ގޮންޖެހުންތަކެއް ހުރި ނަމަވެސް މި ސަރުކާރަށް އިއްޔެ ހަ މަސް ދުވަސް ވެގެންދިޔައިރު މާލީ އަދި އިގުތިސާދީ ނަންބަރުތައް ފެންނަނީ ވަރަށް އުންމީދީކޮށެވެ.
ސަރުކާރަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދައުލަތުގެ ދަރަންޏެވެ.
ދައުލަތުގެ ޖުމްލަ ދަރަނި މިދިޔަ އަހަރު ނިމުނުއިރު ހުރީ 124 ބިލިއަން ރުފިޔާ ގައެވެ.
ދަރަނި ބޮޑުވި ނަމަވެސް ސަރުކާރުން ނިންމީ ފައިސާ ޗާޕުކުރުން ހުއްޓާލުމަށެވެ. އަދި ލިބޭ އާމްދަނީއަކުން ހަރަދުތައް ހަމަޖެއްސުމަށެވެ. އެކަމުގެ ހެޔޮ ނަތީޖާ ނަންބަރުތަކުން ފެންނަމުންވެސް އެބަދެ އެވެ.
އެ ގޮތުން ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅުތަކާއެކު މި އަހަރުގެ ކުރީކޮޅު ދައުލަތުގެ އާމްދަނީއަށްވުރެ ހަރަދުތައް ހުރީ ދަށުގައެވެ.
އާމްދަނީއަށް ވުރެ ހަރަދު މި ވަގުތު އިތުރު ނަމަވެސް އެ އަދަދު ހުރީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އަދިވެސް ދަށުގަ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ލޯނުތައް ދެއްކުމަށް ކުރި ހޭދައާއެކު ދައުލަތުގެ ހަރަދު މި އަހަރުގެ މިހާތަނަށް ހުރީ 15.2 ބިލިއަން ރުފިޔާ ގައެވެ. މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 17.1 ބިލިއަން ރުފިޔާ ގައެވެ.
ލޯނަށް ކުރި ހޭދަ ނުހިމަނާ މި އަދަދު މި އަހަރު 14.3 ބިލިއަން ރުފިޔާގައި ހުރިއިރު މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 16.1 ބިލިއަން ރުފިޔާ ގައެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން އެ އަހަރުގެ ނިޔަލަށް ހަރަދު ހުރީ ހަތް ބިލިއަން ރުފިޔާ ގައެވެ.
ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 15.5 ބިލިއަން ރުފިޔާ އެވެ.
މީގެ ތެރޭގައި މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން އެ އަހަރުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު ތިން ބިލިއަނަށްވުރެ ގިނަ ރުފިޔާ އާއި މި އަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި ލިބުނު 12.4 ބިލިއަން ރުފިޔާ ހިމެނެ އެވެ.
ދައުލަތަށް މި އަހަރު ލިބުނު އާމްދަނީ އާއި ދާދި އެއްވަރެއްގައި ހަރަދުތައް ހިފެހެއްޓިފައިވާއިރު އިތުރުވަމުންދާ ފަތުރުވެރިންގެ ނަންބަރުތަކުން އިގްތިސާދާ މެދު ކުރެވޭ އުންމީދު ބޮޑެވެ. އިގްތިސާދު ނަގާ ކޮޅަށް ޖެހޭ ކަމުގެ ޔަގީންކަން ބޮޑެވެ.