ޗެލްސީގެ ކުޅުންތެރިން ޕްރެކްޓިހުގައި ދައްކާ ހިތްވަރާއި މެޗުގައި ކުޅޭ ކުޅުން ހާސްބައި ތަފާތު ކަމަށާއި މެޗުގައި ކުރާ މަސައްތަކަކީ ގަބޫލުނުކުރެވޭ ކަމަށް ކޯޗު ހޮސޭ މޮރީނިއޯ ބުނެފި އެވެ.
އޭނާ މިހެން ބުނީ ރޭގެ މެޗުން މޮލުވެ 35 ޕޮއިންޓާއެކު އިނގިރޭސި ލީގުގެ އެއްވަނާގައި އޮތް ލެސްޓާސިޓީ އަތުން ރޭ 2-1އިން ބަލިވި މެޗަށް ފަހު އެވެ. މި ބައްޔާއެކު ޗެލްސީ އޮތީ 15 ޕޮއިންޓާއެކު 16 ވަނާގަ އެވެ.
"އަހަރެން މިހާތަނަށް ކުޅުންތެރިންނާމެދު ޝަކުވާ ނުކުރަން. އެކަމަކު ޕްރެކްޓިހުގައި ކުރާ މަސައްކަތާއި އަޅާބަލާއިރު މެޗުގައި މިކުރާ މަސައްކަތް ގަބޫލެއްނުކުރެވޭ. އަހަރެންގެ އެންމެ މޮޅު ހުނަރަކީ މެޗުގައި އަހަރެންގެ ކުޅުންތެރިން ކުރާ ކަންތައްތައް ދެނެގަތުން. އެކަމަކު އަހަރެންގެ މަސައްކަތާމެދު އަމިއްލަ އަށް ލަދުގަނޭ މިހާރު،" މޮރީނިއޯ ބުންޏެވެ.
މިދިޔަ ސީޒަނުގައި ޗެލްސީ އަށް ލީގު ޗެމްޕިއަންކަން ހޯދައިދިން ކޯޗު ބުނީ މިދިޔަ ސީޒަނުގައި ކުޅުންތެރިން ތައްޔާރުކުރިއިރު އެމީހުންގެ ކިބައިން ފެނުނު އިތުބާރާ އަޅާބަލާއިރު މިހާރު ކުޅުންތެރިން ތިބީ އެހާލަތުގައި ނޫން ކަމަށެވެ. އަދި ކުރިން ދެއްކި ގާބިލްކަން މިހާރު ކުޅުންތެރިންނަށް ނުދެއްކި އެއް ފެންވަރެއްގައި ނުހިފެހެއްޓޭ ކަމަށެވެ.
މެޗުގެ ވަރަށް ކުރީކޮޅު އެޑެން ހަޒާޑް ބާލަން ޖެހުމުން މޮރީނިއޯ ބުނީ ކުޅުންތެރިޔާގެ ފުރަތަމަ ވާހަކަ އަކީ އޭނާ އަށް ދެން ނުކުޅެވޭނެ ކަމަށް ބުނުން ކަމަށެވެ. ނަމަވެސް އިރުކޮޅަކުން ކުޅެވޭތޯ މަސައްކަތް ކުރެވިދާނެ ކަމަށް ބުނި ކަމަށާއި ނަމަވެސް ފުރަތަމަ ދެއްކި ވާހަކައިން ކުޅުންތެރިޔާ އަށް ސީރިއަސް އަނިޔާއެއްވެފައިވާކަމަށް ގަބޫލު ކުރަންޖެހޭ ކަމަށެވެ. މި ސީޒަނުގައި އަދި ގޯލެއް ޖެހިފައިނުވާ ކުޅުންތެރިޔާ ބޭލީ ހަޒާޑްގެ ވިސްނުން އެގޮތަށް ހުރުމުން ކަމަށް ވެސް މޮރީނިއޯ ބުންޏެވެ.
ތާވަލުގެ 15ވަނާގައި އޮތުމަކީ ރެލިގޭޝަން ޒޯނުގައި އޮތުން ކަމަށާއި ނަމަވެސް ޗެލްސީ ރެލިގޭޝަނާ ހަނގުރާމަ ނުކުރާނެ ކަމަށް ވެސް މޮރީނިއޯ ބުންޏެވެ. އަދި މި ސީޒަނުގައި ގަދަ ހަތަރަކަށް އެރުމަކީ ވުމަށްވުރެ ނުވުން ކައިރި ކަމެއް ކަމަށާއި ނަމަވެސް ޗެލްސީ އަށް ގަދަ ހަޔަކަށް އެރިދާނެ ކަމަށް ވެސް މޮރީނިއޯ ބުންޏެވެ.