމުން ބިޑު ކޮމިޓީތަކުގައި ސިޔާސީ އެއްވެސް ބޭފުޅަކު ހިމެނޭތޯ ފިނޭންސް މިނިސްޓްރީން ދިޔައީ ބަލަމުންނެވެ.